ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހްމަދު ޝިޔާމް
ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހްމަދު ޝިޔާމް
ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހްމަދު ޝިޔާމަށް ދަޢުލަތުން ކޮށްފައިވާ ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ދައުވާ ސާބިތު ނުވާކަމަށް ކްރިމިނަލް ކޯޓުން ޙުކުމް ކޮށްފިއެވެ.

މި މައްސަލާގައި މީގެކުރިން ޝިޔާމް ވަނީ އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާއަށް އިންކާރުކޮށްފަ އެވެ.

މައްސަލާގައި ކްރިމިނަލް ކޯޓުން މިއަދު އިއްވާފައިވާ ހުކުމްގައި ވަނީ ދައުލަތުން ހުށަހެޅި ހެކިތަކުން ޝިޔާމްގެ މައްޗަށް ދައުވާ ސާބިތު ނުވާ ކަމަށެވެ. އެގޮތުން ގެސްޓުހައުސްގައި އާއިލީ މީހުން ބެހެއްޓޭނެ ވަކި މުއްދަތެއް ސިފައިންގެއިން ކަނޑައަޅާފައި ނުވާތީ ޝިޔާމްގެ ބައްޕަ އެތަނުގައި ބެހެއްޓީ ދިގު މުއްދަތަކަށްކަން ސާބިތު ނުވާކަމަށް ކްރިމިނަލް ކޯޓުގެ ޤާޟީ އާމިނަތު އަޒުލިފާ އިއްވެވި ޙުކުމުގައިވެއެވެ.

ދަޢުލަތުން ޝިޔާމަށް ދައުވާ ކޮށްފައިވަނީ ސިފައިންގެ ޗީފް އޮފް ޑިފެންސް ފޯރސްގެ މަގާމުގައި ޝިޔާމް ހުންނެވި ދުވަސްވަރު، ކ. ވިލިނގިލީގައި ހުންނަ ކޯސްޓްގާޑުގެ މެރިޓަމް ރެސްކިއު ކޯޑިނޭޝަން ސެންޓަރުގައި ހުރި ވީއައިޕީ ގެއެއްގައި، 2017 ވަނަ އަހަރާއި 2018 ވަނަ އަހަރު ތެރޭގައި (އެއް އަހަރާއި ހަތަރު މަހާއި 24 ދުވަހުގެ މުއްދަތަކަށް) އޭނާގެ ބައްޕާފުޅު އިބްރާހިމް ޝާކިރު ދިރިއުޅުއްވުމަށް ބަހައްޓަވައި، އެ މުއްދަތުގައި އޭނާގެ ބައްޕާފުޅު ބެލެހެއްޓުމުގެ ކަންކަން ސިފައިންގެ ޕްރައިވެޓް އޮފިސަރަކާއި ހަވާލުކުރެއްވި މައްސަލައިގައެވެ.

މި މައްސަލައާ ގުޅިގެން ޝިޔާމުގެ މައްޗަށް، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 513 ވަނަ މާއްދާގެ (ށ) އާއި ހަވާލާދީ، އެ މާއްދާގެ (ނ) ގެ ދަށުން ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން