ތަރައްގީގެ މަޝްރޫއުތަކަށް ފައިސާ ހޯދުމުގައި ދިމާވާ ދަތިތައް ހައްލުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ސަމޯއާގެ ބޮޑުވަޒީރު ފިއާމީ ނައޮމީ މަޓަފާއާއެކު މަޝްވަރާކުރައްވައިފި އެވެ.

އެ މަޝްވަރާތައް ކުރިއަށް ދިޔައީ ހަތަރުވަނަ އިންޓަރނޭޝަނަލް ކޮންފަރެންސް އޮން ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް) ގައި ބައިވެރިވެވަޑައިގަތުމަށް އެންޓީގާ އެންޑް ބާބިޔުޑާއަށް ރައީސުލްޖުމްހޫރިއްޔާ މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ހަވާސާގަ އެވެ.

އެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މޫސުމީ ބަދަލުތަކުގެ ނޭދެވޭ އަސަރުތަކާއި ދެކޮޅަށް ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތާއި ރާއްޖެއިން މި މަސައްކަތުގައި އަޅާފައިވާ ހަރުދަނާ ބައެއް ފިޔަވަޅުތަކުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. ބޮޑުވަޒީރުގެ ވާހަކަފުޅުގައި ސަމޯއާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ހިއްޞާކުރައްވާ، އެ ކަމަނާ ވަނީ ސިޑްސްގެ އެއްބައިވަންތަކަމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުންވެސް ވަނީ ތަރައްގީގެ މަޝްރޫޢުތަކަށް ފައިސާ ހޯދުމުގައި ދިމާވާ ދަތިތައް ފާހަގަ ކުރައްވާ، އެ ކަމުގައި އިތުރު އެހެނިހެން ހައްލުތައް ހޯދުމާ ބެހޭގޮތުން މަޝްވަރާ ކުރައްވާފައެވެ.

ރާއްޖެއާއި ސަމޯއާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމްކޮށްފައިވަނީ 2 އޮގަސްޓް 1993 ގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން