ކުރީގެ ނާއިބު ރައީސް ޢަބްދުﷲ ޖިހާދާ ގުޅޭ ގޮތުން ހައި ކޯޓަށް ހުށަހެޅި މައްސަލަ ދެވަނަ ފަހަރަށް ވެސް ބަަލައިނުގަތުމުން އެ މައްސަލަ ފަނޑިޔާރުންގެ މަޖިލީހަށް ހުށަހަޅަން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމައިފި އެވެ.

ފުށިދިއްގަރުފަޅު ސްޕެޝަލް ޓޫރިސްޓް ޒޯނެއްގެ ގޮތުގައި ތަރައްގީކުރަން 2013 ވަނަ އަހަރު ސޮއިކުރި މައްސަލާގައި ދައުލަތަށް ފައިދާވާން އޮތް ކަމެއްގައި ގެއްލުންވާ ގޮތަށް އަމަލުކުރިކަމުގެ ތުހުމަތުގައި ޖިހާދުގެ މައްޗަށް ކުރި ދައުވާގައި ކްރިމިނަލް ކޯޓުން ނިންމީ އެއީ ބެލޭނެ މައްސަލައެއް ނޫންކަމަށެވެ.

އަދި އޭގެ ފަހުން އެ މައްސަލަ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ހައިކޯޓުގައި ފުރަތަމަ ފަހަރު އިސްތިއުނާފުކުރިނަމަވެސް، ޖިހާދު އުޅުއްވާ އެޑްރެސް ޔަގީން ނުވުމުން ޗިޓު ހަވާލު ނުކުރެވިގެން އެ މައްސަލަ ބޭރުކޮށްލީ އެވެ.

އަދި އޭގެ ފަހުން އެޑްރެސް ހޯދުމަށްފަހު މައްސަލަ އަލުން ހައިކޯޓަށް ހުށަހެޅުމުން ވެސް ހައިކޯޓުން މި ހަފްތާގައި ވަނީ އެ މައްސަލަ ބޭރުކޮށްލައިފަ އެވެ. އެއީ އެ މައްސަލަ ހުށަހެޅީ ދިން 15 ދުވަހުގެ މުއްދަތު ފާއިތުވި ފަހުން ކަމަށްބުނެ އެވެ.

އެކަމާ ގުޅޭ ގޮތުން ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުގެ މީޑިއާ އޮފިޝަލު މިއަދު "ރަސް"އަށް ވިދާޅުވީ ޖިހާދުގެ މައްސަލަ އަލުން ހައިކޯޓަށް ހުށަހެޅުން ލަސްވީ އޭނާ މާލެ އައުން ލަސްވެގެން ކަމަށެވެ. އަދި ޖިހާދުގެ މައްސަލަ އަލުން ހުށަހަޅަން މުއްދަތުު އިތުރުކޮށްދޭން ކުރިން ހައިކޯޓުގައި އެދިފައި އޮތް ކަމަށާއި ނަމަވެސް ހައިކޯޓުން އެ މުއްދަތު އިތުރުކޮށް ނުދިން ކަމަށް އޭނާ ވިދާޅުވިއެވެ.

މީޑިއާ އޮފިޝަލު ވިދާޅުވީ މިހާރު ނިންމާފައި ވަނީީ އެ މައްސަލަ ފަނޑިޔާރުންގެ މަޖިލީހަށް ހުށަަހަޅަން ކަމަށާއި މާދަމާ އެ މައްސަލަ ހުށަހަޅާނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން