2025 ވަނަ އަހަރު ނިމުމުގެ ކުރިން މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބޭންކް އޮފް މޯލްޑިވްސް(ބީއެމްއެލް)ގެ އޭޓީއެމް ބަހައްޓަން އަމާޒު ހިފައިފިއެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކޮށް ހުރިހާ ދިވެހި ރައްޔިތުންނަށް ގާތުން އަދި ފަސޭހަކަމާއެކު ބޭންކުގެ ޚިދުމަތް ފޯރުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދެކެވެ.

އަދި ރައީސްގެ ވައުދާ އެއްގޮތަށް ބީއެމްއެލްގެ އޭޓީއެމްތައް މުޅި ރާއްޖެއަށް ފުޅާކުރުމުގެ ގޮތުން މިއަދު ވަނީ ބޮޑު މަޝްރޫއެއް އިފްތިތާހުވެސްކޮށްފައެވެ.

ރައީސް އޮފީހުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާޔެއްގައި އެ މަޝްރޫއު އިފްތިތާހުކޮށްދެއްވީ ސީދާ ރައީސުލްޖުމްހޫރިއްޔާއެވެ.

އަދި ބީއެމްއެލްގެ އޭޓީއެމްގެ ޚިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން އެ ބޭންކާއި އިކޮނިމިކް މިނިސްޓްރީއާއެކު މިއަދު ވަނީ ފަހުމުނާމާއެއްގައި ސޮއިވެސްކޮށްފައެވެ.

ބީއެމްއެލްގެ އޭޓީއެމްތައް މުޅި ރާއްޖެއަށް ފުޅާކުރުމުގެ މަޝްރޫއު އިފްތިތާހުކުރުމުގެ ގޮތުން އަރިއަތޮޅު ދެކުނުބުރީ އޮމަދޫގައި ބެހެއްޓި ބީއެމްއެލްގެ އޭޓީއެމްގެ ޚިދުމަތް ފެށި މަންޒަރު ލައިވްކޮށް ވަނީ ދައްކާފައެވެ.

މިއަދުގެ ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވީ އެ ބޭންކުން ރާއްޖެއަށް އޭޓީއެމްގެ ޚިދުމަތް ތައާރަފްކޮށް އެންމެ ފުރަތަމަ މާލޭގައި އޭޓީއެމްއެއް ބެހެއްޓީ 2000 ވަނަ އަހަރު ކަމަށެވެ.

އަދި މިއަދު އޮމަދޫގައި ޚިދުމަތްދޭން ފެށި އޭޓީއެމްއާއެކު 90 ރަށެއްގައި ބީއެމްއެލްގެ 150 އޭޓީއެމްއިން ޚިދުމަތް ދެމުންދާ ކަމަށެވެ. އަދި އަންނަ އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބަހައްޓައި ނިމޭއިރު ބީއެމްއެލްގެ އޭޓީއެމްގެ އަދަދު 250 އަށްވުރެ ގިނަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން