ކައުންސިލްތަކުގެ ދަރަޖަ 4 އިން 3 އަށް މަތިކޮށްފައިވާ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާ އާއްމު މަސައްކަތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ވަޒީރު ވިދާޅުވީ ކައުންސިލްތަކުގެ ދަރަޖަ ބަދަލުކުރުމުން، މުސާރައާއި އިނާޔަތްތަކާ ގުޅިގެން އަންނާނެ ބަދަލުތަކުގެ މަސައްކަތް ޕޭ ކޮމިޝަނުން މިހާރު ފަށްޓަވާފައިވާކަމަށެވެ. އަދި ދަރަޖައަށް ގެނައި ބަދަލުގެ ކުރިއެރުން ކައުންސިލްތަކުގައި މަސައްކަތްކުރާ ސިވިލް ސަރވިސް މުވައްޒަފުންނަށްވެސް ލިބޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

"ދަރަޖަ ބަދަލުވުމާއެކު، ޕޭ ކޮމިޝަނުން ގެންނަން ކަނޑައަޅާ ބަދަލުތައް ސަރުކާރަށް ހުށައެޅުމަށް ދަނީ ތައްޔާރުވަމުން. އީދު ހަފްތާ ނިމުނީމަ ވުޒާރާއިން ޕޭ ކޮމިޝަނާ ބައްދަލުކޮށް، އެބޭފުޅުން ސަރުކާރަށް ހުށައަޅާ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރާނަން. ކައުންސިލްތަކަށް ކުރިއެރުންތައް ލިބޭނެކަން ކަށަވަރުކުރާނަން." ވަޒީރު އާދަމް ޝަރީފު އުމަރު ވިދާޅުވިއެވެ.

ކައުންސިލްތަކުގެ މުވައްޒަފުންގެ ބުރަ މަސައްކަތް ފާހަގަކުރައްވާ އާދަމް ޝަރީފް އުމަރު ވިދާޅުވީ ކައުންސިލްތަކަށް އެންމެ ބޮޑު އެހީއެއް ދެނީ ސިވިލް ސަރވިސް މުވައްޒަފުން ކަމަށެވެ. ނަމަވެސް މިހާތަނަށްވެސް ސިވިލް ސަރވިސް މުވައްޒަފުންނަށް އެހާ ބޮޑު އަހަމިއްޔަތެއް ދެވިފައިނުވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އެހެންކަމުން މުސާރައިގެ ފަރަގުވެސް ބޮޑު ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. އަދި އުއްމީދަކީ ދަރަޖައަށް އައި މި ބަދަލާއެކު މުސާރައިގެ މައްސަލައަށްވެސް ހައްލެއް އައުން ކަމުގައި ވަޒީރު ވިދާޅުވިއެވެ.

އެލްޖީއޭއިން ކުރިޔަށް ގެންދާ ފޯނައްލަ ދަރުބާރުގައި ކައުންސިލްތަކުން ވަނީ ކައުންސިލަތަކުގެ ދަރަޖައިގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ވަޒީރު އާދަމް ޝަރީފް އުމަރުވެސް ވަނީ ކައުންސިލްތަކުގެ ދަރަޖަ މަތިވާންޖެހޭ ކަމަށް ވިދާޅުވެފައެވެ. ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ދަނީ ކައުންސިލްތައް ބާރުވެރި ކުރުމަށް ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު


3

އަލިބެ..

22-Jun-2024

މަތިވެއްޖެ އެއްނު. ކަމެއްކުރަންވީމަ ރަށުގަ ހުންނަ އެންމެ އިސް އިދާރާ. މުސާޒަދޭންވީމަ 03ވަނަ އިދާރާ.



ޓްރެންޑިން