އެތައް ފަހަރެއްގެ މަތިން ބީއެމްއެލްގެ ފޭކް ސްލިޕްތަކެއް ދައްކައިގެން ވިޔަފާރިކުރި މީހަކު 6 މަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

ފިހާރައަކުން މުދާ ގަތުމަށްފަހު އެ މުދަލަށްވާ ފައިސާ އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް ފައިސާ ޖަމާކުރާނެ ކަމަށްބުނެ އޮޅުވާލައިގެން ވިޔަފާރި ކޮށްފައި ވަނީ ސ. ހިތަދޫ، ދާގަނޑުކެކުރިގެ، ޝާފިއު ޝިހާބް ކިޔާ މީހެކެވެ.

ސައްހަ ނޫން ބޭންކް ސްލިޕްތަކެއް ފިިިހާރައަށް ފޮނުވި މައްސަލައިގައި ދައުލަތުން ޝާފިއު ޝިހާބްގެ މައްޗަށް ދައުވާ ކުރީ އެނގިހުރެ ސައްހަނޫން ލިޔުމުގެ ތެދުކަން ދެއްކުމުގެ ކުށުގެ ދައުވާއެވެ. އޭނާ ވަނީ 27 ޖޫން 2022 އިން ފެށިގެން 21 އޮކްޓޫބަރު 2022 ގެ ނިޔަލަށް އެކިފަހަރު މަތިން މުދަލަށް ފައިސާ ދެއްކި ކަމުގެ ސައްހަ ނޫން ބޭންކް ސްލިޕް ފިހާރައަކަށް ފޮނުވާފައެވެ.

މި މައްސަލައިގައި ޝަރީއަތުގެ އިބްތިދާއީ އަޑުއެހުމުގައި ދައުވާލިބުނު ފަރާތުންވަނީ ދައުވާ ސާފުވެއްޖެކަމަށް ބުނެ ދައުވާއަށް އިއުތިރާފުވެފައެވެ. އެހެންކަމުން މި މައްސަލަ ކުރިއަށްގެންގޮސްފައިވަނީ އަވަސްނިޔާގެ މައްސަލައެއްގެ ގޮތުގައެވެ.

ފޭކް ޓްރާންސްފަރ ސްލިޕް ފޮނުވި މައްސަލައިގައި ދައުވާ ލިބުނު ފަރާތުން ކޮށްފައިވާ ކުށުގެ އަސާސީ އަދަބަކީ 1 އަހަރާއި 7 މަހާއި 6 ދުވަހުގެ މުއްދަތަކަށް ޖަލަށްލުމެވެ. އަދި ދައުވާ ލިބޭ ފަރާތުން ކުށަށް އިއުތިރާފުވެފައިވާތީ ކުށުގެ ދަރަޖަ އެއް ދަރަޖަ ކުޑަ ކުރުމަށް ގާޒީ ނިންމެވިއެވެ. އަދި މި މައްސަލައިގައި ނިޔާ ކަނޑައަޅަމުން ގާޒީ ވަނީ މި މައްސަލައިގައި ދައުވާ ލިބޭ ފަރާތް 6 މަހާއި ހަ ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމަށް ހުކުމް ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން