ތިލަދުންމަތި އުތުރުބުރީ އިހަވަންދޫގައި ޑޮކްޔާޑަކާއި ސްލިޕްވޭއެއް ތަރައްޤީކުރުމަށް އެމް.ޕީ.އެލް އާއި އިހަވަންދޫ ކައުންސިލްއާ ދެމެދު ފަހުމުނާމާއެއްގައި މިއަދު ސޮއިކޮށްފިއެވެ.

އިހަވަންދޫގައި މިއަދު އޮތް ރަސްމިއްޔާތެއްގައި އެމް.ޕީ.އެލްގެ ފަރާތުން ފަހުމުނާމާގައި ސޮއިކުރެއްވީ ސީ.އީ.އޯ މުޙައްމަދު ވަޖީހް އިބްރާހިމެވެ. އަދި އިހަވަންދޫ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ އެ ކައުންސިލްގެ ރައީސް އަޙްމަދު ޞަބާޙުއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސީ.އީ.އޯ ވަޖީހް ވިދާޅުވީ އިހަވަންދޫގައި ތަރައްޤީކުރާ ޑޮކްޔާޑާއި ސްލިޕްވޭއަކީ އުތުރުގައި ދޭ މެރިޓައިމްގެ ޚިދުމަތްތަކުގެ މުހިންމު ބައެއް ކަމެކެވެ. އަދި އެމް.ޕީ.އެލްގެ އަމާޒަކީ ވީހާވެސް އަވަހަކަށް ޑޮކްޔާޑާއި ސްލިޕްވޭގެ އަމަލީ މަސައްކަތް ފެށުން ކަމަށެވެ.

"ލަސްތަކެއްނުކޮށް މިކަމުގެ މަސައްކަތް އަޅުގަނޑުމެން ފަށާނަން،" ސީ.އީ.އޯ ވަޖީހް ވިދާޅުވިއެވެ.

ސީ.އީ.އޯ ވަޖީހް ވިދާޅުވީ އުތުރުގައި މެރިޓައިމްގެ ޚިދުމަތްތައް ފަށާޢިރު "ހުރިހާ ކަމެއް ފުރިހަމަނުވިޔަސް"، އެކަން ކާމިޔާބުވާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

"މިފަދަ ކަމެއް ފަށާއިރު ހުރިހާ ކަމެއް ފުރިހަމައެއްނުވާނެ. ފަށާއިރު ހުންނާނެ މައްސަލަތައް. އެކަމަކު ރާއްޖެ މިއޮތް ޖިއޮގްރަފިކަލް ލޮކޭޝަންއިން އަޅުގަނޑުމެންނަށް މިކަމުގެ ފައިދާނެގޭނެ. މިއަދަކު، މާދަމާ ނުވިޔަސް، މިކަމުން (ރާއްޖެ)އަށް ފައިދާ ލިބޭނެ،" ވަޖީހް ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިހަވަންދޫ ކައުންސިލްގެ ރައީސް ޞަބާޙް ވިދާޅުވީ އެ ރަށުގައި ޑޮކްޔާޑާއި ސްލިޕްވޭއެއް ތަރައްޤީކުރުމަކީ އެ ރަށަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެ ޕްރޮޖެކްޓެއް ކަމަށެވެ.

"ވަޒީފާގެ ފުރުސަތުތަކެއް އެބަ އުފެދޭ މިކަމުން. އަޅުގަނޑުމެންގެ އުންމީދަކީ ވީހާވެސް އަވަހަކަށް އަމަލީ މަސައްކަތް ފެށުން،" ޞަބާޙް ވިދާޅުވިއެވެ.

އިހަވަންދޫގައި ޑޮކްޔާޑާއި ސްލިޕްވޭ ތަރައްޤީކުރަނީ އުތުރު މެރިޓައިމް ސަރވިސް (ޔޫ.އެމް.އެސް)ގެ ދަށުން ޚިދުމަތް ފޯރުކޮށްދިނުމަށެވެ. އެމް.ޕީ.އެލް އިން ވަނީ ތިލަދުންމަތީ އުތުރުބުރީ އުލިގަމުގައި އައި.އެސް.ޕީ.އެސް ގޭޓް ޤާއިމްކޮށްފައެވެ. އަދި އެ އަތޮޅު ތުރާކުނުގައި ވޯޓަރ ބަންކަރިންގ ޚިދުމަތަށް ބޭނުންވާ ފެން ބާޖް ބޭއްވުމަށް ވަނީ އެ ރަށު ކައުންސިލްއާއެކު ފަހުމުނާމާއެއްގައި ސޮއިކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން