ފުވައްމުލަކުގައި ވާލުގެ އުނދަގޫ ބޮޑުވެގެން ބުރާސްފަތި ދުވަހު ސިފައިން ބަޑިޖަހާނެ ކަމަށް ފުވައްމުލަކު ސިޓީ ކައުންސިލުން ބުނެފިއެވެ.

ފުވައްމުލަކު ސިޓީ ކައުންސިލުން ބުނީ ރައްޔިތުންނަށް ވާލުގެ އުނދަގޫ އިންތިހާއަށް ބޮޑުވެފައިވާ ކަމަށާއި ބުރާސްފަތި ދުވަހު ބަޑިޖަހައިގެން ވާނަދުކުރުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.

ކައުންސިލުން ބުނީ 26 ސެޕްޓެމްބަރު 2024 ވާ ބުރާސްފަތި ދުވަހުން ފެށިގެން ވާ މެރުމަށް ބަޑިޖަހަމުން ގެންދާނެ ކަމަށެވެ.

"ފުވައްމުލަކު ސިޓީ ކައުންސިލާއި މޯލްޑިވްސް ނެޝެނަލް ޑިފެންސް ފޯސް ގުޅިގެން ވާ މަދުކުރުމުގެ ޕްރޮގްރާމެއް 26 ސެޕްޓެމްބަރ 2024 ވަނަ ދުވަހުން ފެށިގެން މި ސިޓީގައި ހިންގުމަށް ވަނީ ހަމަޖެހިފައި. އެހެން ކަމުން 26 ސެޕްޓެމްބަރ 2024 ވަނަ ދުވަހުން ފެށިގެން ރަށުގެ އެކި ހިސާބުތަކުގައި ވާލަށް ބަޑި ޖެހުން ކުރިއަށްދާނެ،" ކައުންސިލުން ބުނެފައި ވެއެވެ.

ވާ ގިނަވެ އޭގެ ސަބަބުން ދަނޑުބިންތަކަށާއި ގަސްތަކަށް ގެއްލުންވުމުގެ އިތުރުން ރަށުގެ އެކި ހިސާބުތަކުގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ވެސް އެކި ވަރުގެ އުނދަގޫތަކާއި ކުރިމަތިވާކަމުގެ ޝަކުވާތައް ލިބެމުން އަންނަ ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.

ކައުންސިލުން ބުނީ ފުވައްމުލަކުގެ އެކި ސަރަހައްދުތަކުގެ ދަނޑުވެރިންނާއި ގޭގޭގައި ހުންނަ ގަސްތަކަށް ވާލުގެ އުނދަގޫ ވަރަށް ބޮޑު ކަމަށެވެ. ފުވައްމުލަކަކީ ދަނޑުވެރިކަން ކުރާ ރަށަކަށްވުމުން ވާ ގިނަވުމުގެ ސަބަބުން އޭގެ އެންމެ ބޮޑު އުނދަގޫ ފޯރަނީ ދަނޑުވެރިންނަށްކަން ފާހަގަ ކުރެވެއެވެ.

ފުވައްމުލަކުގައި ވާލުގެ އުނދަގޫ ބޮޑުވެގެން މީގެ ކުރިން ވެސް ކައުންސިލުގެ އެދުމުގެ މަތިން ސިފައިން ވަނީ ބަޑިޖަހައި ވާލުގެ އާބާދީ ކޮންޓްރޯލު ކުރަން އެހީތެރިވެދީފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން