ކުށްކޮށްގެން ދައުލަތަށް ގެއްލޭ ފައިސާ އަނބުރާ ހޯދުމާއި ގުޅޭ ކަންކަމަށް ތައްޔާރުކުރަން ނިންމާފައިވާ އެސެޓް ރިކަވަރީ ބިލް އެންޓިކޮރަޕްޝަން ކޮމިޝަނުން އެކުލަވާލުމުގެ މަސައްކަތް ކުރިނަމަވެސް، މިހާތަނަށް އެކަން ފުރިހަމަ ވެފައިނުވާތީ އެޓަރނީ ޖެނެރަލްގެ އޮފީހުން އެފަދަ ބިލެއް ތައްޔާރުކޮށް މަޖިލީހަށް ހުށަހަޅަން ނިންމާފައިވާކަމަށް އެޓަރނީ ޖެނެރަލް އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އުޝާމް ވިދާޅުވީ، މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު އެސެޓް ރިކަވަރީ ބިލްގެ މަސައްކަތް ކުރެއްވުމަށް އޭސީސީއާ މަޝްވަރާ ކުރެއްވި ކަމަށާއި އެސެޓް ރިކަވަރީ ކޮމިޝަނުން އެސެޓް ރިކަވަރީ ބިލްގެ މަސައްކަތް އޭރުވެސް ކުރައްވަމުން ގެންދެވިކަމަށެވެ. އެހެންކަމުން އުންމީދު ކުރެއްވީ އެ ބިލް މިއަހަރުގެ ތެރޭގައި މަޖިލީހަށް ހުށަހެޅޭނެކަމަށާއި އެހެންނަމަވެސް އޭސީސީން އެ ބިލް އަދިވެސް ބަންޑާރަނައިބުގެ އޮފީހަށް ފޮނުވާފައި ނުވާކަމަށް އުޝާމް ވިދާޅުވިއެވެ.

އުޝާމް ވިދާޅުވީ، ބިލް މިހާތަނަށް ވެސް ލިބިފައި ނުވާތީ ދެން މިހާރު ގަސްދުކުރައްވަނީ ސީދާ އޭޖީ އޮފީހުން ބިލް ތައްޔާރުކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ކަމަށެވެ. އަދި އެ މަސައްކަތް މިހާރު ފަށާފައިވާކަމަށާއި އަންނަ އަހަރުގެ މަޖިލީހުގެ ފުރަތަމަ ދައުރުގައި އެ ބިލް ހުށަހެޅޭވަރު ވާނެކަމަށް އުޝާމް ވިދާޅުވިއެވެ.

އުޝާމް ވިދާޅުވީ، އޭސީސީއާއެކު މަސައްކަތް ކޮށްގެން އެސެޓް ރިކަވަރީ ބިލެއް މަޖިލީހަށް ހުށަހެޅުމަށްޓަކައި ކުރި މަސައްކަތުން ކުރިއެރުމެއް ނުލިބުނު ކަމަށާއި އެހެންނަމަވެސް ނުއަގުގައި ދީފައި ހުރި އެސެޓްތަކުގެ ހަމައަގުތައް ހޯދުމަކީ ސަރުކާރުން ކުރަން ބޭނުންވާކަމެއް ކަމަށެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އުޝާމް ވަނީ ކުރީގެ ސަރުކާރުން ބަދަލުގެ ގޮތުގައި އެއް ބިލިއަނެއްހާ ރުފިޔާގެ އެސެޓްތައް އެކި ފަރާތްތަކަށް ދީފައިވާކަމަށާއި ބަދަލުގެ ގޮތުގައި އެންމެ ގިނައިން ދީފައި ހުރީ ރަށްތަކާއި ފަޅުތައް ކަމަށް ވިދާޅުވެފައެވެ.

ކުރީ ސަރުކާރުތަކުން އިހުމާލުވެފައިވާ އެފަދަ ކަންކަން ބެލުމަށް ހާއްސަ ގާނޫނެއް އެކުލަވާލައިގެން މަސައްކަތް ކުރުމަކީ ކުރައްވާނެކަމެއްކަމަށް މީގެ ކުރިން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެސް ވިދާޅުވެފައިވާ މަސައްކަތެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން