އަންނަ ދިރާސީ އަހަރަށް ދަރިވަރުން ސްކޫލްތަކަށް ވެއްދުމަށްޓަކައި ފޯމު ހުށަހެޅުމަށް އިތުރު ފުރުސަތެއް ތަޢުލީމީ ވުޒާރާއިން ދީފިއެވެ.

ތަޢުލީމީ ވުޒާރާއިން ބުނީ މާލޭ ސަރަހައްދުގެ ސްކޫލްތަކަށް އަލަށް ދަރިވަރުން ވެއްދުމަށާއި އެއް ސްކޫލުން އަނެއް ސްކޫލަށް ދަރިވަރުން ބަދަލު ކުރުމަށް މެއި 15 އިން ފެށިގެން މެއި 16 ގެ މެންދުރު 2:00 ޖެހުމާ ހަމައަށް ފޯމު ހުށަހެޅުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.

މި ފެށޭ ދިރާސީ އަހަރުގައި މާލޭގެ ސްކޫލްތަކުގައި ކިޔެވުމަށް އަތޮޅުތެރޭގެ ސްކޫލްތަކުން 790 ދަރިވަރުން މިހާތަނަށް ވަނީ ފޯމް ހުށަހަޅައިފައެވެ. ހަމައެއާއެކު މާލެ ސަރަހައްދުގެ ސްކޫލްތަކުގެ ގްރޭޑް 1 އަށް ވެއްދުމަށް ޖުމްލަ 2290 ފޯމް ވަނީ ހުށަހަޅާފައެވެ.

އޭގެ އިތުރުން ގްރޭޑް 1 ފިޔަވާ އެހެނިހެން ގްރޭޑްތަކަށް ވެއްދުމަށް 1450 ފޯމް ހުށަހަޅާފައިވާއިރު މާލެ ސަރަހައްދުގެ އެއް ސްކޫލުން އަނެއް ސްކޫލަށް ބަދަލުވުމަށް 660 ދަރިވަރަކު ފޯމް ހުށަހަޅާފައިވެއެވެ.

ރާއްޖޭގެ ސްކޫލްތަކުގެ އަހަރީ ޗުއްޓީ ފަށާފައި ވަނީ އޭޕްރީލް 30 ވަނަ ދުވަހުއެވެ. އެއްމަސް ދުވަހުގެ ބަންދަކަށްފަހު ދިރާސީ އާ އަހަރުގެ ކިޔެވުން ފަށާނީ މި މަހުގެ 26 ވަނަ ދުވަހު އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން