މިދިޔަ 6 މަސް ދުވަހުގެ ތެރޭގައި 554 މައްސަލައެއްގެ ތަހުގީގު ނިންމައި ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށް ފުލުހުންގެ އިދާރާއިން ހާމަކޮށްފިއެވެ.

ފުލުހުންގެ ވޭތުވެދިޔަ 6 މަސްދުވަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ 6 މަސްދުވަހުގެ ތެރޭގައި އެކި މައްސަލަތަކުގައި 3691 މީހުން ވަނީ ފުލުހުންގެ ހައްޔަރަށް ގެންގޮސްފައެވެ.

އޭގެ އިތުރުން ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން 554 މައްސަލައެއްގެ ތަހުގީގު ނިންމައި ދައުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާއިރު، ކުރިން ތަހުގީގު ކޮށްފައިވާ 42 މައްސަލައެއްގައި ކޯޓު މަރުހަލާގައި ވަނީ ހުކުމް އިއްވާފައެވެ.

ފުލުހުން ބުނީ މިދިޔަ ހަމަސް ދުވަހުގެ ތެރޭގައި މަސްތުވާތަކެއްޗާ ދެކޮޅަށް 309 އޮޕަރޭޝަން ހިންގައި، 35 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށެވެ. އަދި ވައްކަމުގެ އެކި މައްސަލަތަކުން 4 މިލިއަނެއްހާ ރުފިޔާ ހޯދާފައިވާ ކަމަށްވެސް ތަފާސްހިސާބުގައިވެއެވެ.

ހަމައެއާއެކު ގާނޫނުތަކާއި ގަވާއިދުތަކަށް ރައްޔިތުން އަހުލުވެރިކުރުވުމަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމްތައް ފުލުހުންގެ އިދާރާއިން ހިންގާފައިވާއިރު ފާއިތުވި 6 މަސްދުވަހުގެ ތެރޭގައި ރާއްޖެއާއި ރާއްޖޭން ބޭރުން ޖުމްލަ 142 ޕްރޮގްރާމެއްގައި 899 ވަނީ ތަމްރީން ކޮށްފައެވެ.

މިސަރުކާރު ވެރިކަމާ ޙަވާލުވީ ފަހުން ފުލުހުންގެ ޚިދުމަތުން ދަނީ ޖިނާޢީ ޢަދުލުގެ ނިޒާމުގެ ތެރެއިން އަވަހަށް ފިޔަވަޅު އެޅެން ހުރި ކަންކަން ފާހަގަކޮށް އަވަސް ފިޔަވަޅު އެޅުމަށް މަސައްކަތް ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން