ފޮތްތައް ރަށްރަށަށް ފޮނުވުމުގެ މަސައްކަތުގައި ފުލުހުން
ފޮތްތައް ރަށްރަށަށް ފޮނުވުމުގެ މަސައްކަތުގައި ފުލުހުން
މިފެށުނު ދިރާސީ އަހަރަށް ދަރިވަރުންނަށް ބޭނުންވާ ޓެކްސްޓް ފޮތްތައް އެންމެ ލަސްވެގެންވެސް މިއަދު ސްކޫލްތަކަށް ލިބޭނެ ކަމަށް ތަޢުލީމާބެހޭ ވަޒީރު ޑރ. އިސްމާއީލް ޝަފީއު ރޭ ވިދާޅުވެއްޖެއެވެ.

ޑރ. ޝަފީޢު މިހެން ވިދާޅުވެފައި ވާއިރު، މޫސުން ގޯސްވުމުގެ ސަބަބުން ދަތުރުފަތުރު ކުރުމުގައި ދިމާވި ދަތިތަކުގެ ސަބަބުން ބައެއް ރަށްރަށަށް ޓެކްސްޓް ފޮތްތައް ކުރިން ތާވަލުކުރިގޮތަށް ފޮނުވިފައެއް ނުވެއެވެ.

ދަޢުލަތުގެ މީޑިއާގައި ވާހަކަފުޅު ދައްކަވަމުން ޑރ. ޝަފީޢު ވިދާޅުވީ، ދިރާސީ އައު އަހަރަށް ދަރިވަރުންނަށް ބޭނުންވާ ފޮތްތައް ރަށްރަށަށް ގެންދިއުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. އެގޮތުން މިމަހުގެ 16ވަނަ ދުވަހު ބޯޓަށް ލޯޑު ކުރި ފޮތްތަކެއް ވެސް ބައެއް ރަށްރަށަށް ނުގެންދެވި އެބަހުރިކަމަށް ވަޒީރު ވިދާޅުވިއެވެ.

އެގޮތުން ފޮތް ފޯރުކޮށްދިނުން އެންމެ ލަސް ވަނީ ދެކުނުގެ ރަށްތަކަށް ކަމަށާއި، މިއަދު އެންމެ ލަސްވެގެން ފޮތްތައް ލިބޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، މި ސަރުކާރުން ވެރިކަމާ ޙަވާލުވީއިރު ފޮތް ޕްރިންޓްކުރާ ބޮޑެތި ޕްރިންޓިން ފަރާތްތަކާއެކު ވެފައިވާ ކޮންޓްރެކްޓްތައް ހުރީ ހަމަވެފައި ކަމަށާއި، އެހެންކަމުން ފުރަތަމަ ކުރަން ޖެހުނު އެއް މަސައްކަތަކީ މާލިއްޔަތު ގާނޫނުގައި ބުނާ މަރުހަލާތައް ފުރިހަމަކުރުމަށްފަހު އެ މަސައްކަތް ކުރާނެ ފަރާތްތަކެއް ކަނޑައެޅުން ކަމަށެވެ.

އޭގެ އިތުރުން ބައެއް ކީ ސްޓޭޖުތަކުގެ ފޮތްތަކުގައި ރާއްޖޭގެ ސަގާފަތާއި އާދަކާދައާ ނުގުޅޭ ކަންތައްތައް ހުރުމުން މިފަހަރު ފޮތް ޕްރިންޓުކުރީ އެ ތަކެތި ނުހިމަނާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ރަށްރަށުގެ ސްކޫލުތަކަށް ޓެކްސްޓް ފޮތްތައް ފޮނުވަމުން ދާއިރު، އެއްމަސް ދުވަހުގެ ބަންދަކަށްފަހު ދިރާސީ އާ އަހަރުގެ ކިޔެވުން ފަށާފައިވަނީ މި މަހުގެ 26 ވަނަ ދުވަހު އެވެ. ތަޢުލީމީ ވުޒާރާއިން ބުނީ، މި އަހަރު 96،000 އަށްވުރެ ގިނަ ދަރިވަރުން އެކި ސްކޫލުތަކުގައި ކިޔަވާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން