ނޫސްވެރިންނަށް ފުރުސަތު ދިނުމަކީ ހުދުމުހުތާރު ވެރިން ބޭނުންވާނެ ކަމެއް ނޫންކަމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާޢީލް ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުޢިއްޒުގެ ފަރާތުން ޕީއެންސީގެ މަޖިލިސް މެންބަރުންނަށް ފައިސާ ބަހާކަމަށްބުނެ އޮންލައިން ނޫހަކުން ފަތުރާފައިވާ ހަގީގަތެއްނެތް ވާހަކަތަކާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައި އެނޫހުން ހިންގި އެ އަމަލު ކަމާބެހޭ ފަރާތަށް ހުށައަޅުއްވާނެ ކަމަށް ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު މިއަދު ވަނީ ވިދާޅުވެފައެވެ.

ހީނާ ވިދާޅުވީ، ރައީސްަށް ނިސްބަތްކޮށް، ފިތުނަ އުފެއްދުމުގެ ބޭނުމުގައި އެފަދަ ދޮގު ހަބަރެއް ފެތުރި މައްސަލަ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައި ގާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށެވެ.

ހީނާ އެހެން ވިދާޅުވުމާއި ގުޅިގެން ފައްޔާޒު އެކްސްގައި ވިދާޅުވީ، މި ސަރުކާރު ވެރިކަމަށް އައީ ހަގީގަތާ ހިލާފު އެތަކެއް ވާހަކަތަކުގެ މައްޗަށް ބިނާވި ފިތުނަވެރި ދޮގު ކެމްޕޭނަކުން ކަމަށެވެ.

އަދި ރައީސް މުއިއްޒުގެ ސަރުކާރުގެ ނާގާބިލުކަން ފޮރުވުމަށް ދޮގު މައްޗަށް ދޮގު ހެދި ނަމަވެސް ކަންކަމުގެ ހަގީގަތް ހާމަވާނެ ކަމަށާއި މައުލޫމާތު ހާމަކުރުމާއި ނޫސްވެރިކަމަށް ފުރުސަތު ދިނުމަކީ ހުދުމުހުތާރު ވެރިން ބޭނުންވާ ކަމެއް ނޫން ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ، ގާނޫނުއަސާސީން ކަށަވަރު ކޮށްދީފައިވާ މިނިވަން ނޫސްވެރިކަން ނައްތާލުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ކާމިޔާބު ނުވާނެ ކަމަށާއި ކޮންމެ ކަމެއްގައި ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ބުނެ އިންޒާރު ދިނުން ފިޔަވައި އިތުރު ކަމެއް މި ސަރުކާރަށް ނުކުރެވޭ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން