ރާއްޖޭގައި މަސްތުވާތަކެތީގެ ހާލަތު ދެނެގަތުމުގެ ދިރާސާއެއް ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ކަމަށް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަދި ޑްރަގު އެންފޯސްމަންޓް ޑިޕާޓްމަންޓުގެ ހެޑް، ނާހިދު ހުސެއިން ވިދާޅުވެއްޖެއެވެ.

ނާހިދު މިހެން ވިދާޅުވީ ދައުލަތުގެ މީޑިޔާގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުންނެވެ. އެގޮތުން ނާހިދު ވިދާޅުވީ މި ދިރާސާ ކުރިއަށް ގެންދާނެ ގޮތަކާމެދު ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމްއާއެކު މަޝްވަރާކުރަމުން ގެންދާ ކަމަށެވެ.

ގައުމީ ފެންވަރުގައި މަސްތުވާތަކެއްޗާގުޅޭ މިފަދަ ދިރާސާއެއް ރާއްޖޭގައި އެންމެ ފަހުން ކުރިއަށް ގެންގޮސްފައިވަނީ 2012 ވަނަ އަހަރުއެވެ.

ރާއްޖޭގެ މަސްތުވާތަކެތީގެ ހާލަތާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ނާހިދު ވިދާޅުވީ ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭ މަސްތުވާތަކެތި ބޭނުންކުރި މީހުންގެ އަދަދު 8355 އަށް އަރާފައިވާކަމަށެވެ. އަދި މަސްތުވާތަކެތީގެ މައްސަލައަކީ ދުވަސްވީ ބޮޑު މައްސަލައަކަށް ވާއިރު މަސްތުވާތަކެތި ބޭނުންކުރާ މީހުން ފަރުވާގެ ނިޒާމަށް ވެއްދުމަށް ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ނެޝަނަލް ޑްރަގް އެޖެންސީއިން ޚާއްސަ އޮޕަރޭޝަނެއް ފަށާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކުގެ ތެރެއިން 7961 މީހުންނަކީ ފިރިހެނުން ކަމަށާއި 394 މީހުންނަކީ އަންހެނުން ކަމަށް ނާހިދު ވިދާޅުވިއެވެ. ނާހިދު ވިދާޅުވީ ރާއްޖޭގައި އެންމެ ގިނައިން މަސްތުވާ ތަކެތި ބޭނުންކުރާ އުމުރުފުރާއަކީ އުމުރުން 25 އަހަރާއި 35 އަހަރާ ދެމެދުގެ މީހުންކަމަށެވެ. ދެން ގިނައީ އުމުރުން 35 އަހަރާއި 55 އަހަރުގެ މީހުންކަމަށާއި ތިން ވަނަ އަަށް އެންމެ ގިނައީ އުމުރުން 18 އަހަރާއި 25 އަހަރުގެ މީހުންކަމަށްވެސް އޭނާ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން