ސައްމާހުގެ މައްސަލަ ބައްލަވާ ހައި ކޯޓުގެ ބެންޗު
ސައްމާހުގެ މައްސަލަ ބައްލަވާ ހައި ކޯޓުގެ ބެންޗު
ފަނޑިޔާރުން ހަވަރަށް ދިނުމަކީ ޕީޖީ އޮފީހަށް އޮތް ލައިސަންސެއް ނޫން ކަމަށް ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ފައިސަލް ވިދާޅުވެއްޖެއެވެ.

ފަނޑިޔާރު ފައިސަލް މިމޭރުމުން ވިދާޅުވީ، ވ. ކެޔޮދޫ، ދޭލިޔާގޭ މޫސާ އަހުމަދު މަރާލި މައްސަލާގައި ދަޢުވާ އުފުލާފައިވާ އދ. މާމިގިލީ ސޭޑީގްރޯވް، އިބްރާހިމް ސައްމާހު އަހުމަދު ފަތުހީގެ ބަންދު މައްސަލާގައި ސުޕްރީމް ކޯޓުން ކުރި އަމުރަށް ހައިކޯޓުން އަމަލުކޮށްފައި ނުވާކަމަށްބުނެ ޕީޖީ އޮފީހުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށައެޅުމާ ގުޅިގެންނެވެ.

ޕީޖީ އޮފީހުން ސުޕްރީމް ކޯޓަށް ފޮނުވި ސިޓީގައި ބުނެފައިވަނީ މާފަންނު އައިޓަމްސް ފިހާރަ ކައިރީގައި ވ. ކެޔޮދޫ ދޭލިއާގޭ މޫސާ އަހުމަދު މަރާލި މައްސަލާގައި ދައުވާކޮށްފައިވާ އިބްރާހިމް ސައްމާހު އަހުމަދުގެ ބަންދާ މެދު ހައި ކޯޓުން ގޮތެއް ނިންމަން ސުޕްރީމް ކޯޓުން ދިން ވަގުތު ހަމަވިއިރު ވެސް ހައިކޯޓުން ގޮތެއް ނިންމާފައި ނުވާކަމަށެވެ.

އެހެންކަމުން އެ މައްސަލާގައި ފިޔަވަޅެއް އަޅައިދިނުމަށް ޕީޖީ އޮފީހުން ވަނީ އެދިފައެވެ. އަދި ހައިކޯޓުގައި އެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މައްސަލަ ޖޭއެސްސީ އަށް ހުށަހެޅުމާމެދު މަޝްވަރާކުރަމުންދާ ކަމަށްވެސް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.

އެކަމާ ގުޅިގެން ސައްމާހުގެ ބަންދު މަޖިލީހުގައި އިއްޔެ ފަނޑިޔާރު މުހައްމަދު ފައިސަލް ވިދާޅުވީ ފަނޑިޔާރުން އަމަލު ކުރާ ގޮތަކާ މެދު ހިތްހަމަނުޖެހޭނަމަ، އެ މައްސަލައެއް ޖޭއެސްސީ އަށް ހުށަހެޅުމާމެދު އިއުތިރާޒު ނުކުރަށްވާ ކަމަށެވެ. ނަމަވެސް ފަނޑިޔާރުން ހަވަރަށް ދިނުމަކީ ޕީޖީ އޮފީހަށް އޮތް ލައިސަންސެއް ނޫން ކަމަށް ފަނޑިޔާރު ފައިސަލް ވިދާޅުވި އެވެ.

ހަމައެއާއެކު ހައި ކޯޓުގެ ފަނޑިޔާރުންނަށް ފިޔަވަޅު އަޅައިދިނުމަށް ސުޕްރީމް ކޯޓުގައި ދައުލަތުގެ ޕްރޮސިކިއުޝަނުން އެދޭކަމަށް ބުނެ މީޑީއާއަށް މަޢުލޫމާތު ދިނުމަކީ ވަރަށް ޒިންމާދާރުކަން ކުޑަކަމެއް ކަމަށާއި، ހިނގަމުންދާ މައްސަލައަކަށް ނުފޫޒު ފޯރުވުމަށް ކުރެވޭ ކޮންމެ ކަމަކަށް ކޯޓުން އަޅަން ޖެހޭ ކޮންމެ ފިޔަވަޅެއް އަޅާނެ ކަމަށް ފަނޑިޔާރު ފައިސަލް ވަނީ ވިދާޅުވެފައެވެ.

"އަޅުގަނޑަށް މައްސަލައެއް ނެތް މިއީ ނަސޭހަތެއް ކަމަށް ބެއްޔަސް ނޫނީ އިންޒާރެއް ކަމަށް ބެއްލެވިޔަސް." އިއްޔެގެ އަޑުއެހުމުގައި ޕީޖީ އޮފީހަށް ރައްދު ދެއްވަމުން ފަނޑިޔާރު ފައިސަލް ވިދާޅުވިއެވެ.

ސައްމާހު ބަންދުން ދޫކޮށްލި މައްސަލާގައި، ދައުލަތުގެ މައްޗަށް ސުޕްރީމް ކޯޓުން ކުރި އަމުރުގައި އޮތީ ހައި ކޯޓުން ގޮތެއް ކަނޑައަޅަންދެން ސައްމާހު ރިމާންޑް ޖަލެއްގައި ބަންދުކުރަން އަންގާފައި ކަމަށް އިއްޔެގެ އަޑުއެހުމުގައި ހައިކޯޓުގެ ފަނޑިޔާރުން ވަނީ ވިދާޅުވެފައެވެ. މި މައްސަލާގައި ހައި ކޯޓުން ސައްމާހުގެ ބަންދާ މެދު ގޮތެއް ނިންމަން އަޑުއެހުމެއް ނުބޭއްވުމުން، ސައްމާހު ވަނީ މިނިވަންވެފައި ކަމަށް ޕީޖީން ބުނެއެވެ.

މި މައްސަލަ ބައްލަވާ ހައި ކޯޓުގެ ބެންޗުގައި ތިއްބަވަނީ ފަނޑިޔާރު ފާތިމަތު ފަރުހީޒާ (ރިޔާސަތު) އާއި ފަނޑިޔާރު މުހައްމަދު ފައިސަލް އަދި ފަނޑިޔާރު އަބްދުލް މާނިއު ހުސެއިންނެވެ.

މޫސާ އަހްމަދުގެ މަރުގެ މައްސަލައިގައި ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ ދައުލަތުން އުފުލާފައިވާ އިބްރާހީމް ސައްމާހު އަހްމަދުގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ މިދިޔަ ޖެނުއަރީ މަހުގައެވެ.

ދައުލަތުން އެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފުކޮށް، އިސްތިއުނާފުގެ ޝަރީއަތް ނިމެންދެން ސައްމާހު ބަންދު ކުރުމަށް އެދުނު ނަމަވެސް ހައި ކޯޓުން ނިންމީ އެފަދަ އަމުރެއް ނެރޭނެ ތަނެއް ނެތް ކަމަށެވެ.

ސެޕްޓެމްބަރު 24، 2017 ވަނަ ދުވަހު މާފަންނު އައިޓަމްސް ފިހާރަ ކައިރީ ހިނގި މި މާރާމާރީގައި ލިބުނު ޒަހަމްތަކާއި ގުޅިގެން މޫސާ ހޮސްޕިޓަލަށް ގެނައިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ވަނީ މަރުވެފަ އެވެ. އެ މައްސަލާގައި ދައުލަތުން ދައުވާ އުފުލީ ފަސް މީހެއްގެ މައްޗަށެވެ. އެއީ އިބްރާހިމް ސައްމާހު އަހުމަދު ފަތުހީއާއި، އަލީ ހަސަންއާއި، މުހައްމަދު ރިޔާޒްއާއި، އަހުމަދު އީޖާދު މުހައްމަދު އަދި މުހައްމަދު ނާޝިޒް ނާޒިމްގެ މައްޗަށެވެ.

އޭގެ ތެރެއިން ސައްމާހުގެ މައްޗަށް ކޮށްފައިވަނީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާއާއި މަގްބޫލު ސަބަބެއް ނެތި އާންމު ތަނެއްގައި ތޫނު އެއްޗެއް ގެންގުޅުމުގެ ދައުވާ އެވެ. ނާޝިޒްގެ މައްޗަށް ކުރީ މަގްބޫލު ސަބަބެއް ނެތި އާންމު ތަނެއްގައި ތޫނު އެއްޗެއް ގެންގުޅުމުގެ ދައުވާއާއި، ތޫނު އެއްޗެއް ބޭނުން ކޮށްގެން މާރާމާރީ ހިންގުމުގެ ދައުވާ އެވެ. ބާކީ ތިބި ތިން މީހުންނަށް ކޮށްފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ އެވެ.

އޭގެތެރެއިން ކުށް ސާބިތުވީ ސ. ހިތަދޫ, މުޑުދާސްގެ، އަލީ ހަސަންގެ މައްޗަށެވެ. އޭނާ 15 އަހަރު ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ. އަދި ނ. ޅޮހީ، ކަނީރުމާގެ، މުހައްމަދު ރިޔާޒު އާއި މ. ދިއްގަރު، ދެބުދާރުގެ، އަހުމަދު އީޖާދު މުހައްމަދުގެ މައްޗަށް މޫސަ މަރާލުމުގައި ބައިވެރިވި ކަމުގެ ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ނިންމާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން