މޯލްޑިވިއަންގެ ފްލައިތެއް- ގޫގުލް އިމޭޖެސް
މޯލްޑިވިއަންގެ ފްލައިތެއް- ގޫގުލް އިމޭޖެސް
ޗައިނާގެ ބޮޑު ތިން ސިޓީ އަކަށް ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަނުން ޑައިރެކްޓު ފްލައިޓުތަކެއް ފަށަން ނިންމައިފިއެވެ.

މޯލްޑިވިއަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ކުންފުނީގެ މަސައްކަތްތައް ބައިނަލްއަގްވާމީ ފެންވަރުގައި ފުޅާ ކުރުމުގެ ގޮތުން މިހާރު ޗައިނާގެ މައި ތިން ސިޓީ އަކަށް ޑައިރެކްޓު ފަލައިޓުތަކެއް ފަށަން ނިންމާފައިވާ ކަމަށެވެ. އެގޮތުން މޯލްޑިވިއަނުން ޑައިރެކްޓު ފްލައިޓުތައް އަޅާނީ ޗައިނާގެ ޝެންހާއީ އާއި ބެއިޖިންގް އާއި ޗެންގްޑޫ އަށެވެ.

މި ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ މޯލްޑިވިއަންގެ ފުރަތަމަ "ވައިޑު ބޮޑީ އެއާކްރާފްޓު" ކަމަށްވާ އެއާބަސް އޭ330-200 ގައެވެ. މި ފްލައިޓުގެ ކެބިންތައް ތިން ކްލާހަކަށް ބަހާލެވިފައިވާއިރު އޭގެ ތެރޭގައި ބިޒްނަސް ކްލާސް (18 ސީޓު)، ޕްރިމިއަމް އިކޮނޮމީ (36 ސީޓު)، އަދި އިކޮނޮމީ ކްލާސް (210 ސީޓު) ހިމެނެއެވެ.

މިކަމާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން މޯލްޑިވިއަންގެ ޗީފް ކޮމާޝިއަލް އޮފިސާ (ސީސީއޯ) އިސްމާއިލް އަމްރަހް އުމަރު ވިދާޅުވީ ޗައިނާއަށް ޑައިރެކްޓް ފްލައިޓު އަޅަން ފެށުން މިއީ އެއާލައިން ފުޅާކުރުމުގެ ސްޓްރެޓެޖީއަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ. އަދި މިއީ ފަތުރުވެރިކަމުގެ އިތުރުން މި ދެ ގައުމުގެ ދެމެދުގައިވާ ސަގާފީ އަދި އިގްތިސާދީ ގުޅުންތައް ވަރުގަދަ ކޮށް ބަދަހި ކުރުމަށް ލިބޭ ފުރުސަތެއް ކަމަށްވެސް އަމްރަހް ވިދާޅުވިއެވެ.

ޗައިނާއަށް ޑައިރެކްޓު ދަތުރުތައް ފެށުން ފާހަގަ ކުރުމުގެ ގޮތުން މޯލްޑިވިއަން އިން މިހާރު ވަނީ އިފްތިތާހީ ދަތުރުތަކަށް ހާއްސަ އަގުތަކެއް ކަނޑައަޅާފައެވެ.

ޗައިނާއއށް ކުރާ އިފްތިތާހީ ދަތުރުތަކުގެ އަގުތައް؛

- މާލޭ - ޗެންގްޑޫ: 2025ގެ ޖެނުއަރީ 22 އިން 30 ޖެނުއަރީ އަށް، ދެކޮޅު ޓިކެޓު 688 ޑޮލަރު

- މާލޭ - ބެއިޖިންގު: 2025ގެ ޖެނުއަރީ 24 އިން ފެބްރުއަރީ 1 އަަށް، ދެކޮޅު ޓިކެޓު 788 ޑޮލަރު

- މާލޭ - ޝެންހާއީ: 2025ގެ ޖެނުއަރީ 27 އިން ފެބްރުއަރީ 4 އަށް، ދެކޮޅު ޓިކެޓު 777 ޑޮލަރު

މި ހުރިހާ ދަތުރުތަކަށްވެސް ކޮންމެ ފަސިންޖަރަކަށް 40 ކިލޯގެ ބެގެޖު ލިބޭ އިރު، މީގެ އިތުރުން ފްލައިޓުގައި ރަނގަޅު މީލް ޕެކޭޖެއް ވެސް ލިބޭނެކަމަށް މޯލްޑިވިއަނުން ވަނީ ބުނެފައެވެ.

މޯލްޑިވިއަން އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ މިއީ ޗައިނާ އާއި ރާއްޖެއާ ދެމެދު އޮތް ފަތުރުވެރިކަމުގެ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށްޓަކައި އެޅިގެންދާ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި މިއީ ބައިނަލްއަގްވާމީ ގައުމުތަކާ ދިވެހިރާއްޖެ ގުޅުވާލުމަށް ކުރާ މަސައްކަތުގެ ދަށުން އެޅޭ މުހިންމު ފިޔަވަޅެއް ކަމަށްވެސް މޯލްޑިވިއަނުން ބުނެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން