ބީއެމްއެލް އާއި ސަރުކާރާ ދެމެދު ކޯޅުންގަނޑެއް އުފެދުނުތާ އެތައް ދުވަހެއް ފަހުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަވައިފި އެވެ.

ބީއެމްއެލްގެ ރުފިޔާ އެކައުންޓްތަކުން ޑޮލަރުން މުއާމަލާތް ނުކުރެވޭ ގޮތް ހެދީ މިދިޔަ މަހުގެ 25 ވަނަ ދުވަހު އެވެ. ނަމަވެސް ކުރިމަތިިވި ޕްރެޝަރުތަކާ އެކު ހަމަ އެ ދުވަހު ބޭންކުގެ ނިންމުން ބަދަލުކުރި އެވެ.

ސަރުކާރުން އެކަމާ ގުޅޭ ގޮތުން ބުނީ ބީއެމްއެލުން އަމަލުކުރީ ސަރުކާރުން އިރުޝާދު ދިން ގޮތާ ހިލާފަށް ކަމަށެވެ. އަދި ބީއެމްއެލުން ސަރުކާރާ ދެކޮޅަށް މާލީ ބަޣާވާތެއް ކުރަން އުޅުނު ކަމަށް ވެސް ސިފަކޮށްފައި ވެއެވެ.

އެކަމާ ގުޅޭ ގޮތުން އެމްޑީޕީން ފާޑުކިޔާފައިވީ ނަމަވެސް މިހާތަނަށް ވެސް ރައީސް ސޯލިހު އެއްޗެއް ވިދާޅެއް ނުވެއެވެ.

ރައީސް ސޯލިހު އެކްސްގައި މިއަދު ވިދާޅުވީ ބޭންކް އޮފް މޯލްޑިވްސްއަކީ ވަރަށް ގިނަ އާންމުންނާ ވިޔަފާރިވެރިންގެ ދިރިއުޅުމާ ގުޅިފައިވާ ތަނެއް ކަމަށެވެ. އެހެންވެ އަބަދުވެސް އެންމެންގެ ފުރިހަމަ އިތުބާރު އެ ބޭންކަށް އޮންނަން ޖެހޭނެ ކަމަށާއި ސަރުކާރުންވިޔަސް ބީއެމްއެލަށް އޮތް އިތުބާރު ގެެއްލޭފަދަ އެއްވެސް ކަމެއް ކޮށްގެން ނުވާނެ ކަމަށެވެ.

"ބީއެމްއެލަށް ކުރާ އިތުބާރު ގެއްލިއްޖެނަމަ އެއީ މުޅި މުޖަތަމަޢަށް ލިބޭނެ ބޮޑު ދެރައެކެވެ. އެއީ ރައްޔިތުންގެ ބޭންކްއެވެ." ރައީސް ސޯލިހު ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން