ހުޅުމާލޭ ތިންވަނަ ފިޔަވަހީގެ ހުސްބިންތަކުގައި ހުރި ތަކެތި ނަގަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އަންގައިފިއެވެ.

އެޗްޑީސީން ކުރި އިއުލާނެއްގައި ވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ޗެނަލް ޕްރޮޖެކްޓް ދޭއް ފެށުމަށް ހަމަޖެހިފައިވާ ސަރަހައްދު ހުސްކުރުމަށް އެ ކޯޕަރޭޝަނުން މިދިޔަ ޖެނުއަރީ 30 ގައި އިއުލާންކޮށްފައިވާއިރު، ހުޅުމާލޭގެ ދެވަނަ އަދި ތިންވަނަ ފިޔަވަހީގެ ހުސް ބިންތަކުގައި ގަވާއިދާ ހިލާފަށް ބަހައްޓާފައިވާ ތަކެތި ނެގުމަށް މިދިޔަ މެއި އަށެއްގައި ވެސް އެންގި ކަމަށެވެ.

އެ ކޯޕަރޭޝަނުން ވަނީ ހުޅުމާލޭގެ ދެވަނަ އަދި ތިންވަނަ ފިޔަވަހީގެ ހުސް ބިންތަކުގައި ގަވާއިދާ ހިލާފަށް ބަހައްޓާފައިވާ ތަކެތި ނެގުމަށް އަންގާފައިވީ ނަމަވެސް، ގިނަ ފަރާތްތަކުން އެކަމަށް އިޖާބަދީފައި ނުވާކަމަށް ބުނެފައެވެ.

މި އިއުލާނުގައި އެޗްޑީސީން ވަނީ ހުޅުމާލޭ ތިންވަނަ ފިޔަވަހީގެ ހުސް ބިންތަކުގައި ގަވައިދާ ހިލާފަށް މުދަލާއި ތަކެތި ބަހައްޓައިގެން، ބައެއް ފަރާތްތަކުން އަދިވެސް އެ ބިންތައް ބޭނުންކުރަމުންދާކަން ފާހަގަކޮށްފައެވެ.

އެޗްޑީސީގެ އިއުލާނުގައި ވަނީ 11 އޮކްޓޯބަރު ވާ ހުކުރު ދުވަހުގެ ކުރިން މި ތަކެތި ނެގުމަށް އަނެއްކާވެސް އަންގާފައެވެ. އަދި މި މުއްދަތުގެ ތެރޭގައި އެތަކެތި ނަގާފައި ނުވާނަމަ، އެތަކެއްޗަކީ ވެރިފަރާތުން ބޭނުން ނެތިގެން ދޫކޮއްލާފައިވާ ތަކެތި ކަމުގައި ބަލައި، އެ ކޯޕަރޭޝަނުން އެފަދަ ތަކެއްޗާމެދު އަމަލުކުރުމަށް ހަމަޖެހިފައިވާ ގޮތުގެ މަތިން އަމަލު ކުރެވޭނެ ކަމަށާއި އެ މަސައްކަތުގެ ތެރޭގައި މުދަލަށް ނުވަތަ ތަކެއްޗަށް ލިބިދާނެ ގެއްލުމަކަށް އެ ކޯޕަރޭޝަނުން ޒިންމާ ނުވާނެ ކަމަށްވެސް އެޗްޑީސީން ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން