އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު
އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު
ހުޅުމާލޭ ވިނަރެސް ސަރަޙައްދުގެ މަގުބައްތިތަކަށް އަޅާފައިވާ ކޭބަލްތައް ވަނީ ގެއްލިފައި ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީ ފަޒުލް މިހެން ވިދާޅުވީ ހުޅުމާލެ ފޭސް 2 ގެ މަގުބައްތިތައް ނުދިއްލޭ މައްސަލާގައި ހުޅުމާލޭ އުތުރު ދާއިރާގެ މެމްބަރު ހުސެއިން ޝަރީފް، އެޗްޑީސީ އަށް ފާޑުވިދާޅުވުމާ ގުޅިގެންނެވެ. އެގޮތުން މެންބަރު ޙުސެންބެއަށް ޢާއްމު ރައްޔިތަކު ފޮނުވާފައިވާ މެސެޖެއް މީސް މީޑިއާގައި ޙިއްސާ ކުރަށްވަމުން ޙުސެންބެ ވިދާޅުވެފައިވަނީ އެޗްޑީސީއަށް ރައްޔިތުންނަށް ދެވެނީ ކޮން ހިދުމަތެއް ކަމާމެދު ސުވާލު އުފެދޭ ކަމަށެވެ.

ޙުސެންބެގެ ސުވާލަށް ޖަވާބު ދެއްވަމުން އެމްޑީ ފަޒުލް ވިދާޅުވީ ހުޅުމާލެ ތަރައްޤީކުރުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްދާ ކަމަށާއި އަދިވެސް ކުރަން ހުރި މަސައްކަތާއި ނުކުރެވި ހުރި މަސައްކަތް ހުންނާނެކަމަށް ގަބޫލުކުރަށްވާ ކަމަށެވެ.

އޭގެ އިތުރުން ފަޒުލް ވިދާޅުވީ ފޭސް 2 ގެ މަގުބައްތިތައް ދިއްލުމަށް ބޭނުންވާ ތަކެތި ހޯދުމަށް އޯޑަރު ކޮށްފައިވާ ކަމަށެވެ. ނަމަވެސް ކުރިން އަޅާފައިވާ ކޭބަލްތައްވެސް މިހާރު ގެއްލިފައިވާ ކަމަށް ފަޒުލް ވިދާޅުވިއެވެ.

“މަގުބައްތި ދިއްލުމަށް ބޭނުންވާ ކަރަންޓު ވިއުގަ އޮގަސްޓް 2024ގެ ނިޔަލަށް ނިމިފައިވާއިރު މަގުބައްތިތަކަށް އަޅާފައިވާ ކޭބަލްތައް ގެއްލިފައިވާ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވާލިން.” ފަޒުލް ވިދާޅުވެފައިވެއެވެ.



ހަމައެއާއެކު އެޗްޑީސީގެ މުވައްޒިފުން ވަރުބަލިކަމެއް ނެތި ކުރަމުން އަންނަ ބުރަ މަސައްކަތާމެދު ފަޚުރުވެރިވާ ކަމަށާއި، އެހެންކަމުން އެޗްޑީސީގެ މުވައްޒިފުންނަށް ޝުކުރު އަދާކުރަށްވާ ކަމަށް ފަޒުލް ވިދާޅުވިއެވެ.

މެމްބަރު ޝަރީފަށް އާންމު ރައްޔިތަކު ފޮނުވާފައިވާ އެ މެސެޖުގައި ވަނީ ފޭސް 2 ގެ މަގުބައްތިތައް ދިއްލަން ކިހާ ދުވަހެއް ނަގާނެތޯ ސުވާލުކޮށްފަ އެވެ. އަދި މައްސަލަ ހައްލުވާނީ މަގުމަތިންދާ މީހެއްގެ ގައިގައި ވެހިކަލަކުން ޖެހުމުންތޯވެސް އެ ރައްޔިތު މީހާ ސުވާލުކޮށްފައިވެއެވެ.

“މަގުމަތިން ހިނގާފައިދާ މީހަކު ނުފެނޭ. ނުރައްކާތެރި އެކްސިޑެންޓެއް ހިނގުން ވަރަށް ގާތުގައިވާ ކަމެއް އަނދިރިކޮށް އޮތުމަކީ.” އެމްޕީ ޙުސެންބެ އަށް ޢާއްމު ރައްޔިތަކު ފޮނުވާފައިވާ މެސެޖުގައި ވެއެވެ.



ފަހަކަށް އައިސް ސަރުކާރު ޙިއްސާވާ ކުންފުނިތަކުން ފޯރުކޮށްދޭ ޚިދުމަތްތަކަށް ސަރުކާރަށް ނިސްބަތްވާ މަޖިލިސް މެންބަރުން ފާޑުކިޔަމުންދާ މިންވަރު އިތުރުވެފައިވާކަން ފާހަގަ ކުރެވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން