އުތުރުގައި ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ މެރިޓައިމްގެ ޚިދުމަތްތަކާ ގުޅޭ ޚާއްސަ ވެބްސައިޓް މިއަދު ލޯންޗްކޮށްފިއެވެ.



އިންޓަރނޭޝަނަލް ފިއުލް ބަންކަރިންގ ޚިދުމަތާއެކު، އުތުރުގައި ފެށުމަށް ހަމަޖެހިފައިވާ މެރިޓައިމްގެ އިތުރު ޚިދުމަތްތައް މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމް.ޕީ.އެލް) އިން ފޯރުކޮށްދޭނީ އުތުރު މެރިޓައިމް ސަރވިސަސް (ޔޫ.އެމް.އެސް)ގެ ނަމުގައެވެ.



އެމް.ޕީ.އެލްގެ ހެޑް އޮފީހުގައި މިއަދު އޮތް ރަސްމިއްޔާތުގައި ޔޫ.އެމް.އެސްގެ ވެބްސައިޓް ލޯންކޮށްދެއްވީ ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، ޢަބްދުﷲ ނާޡިމެވެ.



ޔޫ.އެމް.އެސްގެ ވެބްސައިޓުން އުތުރުގައި ފޯރުކޮށްދޭ މެރިޓައިމްގެ ޚިދުމަތްތަކުގެ މައުލޫމާތު ލިބޭނެކަމަށް އެމްޕީއެލުން ހާމަކޮށްފައިވެއެވެ. އަދި އެކި ޚިދުމަތްތައް ފޯރުކޮށްދޭ އޭޖެންޓުންގެ މައުލޫމާތުތައްވެސް މި ވެބްސައިޓުން ލިބިގެންދާނެއެވެ.



އުތުރުގައި އިންޓަރނޭޝަނަލް ފިއުލް ބަންކަރިންގ ޚިދުމަތްތައް ފެށުމަށް އެސްޓީއޯއިން ވަނީ ތައްޔާރުވެފައެވެ. މި ޚިދުމަތާއެކު އުތުރުގައި ވަށާޖެހޭ، މެރިޓައިމްގެ ގިނަ ޚިދުމަތްތަކެއް އެމް.ޕީ.އެލުން ފޯރުކޮށްދޭނެއެވެ. އޭގެ ތެރޭގައި ޕްރޮވިޝަން ސަޕްލައި، ސްޕީޑް ބޯޓް، ޕައިލަޓޭޖް، ވޯޓަރ ބަންކަރިންގ، ކްރޫ ޗޭންޖް އަދި މެއިންޓަނަސްންސްގެ ޚިދުމަތް އެމް.ޕީ.އެލް އިން ފޯރުކޮށްދޭނެއެވެ. އަދި ކުރިއަށް އޮތް ތަނުގައި މި ޚިދުމަތް އިތުރަށް ފުޅާކޮށް، ޚިދުމަތްތައް ފުޅާކުރުމަށް އެމް.ޕީ.އެލްއިން ވަނީ ރާވައިފައެވެ.



މިއަދުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމް.ޕީ.އެލްގެ ސީ.އީ.އޯ މުޙައްމަދު ވަޖީހު އިބްރާހީމް ވިދާޅުވީ އުތުރުގައި މެރިޓައިމް ޚިދުމަތްތައް އަލަށް ފަށާއިރު، ޚިދުމަތްތައް ފުރިހަމަކޮށްދީ، އެ ސަރަހައްދަށް އުޅަނދުތައް އަންނާނެ "ސަބަބެއް" އުފައްދަންޖެހޭ ކަމަށެވެ. އަދި މި ވެބްސައިޓްގެ ސަބަބުން ދިވެހިރާއްޖޭގެ އެންމެ އުތުރުގައި މި ޚިދުމަތްތައް ބައިނަލްއަޤްވާމީ މާކެޓަށް ހުޅުވާލެވޭނެ ކަމަށް ވިދާޅުވިއެވެ.



"އުޅަނދުތައް ޚިދުމަތް ހޯދަން އަންނާނީ ޚިދުމަތްތައް ފުރިހަމަވެގެން އަލަށް ފަށާއިރުވެސް ޚިދުމަތްތައް ފުރިހަމަކޮށްދޭންޖެހޭ،" ވަޖީހް ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިކަން މިކުރަނީ އުޅަނދު ފަހަރު ރާއްޖެއަށް ފިއުލް ބަންކަރިންގ، ނުވަތަ އެހެން ޚިދުމަތެއް ހޯދަންވެސް އަންނާނެ ސަބަބެއް އުފެއްދުމަށް," ވަޖީހް އިތުރަށް ވިދާޅުވިއެވެ.



ސީ.އީ.އޯ ވަޖީހް ވިދާޅުވީ އެމް.ޕީ.އެލްގެ އަމާޒަކީ ސަރުކާރުގެ އެހެން ކުންފުނިތަކާއި ވުޒާރާތަކާ ގުޅިގެން، ޤައުމަށް ފައިދާވާނެ ޚިދުމަތެއް ފޯރުކޮށްދިނުން ކަމަށެވެ.



މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެސް.ޓީ.އޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވިދާޅުވީ އެސްޓީއޯގެ އަމާޒަކީ އިންޓަރނޭޝަނަލް ފިއުލް ބަންކަރިންގ ޚިދުމަތުން ދިވެހިރާއްޖޭގެ އިޤްތިސާދަށް ކުރިއެރުންތައް ހޯދައިދިނުން ކަމަށެވެ. އަދި މި ޚިދުމަތް ދިނުމުގައި އެސްޓީއޯއަށް އެމް.ޕީ.އެލްގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާ ކަމަށް ވެސް ވިދާޅުވިއެވެ.



މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، ނާޡިމް ވިދާޅުވީ އުތުރުގައި މެރިޓައިމްގެ ޚިދުމަތްތައް ފެށުމުގެ ފުރަތަމަ މަރުހަލާއަކީ މިކަމުގެ މަޢުލޫމާތު ލިބޭނެ ޕްލެޓްފޯމެއް ޤާއިމްކުރުން ކަމަށެވެ. އަދި މިއަދު ލޯންޗްކުރި ވެބްސައިޓަކީ އެކަން ހާސިލްކުރުމުގައި އެމްޕީއެލުން ކުރި މުހިންމު މަސައްކަތެއް ކަމަށާއި ދެން ނުހުއްޓި މި މަސައްކަތްތައް ކުރިއަށް ގެންދެވޭނެ ކަމަށް އޭނާ ވިދާޅުވިއެއެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން