ހުޅުމާލޭގައި ހިނގި އެކްސިޑެންޓް
ހުޅުމާލޭގައި ހިނގި އެކްސިޑެންޓް
މިދިޔަ ޖުލައި މަހުގެ 31 ވަނަ ދުވަހު ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބާރު ސްޕީޑްގައި ދުއްވި ސްޕޯޓްސް ކާރެއް މީހެއްގެ ގައިގައި ޖެހި އެކްސިޑެންޓްވި މައްސަލައިގެ އަޑުއެހުން ކްރިމިނަލް ކޯޓުން ކެންސަލް ކޮށްފިއެވެ.

އެ މައްސަލާގެ ޝަރީއަތް މިއަދު ހެނދުނު ފަށަން ކްރިމިނަލް ކޯޓުން ތާވަލްކުރި ނަމަވެސް އެ އަޑުއެހުން މިހާރު ވަނީ ކެންސަލްކޮށްފަ އެވެ.

މި މައްސަލާގައި ދަޢުލަތުން ދައުވާކުރަނީ ހ. ނޫރަންމާގެއާގެ އިކްރާމުއްރަހްމާންއާއި، މ. ލޭންޑް އޮފް ގާރޑްން އިބްރާހިމް އިކްރާމްގެ އިތުރުން ގއ. ކަނޑުހުޅުދޫ، އާޒާދުގެ ޖިނާހް އިސްމާޢިލްގެ މައްޗަށެވެ.

އޭގެ ތެރެއިން އިބްރާހިމް އިކްރާމްގެ މައްޗަށް ދައުލަތުން ހަ ދައުވާއެއް ކުރެއެވެ. އެއީ އަނިޔާއެއް ދިނުމުގެ ދައުވާ އާއި ފަރުވާލެއް ނެތި ކުރި ކަމަކުން މީހެއްގެ ހަށިގަނޑަށް ބޮޑު ގެއްލުމެއް ލިބިދާނެ ކަމުގެ ބިރެއް ކުރިމަތިކުރުމުގެ ދައުވާ އާއި މުދަލަށް ގެއްލުން ދިނުމުގެ ދެ ދައުވާއެއްގެ އިތުރުން އެކްސިޑެންޓްވުމުން ރިޕޯޓް ނުކުރުމުގެ ދައުވާ އާއި އެހީއަށް ބޭނުންވެފައިވާ މީހަކަށް އެކަށީގެންވާ ސަބަބެއް ނެތި އެހީ ފޯރުކޮށް ނުދިނުމުގެ ދައުވާ އެވެ.

މައްސަލައިގައި ހިމެނޭ އިކްރާމުއްރަހްމާންގެ މައްޗަށް ކުރަނީ އަނިޔާއެއް ދިނުމުގައި ބައިވެރިވުމުގެ ދައުވާ އާއި އެކްސިޑެންޓްވުމުން ރިޕޯޓް ނުކުރުމުގެ ދައުވާ އާއި އެހީއަށް ބޭނުންވެފައިވާ މީހަކަށް އެކަށީގެންވާ ސަބަބެއް ނެތި އެހީ ފޯރުކޮށް ނުދިނުމުގެ ދައުވާ އާއި ފަރުވާލެއް ނެތި ކުރާ ކަމަކުން އެހެން މީހެއްގެ ހަށިގަނޑަށް ބޮޑު ގެއްލުމެއް ލިބިދާނެ ކަމުގެ ބިރެއް ކުރިމަތި ކުރުމުގައި ބައިވެރިވުމުގެ ދައުވާގެ އިތުރުން މުދަލަށް ގެއްލުން ދިނުމުގައި ބައިވެރިވުމުގެ ދެ ދައުވާ އެކެވެ.

އއޭގެ އިތުރުން ޖިނާހުގެ މައްޗަށް ދަޢުލަތުން ކުރަނީ ހަތަރު ދައުވާ އެކެވެ. އެއީ އަނިޔާއެއް ދިނުމުގައި ބައިވެރިވުމުގެ ދައުވާއަކާއި ފަރުވާލެއް ނެތި ކުރާ ކަމަކުން އެހެން މީހެއްގެ ހަށިގަނޑަށް ބޮޑު ގެއްލުމެއް ލިބިދާނެ ކަމުގެ ބިރެއް ކުރިމަތި ކުރުމުގައި ބައިވެރިވުމުގެ ދައުވާގެ އިތުރުން މުދަލަށް ގެއްލުން ދިނުމުގައި ބައިވެރިވުމުގެ ދެ ދައުވާއެކެވެ.

މި އެކްސިޑެންޓާ ގުޅިގެން ފުލުހުން މީގެ ކުރިން ބުނެފައިވަނީ ވިނަރެސް ފުލެޓުތައް ކައިރީގައި އެ އެކްސިޑެންޓު ހިނގީ ކާރު ކޮންޓްރޯލުން ނެއްޓިގެން ގޮސް މަގުގެ އެއްފަރާތުގައި ސައިކަލެއްގެ މަތީގައި މަޑުކޮށްގެން އިން މީހެއްގެ ގައިގައި ޖެހިގެން ކަމަށެވެ. އެ އެކްސިޑެންޓުގައި ކާރުން ޖެހުނު މީހާ ވިއްސައިގެން ގޮސް ވަރަށް ބޮޑަށް އަނިޔާވެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން