ފޮޓޯ: ބީއެމްއެލް
ފޮޓޯ: ބީއެމްއެލް
ކަސްޓަމަރުންގެ އެކައުންޓުން ގިނަ ޢަދަދެއްގެ ފައިސާ ނެގިކަމަށް ބީއެމްއެލްގެ މުވައްޒަފަކު އިއުތިރާފްވެއްޖެއެވެ.

ޚިޔާނާތްތެރިވުމުގެ މައްސަލައެއްގައި ކްރިމިނަލް ކޯޓުން އިއްޔެ ކޮށްފައިވާ ޙުކުމެއްގައި ބުނެފައިވަނީ ބ. އޭދަފުށި, ހިޔާވަހި, އަލީ މާޒިން ބީއެމްއެލްގެ ކަސްޓަމާ ސާވިސް އެސިސްޓެންޓެއްގެ ގޮތުގައި ހުރެ ލިބިފައިވާ މައުލޫމާތާއި ބާރުގެ ބޭނުންކޮށްގެން މެއި 14 2021 އިން ސެޕްޓެމްބަރު 23 2021 ގެ ނިޔަލަށް އެކި ދުވަސް މަތިން ކަސްޓަމަރުންގެ އެކައުންޓުން ފައިސާ ނަގާފައިވާ ކަމަށެވެ.

އެގޮތުން 13 މީހެއްގެ އެކައުންޓުން ޖުމްލަ 482611.41 ރުފިޔާ ސައްހަ ނޫން ކްރެޑިޓް ކާޑު ޕޭމަންޓުގެ ގޮތުގައާއި ފޮރެކްސް ޓްރާންސެކްޝަނުގެ ގޮތުގައާއި މާޒިންގެ އަމިއްލަ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށް ޙުކުމްގައިވެއެވެ.

މާޒިން މި ޢަމަލުތައް ހިންގާފައިވަނީ ކަސްޓަމަރުންގެ ހުއްދަނެތި ކަސްޓަމަރުންގެ އިންޓަނެޓް ބޭންކިން ރަޖިސްޓަރީ ކޮށްގެންނެވެ. އަދި މާޒިން ވަނީ އޭނާގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކަށް އިޢުތިރާފްވެ ޕީޖީ އޮފީހާއެކު އިއުތިރާފްގެ އެއްބަސްވުމެއް ހަދާފައެވެ.

ޕީޖީއާއެކު މާޒިންވެފައިވާ އެއްބަސްވުމުގެ ބުނެފައިވަނީ އެކުށަކީ ޖިނާޔަތުގެ 4 ވަނަ ދަރަޖައިގެ ކުށެއް ކަމަށާއި އެ ކުށުގެ އަދަބަކީ 1 އަހަރާއި 7 މަހާއި 6 ދުވަހަށް ޖަލަށްލުން ކަމަށެވެ.

އެހެންނަމަވެސް އިއުތިރާފްގެ އެއްބަސްވުމާއެކު ކޯޓުން މާޒިންގެ މައްޗަށް އިއްވާފައިވަނީ 40 ގަޑިއިރު މުޖުތަމައުއަށް ހިދުމަތްކުރުމާއި 56200 ރުފިޔާއިން ޖޫރިމަނާކުރުމުގެ ޙުކުމެކެވެ. އަދި ޖޫރިމަނާ ފައިސާ ތިން މަސް ދުވަހުގެ ތެރޭގައި މީރާއަށް ދެއްކުމަށް އަމުރުކޮށްފައިވެއެވެ.

އޭގެއިތުރުން ބީއެމްއެލްއާއެކު މާޒިން ހަދާފައިވާ އެއްބަސްވުމުގައިވާ ގޮތަށް ގެއްލުމުގެ ބަދަލުގެ ފައިސާ ދައްކަމުން ގެންދިއުމަށް ވެސް ކޯޓުން އަންގާފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން