ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް (ވ) އާއި ރައީސް ނަޝީދު (ކ)
ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް (ވ) އާއި ރައީސް ނަޝީދު (ކ)
ކޯވިޑް-19 ގައި ރާއްޖެއިން ޕޮޒިޓިވްވާ އަދަދު ކަމަށް އާންމު ކުރާ ނަންބަރުތަކަކީ ސައްހަ ހިސާބުތައް ކަމަށާއި އެކަން މި ސަރުކާރުން އޮޅުވާ ނުލާނެ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ވަނީ "ކޮވިޑްގައި ފަތުރާ ނަންބަރު ތަކަކީ ރަނގަޅު ނަންބަރުތަކެއްތޯ" އެލްތު މިނިސްޓަރ އަރިހުން ސުވާލު ކުރައްވާފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ އެއީ ސައްހަ ރަނގަޅު އަދަދުތަކެއް ކަމަށެވެ.

"ކޮވިޑްގެ ޕޮޒިޓިވް އަދަދަކީ ސައްހަ ރަނގަޅު ނަމްބަރެއް. ކޮންމެ ދުވަހަކު އަޅުގަނޑުމެން ހަދާ ޓެސްޓުގެ ތެރެއިން ނަތީޖާއިން ޕޮޒިޓިވްވާ މީހުންގެ އަދަދު އަޅުގަނޑުމެން އާންމުކުރަމުން މިދަނީ." މިނިސްޓަރ އަމީން ވިދާޅުވިއެވެ.

މިނިސްޓަރ އަމީންގެ ޖަވާބާއި ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ އަމީންގެ ހިސާބަކީ ސަތޭކައިން ސަތޭކަ ހިސާބުތަކެއް ކަމަށާއި އެއީ މި ފަހަކުން އައިސް ނުނިކުންނަހާ ސައްހަ ހިސާބު ކަމަށެވެ. އަދި ގުނުމުގައި އޮޅުވާނުލާ ތިބުމަކީ ބައެއް ކަހަލަ ބޭފުޅުންނަށް ވަރަށް އުނދަގޫ ކަމެއް ކަމަށާއި ނަމަވެސް ހިތްވަރާއި އެކީގައި މި ސަރުކާރުން ގުނުމުގައި އޮޅުވާ ނުލާނެ ކަމަށެވެ. އެކަމުގައި ކެތް ކުރައްވައިގެން ރަނގަޅަށް އެކަން ކުރެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ޚާއްސަ ސަމާލުކަމެއް ދެއްވާ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

މީގެ ކުރިން އިދިކޮޅު ކޯލިޝަނުން ވެސް ވަނީ ކޯވިޑް-19 އާ ގުޅިގެން ސަރުކާރުން އިޢުލާނު ކޮށްފައިވާ އަދަދުތަކާއި ގުޅިގެން ސުވާލު އުފައްދާފަ އެވެ. އަދި އިދިކޮޅުން ތުހުމަތު ކުރާ ގޮތުގައި އެ އަދަދުތައް އިތުރުކުރީ، އެ ކޯލިޝަނުން ސިޔާސީ ބޮޑު އެއްވުމެއް ބާއްވާނެކަން އިއުލާންކުރުމުން އެކަން ހުއްޓުވުމުގެ މަޤްސަދުގައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން