މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ސީ.އީ.އޯ މުޙައްމަދު ވަޖީޙް
މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ސީ.އީ.އޯ މުޙައްމަދު ވަޖީޙް
ރާއްޖޭގައި ބައިނަލްއަޤުވާމީ ބަންކަރިންގެ ޚިދުމަތް ދިނުމުގެ ދެވަނަ ފިޔަވަހީގެ ދަށުން ހއ. ހޯރަފުށި ފަޅު ހިއްކައިގެން ތެޔޮ ޓާމިނަލަކާއި ކޮންޓެއިނާ ޓާމިނަލެއް ތަރައްގީކުރުމަށް ހަމަޖެހިފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ސީ.އީ.އޯ މުޙައްމަދު ވަޖީޙް ވިދާޅުވެއްޖެއެވެ.

ދަޢުލަތުގެ މީޑިއާގައި ރޭ ވާހަކަފުޅު ދައްކަވަމުން އެމްޕީއެލްގެ ސީ.އީ.އޯ މުޙައްމަދު ވަޖީހް ވިދާޅުވީ މިމަހުގެ 19 ވަނަ ދުވަހު އުތުރުގައި ފެށުމަށް ހަމަޖެހިފައިވާ މެރިޓައިމްގެ ޚިދުމަތްތަކަށް މާކެޓް ލިބޭނެކަމުގެ ޔަޤީންކަން އެބައޮތް ކަމަށެވެ.

ހަމައެއާއެކު މިސަރުކާރުން 10 މަސް ދުވަހުގެ ތެރޭގައި އިންޓަރނޭޝަނަލް ބަންކަރިންގ ޚިދުމަތް ފެށުމަށް ތައްޔާރުވުމަކީ މި ޚިދުމަތާމެދު ސުވާލުތައް އުފައްދާ ފަރާތްތަކަށް ދެވޭނެ އެންމެ ރަނގަޅު ޖަވާބުކަމަށްވެސް ވަޖީހް ވިދާޅުވިއެވެ.

ވަޖީހް ވިދާޅުވީ އޮފް-ޝޯކޮށް ބަންކަރިންގެ ހިދުމަތުގެ ދެވަނަ ފިޔަވަހީގެ ދަށުން ބޯޓުތައް ހޯރަފުއްޓަށް ބަނދަރުކޮށްގެން ޚިދުމަތްދިނުމަށް އިހަވަންދިއްޕޮޅަށް ބޮޑު ބަދަލެއް ގެންނަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން ހއ. ހޯރަފުށި ފަޅު ހިއްކައިގެން ތެޔޮ ޓާމިނަލަކާއި ބައިނަލުއަގްވާމީ ފެންވަރުގެ ކޮންޓެއިނާ ޓާމިނަލެއް ތަރައްގީކުރުމަށް ނިންމާފައިވާކަމަށާއި، ހއ، އިވަހަންދޫގައި ޑީޕް ސީ ޓާމިނަލަކާއި ޑޮކްޔާޑަކާއި، ހއ. އުލިގަމުގައި ޔޮޓު މެރީނާ އެއްވެސް ގާއިމްކުރުމަށް ހަމަޖެހިފައިވާކަމަށް ވަޖީހް ވިދާޅުވިއެވެ.

ރާއްޖޭގައި އޯފްޝޯ ބަންކަރިންގެ ހިދުމަތް ރަސްމީކޮށް މިމަހު ފެށުމަށް ހަމަޖެހިފައި ވާއިރު މިޚިދުމަތުގައި ބޭނުންކުރާ ދެ ތެޔޮ ބޯޓު މިހާރުވަނީ އުތުރުގައި ބަނދަރުކޮށްފައެވެ. މީގެން ކޮންމެ ބޯޓަކުންވެސް ގާތްގަނޑަކަށް 4000 ޓަނުގެ ތެޔޮ އުފުލޭނެއެވެ.

ބަންކަރިންގެ ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑާއި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ގުޅިގެންނެވެ.

ބައިނަލްއަޤުވާމީ ބަންކަރިންގެ ޚިދުމަތް ފެށުމަށްޓަކައި، އުތުރު މެރިޓައިމް ސާވިސަސްގެ ނަމުގައި ޚާއްޞަ ވެބްސައިޓެއް މިހާރު ވަނީ ލޯންޗްކޮށްފައެވެ. މި ވެބްސައިޓް މެދުވެރިކޮށް ކުރިޔާލައި ޚިދުމަތަށް ބުކިންގ ހެދުމުގެ ފުރުޞަތު މިހާރުވަނީ ހުޅުވާލާފައެވެ.

ރާއްޖޭގެ އުތުރުގައި ބައިނަލްއަޤުވާމީ ބަންކަރިންގެ ޚިދުމަތް ދޭން ފެށުމުން 400 މިލިއަން ޑޮލަރުގެ ރެވެނިއު ޖެނެރޭޓް ކުރެވޭނެ ކަމަށާއި މިތަނުން ބަންކަރިންގެ ޚިދުމަތުގެ އިތުރަށް ކުރޫޒް ޓާމިނަލް، ޕައިލެޓޭޖް ފަދަ ޚިދުމަތްތައް ލިބި ވަޒީފާގެ ގިނަ ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން