ހުޅުމާލެ ފޭސް 2 (ފޮޓޯ: އެޗްޑީސީ)
ހުޅުމާލެ ފޭސް 2 (ފޮޓޯ: އެޗްޑީސީ)
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތިން ސްކޫލެއް އިމާރާތް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާން ކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން ވަނީ ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައެވެ.

އެގޮތުން މި ތިން ސްކޫލްގެ ތެރެއިން ކޮންމެ ބީލަމެއްގައި ބައިވެރިވުމަށް 1500 ރުފިޔާ (ފަނަރަ ސަތޭކަ ރުފިޔާ ނުވަތަ 100 ޔޫ.އެސް ޑޮލަރ) ގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހެއެވެ. މި ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ 15 ސެޕްޓެންބަރު 2020 އިން 19 އޮކްޓޫބަރު 2020އަށް، ފިނޭންސް މިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް "ބަނޑޭރި ޕޭ" މެދުވެރިކޮށެވެ. ފައިސާ ދެއްކުމަށްފަހު، ބީލަމަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތުގެ ނަމާއި އެޑްރެސް، ގުޅޭނެ ނަންބަރާއި އީ-މެއިލް އެޑްރެސް އަދި ފައިސާ ދެއްކި ރަސީދުގެ ކޮޕީ މެއިލްކުރުމަށް ފިނޭންސް މިނިސްޓްރީއިން ވަނީ އެދިވަޑައިގެންފައެވެ.

މި މަސައްކަތްތަކަށް ޝަރުތުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ އިންޓަރނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އައިސީބީ) އުސޫލުގެ މަތިންނެވެ. މިކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބީލަން ފޮތުގައި ބަޔާންކޮށްފައި ވާނެކަމަށް ފިނޭންސް މިނިސްޓްރީގެ އިއުލާނުގައި ބުނެފައި ވެއެވެ.

މި މަސައްކަތުގެ ދަށުން ކޮންމެ ސްކޫލެއް އިމާރާތްކުރުމަށް ބިޑް ސެކިއުރިޓީގެ ގޮތުގައި 850 ހާސް ދިވެހި ރުފިޔާއިން ނުވަތަ އެ އަދަދާ އެއްވަރެއްގެ އަދަދެއް އެމެރިކާ ޑޮލަރު ވަނީ ކަނޑައަޅާފައެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަސްކަމަށް ފިނޭންސް މިނިސްޓްރީއިން ބުނެފައި ވެއެވެ.

މި ޕްރޮޖެކްޓްގެ ބީލަން ހުޅުވުން އޮންނާނީ 20 އޮކްޓޫބަރު 2020 ވާ އަންގާރަ ދުވަހުގެ 13:00 ގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން