މަތީ ތަޢުލީމު ޙާސިލުކޮށް ގްރެޖުއޭޓްވީ ދަރިވަރުންތަކެއް
މަތީ ތަޢުލީމު ޙާސިލުކޮށް ގްރެޖުއޭޓްވީ ދަރިވަރުންތަކެއް
މަތީ ތަޢުލީމު ފޯރުކޮށްދިނުމުގެ ޚިދުމަތްދޭ މަރުކަޒުތަކުގެ އިމްތިހާންތަކުން 50 އިންސައްތަ ފާސްވާންޖެހޭ ގޮތަށް ގަވައިދު ބަދަލުކުރަން މަސައްކަތް ކުރަމުންދާކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ހާމަކޮށްފިއެވެ.

ރާއްޖޭގެ މީޑިއާއެއްގައި ރޭ ވާހަކަފުޅު ދައްކަވަމުން އެމް.ކިއު.އޭ ގެ ސީއީއޯ ފިޒާނާ ރަޝީދު ވިދާޅުވީ ކޯސްތަކުގެ އިމްތިހާންތަކުން 50 ޕަސެންޓް ފާސްވުން މަޖުބޫރު ކުރުމަށް ނިންމަނީ ކޯސްތަކުގައި ދަރިވަރުންނަށް ހަވާލުކުރާ އެސައިމަންޓްތައް އެހެން މީހުން ލައްވާ ތައްޔާރުކުރުމުގެ މައްސަލަ ޙައްލު ކުރުމުގެގޮތުން ކަމަށެވެ.

އަދި މި ގޮތަށް އުސޫލަށް ބަދަލު ގެނައުމުން ކޯސްތަކުގައި އެސައިމަންޓަށް ބަރޯސާވާ މިންވަރު ކުޑަވެ، އެސައިމަންޓް ގަތުމުގެ ބައިވެސް މަދުވާނެކަމަށް އޭނާ ވިދާޅުވިއެވެ.

ހަމައެއާއެކު ފިޒާނާ ވިދާޅުވީ ރާއްޖޭގައި މަތީ ތައުލީމް ފޯރުކޮށްދޭ މަރުކަޒުތަކުގެ އިސްވެރިންނާ ބައްދަލުކޮށް މަޝްވަރާކުރުމަށްފަހު އެކުލަވާލާފައިވާ މިއުސޫލު ވަރަށް އަވަހަށް ގެޒެޓުކުރާނެ ކަމަށެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން މިހާރު ގެޒެޓްކޮށްފައިވާ "މަތީ ތަޢުލީމާއި ތަމްރީންދޭ މަރުކަޒުތަކާ ބެހޭގޮތުން ހުށަހަޅާ ޝަކުވާތައް ބެލުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާއިދު" ގައި ވާގޮތުން މަތީ ތަޢުލީމް ފޯރުކޮށްދޭ މަރުކަޒެއްގައި ތަޢުލީމު ހާސިލްކުރަމުންދާ ދަރިވަރަކު އަމިއްލައަށް ފުރިހަމަކުރަންޖެހޭ އެކަޑަމިކް މަސައްކަތެއް އަގަށް ނުވަތަ އެނޫންވެސް ގޮތަކަށް އެހެން ފަރާތަކުން ކޮށްދިނުމާއި ކޮށްދިނުމަށް ހުށައެޅުމަކީ މަނާކަމެކެވެ.

އަދި އެކަމުގެ އަދަބެއްގެ ގޮތުން 5000 ރުފިޔާއިން ޖޫރިމަނާކުރުމުގެ އިތުރުން، އެ ދަރިވަރަކު ކިޔަވަމުން ދާ މަރުކަޒަކުން އެކަމާމެދު އަޅަން ބޭނުންވާ ފިޔަވަޅު އެޅުމަށް އެފަދަ ޤަވާއިދެއް އެކުލަވާލާފައި އޮންނަން ޖެހޭނެކަމަށް ޤަވާއިދުގައިވެއެވެ. އަދި އެކަމާއި ގުޅޭ ތަފްސީލް ރިޕޯޓެއް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީއަށްވެސް ހުށައަޅަންޖެހެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން