މައްސަލާގައި ތުހުމަތު ކުރެވޭ ދެމީހުން
މައްސަލާގައި ތުހުމަތު ކުރެވޭ ދެމީހުން
ލ. އަތޮޅުގައި ދެފިރިހެނަކު މަގުމަތިން އަންހެނަކާ ދިމާކޮށް ފޯނުފޭރެން އުޅުނު މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން މިކަން ހާމަކޮށްފައިވާއިރު “ފާތިމަތު ޝާނީ”ގެ ނަމުގައި ފޭސްބުކްގައި މީހަކު ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ މިމަހުގެ 6 ވަނަ ދުވަހު އޭނާ ލ. ގަމުން ފޮނަދޫއަށް ސައިކަލުގައި ދަނިކޮށް ދެ ފިރިހެނަކު އޭނާގެ ފަހަތުން އެހެން ސައިކަލެއްގައި އައިސް ފުރައްސާރަކޮށް އޭނާގެ ވީޑިއޯއެއް ނަގާފައިވާ ކަމަށެވެ.

އެހެންކަމުން ޝާނީ ވެސް އޭނާގެ ފޯނު ނަގައިގެން އެމީހުންގެ ވީޑިއޯ ކުރަން ފެށި ކަމަށާއި ވީޑިއޯ ކުރަން ފެށުމުން އޭގެން އެކަކު ސައިކަލުން ފައިބައިގެން ގޮސް ޝާނީގެ އަތުގައި އޮތް ފޯނު އަތުލަން މަސައްކަތް ކުރި ކަމަށް އޭނާ ބުނެފައިވެއެވެ. އަދި އެކަން ނާކާމިޔާބުވުމުން ޝާނީގެ ހެލްމެޓު އެއްލާލާފައި އެމީހުން ދިޔަ ކަމަށް އެޕޯސްޓުގައި ބުނެފައިވެއެވެ.



ނަމަވެސް މި މައްސަލަ ފުލުހުންނަށް ހުށަހެޅުމުން އެމީހުންގެ ސައިކަލުގެ ނަން ބޯޑު ޝާނީ ހަލާކު ކޮށްލީ ކަމަށް އެމީހުން ބުނެފައިވާ ކަމަށް ޝާނީ ބުނެފައިވެއެވެ. ނަމަވެސް ޝާނީ ހިއްސާ ކޮށްފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި އެ ދެމީހުން ދުއްވަން އިން ސައިކަލުގެ ނަން ބޯޑަށް އެއްވެސް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

ޝާނީގެ ފޭސްބުކް ޕޯސްޓުގައި ބުނީ އޭނާއަށް ހަމަލާދިނީ ހުސެއިން ފައިސަލް (ކޮއްތު) ކަމަށާއި އޭނާއާއެކު ހުރީ އަހްމަދު އާތިފް (މެސީ) ކަމަށެވެ.

މިކަމާ ގުޅޭގޮތުން ފުލުހުން މިއަދު ބުނީ މިމަހުގެ 6 ވަނަ ދުވަހު އިރުއޮއްސި 6:34 ހާއިރު ލ. ގަމުން ފޮނަދޫއަށް ސައިކަލެއްގައި ދިޔަ ދިވެހި އަންހެނަކާ ދިވެހި ދެ ފިރިހެނުން ދިމާކޮށް، ގަދަކަމުން ފޯނު އަތުލަން މަސައްކަތްކޮށް އަދި ހެލްމެޓު ނަގައި ވަލުތެރެއަށް އެއްލާލާފައިވާ މައްސަލައެއް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.

އަދި މި މައްސަލަ ތަހުޤީޤު ކުރަމުންދާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން