ޖަލުގައި އަނިޔާކޮށް މަރާލި އީވާން ނަސީމްގެ ޖަނާޒާގައި ރައީސް މައުމޫން ބައިވެރިވެ ވަޑައިގަންނަވަނީ
ޖަލުގައި އަނިޔާކޮށް މަރާލި އީވާން ނަސީމްގެ ޖަނާޒާގައި ރައީސް މައުމޫން ބައިވެރިވެ ވަޑައިގަންނަވަނީ
ރައީސް މައުމޫންގެ ވެރިކަމުގައި މާފުށީ ޖަލުގައި ހައްޔަރުކޮށް ބަހައްޓައިގެން ތަޅައި އަނިޔާކޮށް މަރާލި މ.އޭޝިއާ އުމުރުން 19 އަހަރުގެ ޙަސަން އީވާން ނަސީމަށް އިންސާފު ހޯދައިދިނުމަށް ވީ ވަޢުދު ފުއްދުމެއްނެތި އެމްޑީޕީން އަނެއްކާވެސް "ފެން ނުހިފޭ" ބަޔާނެއްނެރެ އެވަރުން ފުއްދާލައިފިއެވެ.

އެމްޑީޕީން ނެރެފައިވާ ބަޔާނެއްގައި ވަނީ މިއަދަކީ އީވާން ނަސީމް މަރާލިތާ 17 އަހަރު ފުރޭ ހިތާމަވެރި ދުވަސް ކަމަށާއި، އުމުރުން އެންމެ 16 އަހަރުގައި ޖަލަށްލައި ހައްޔަރުކުރެވުނު ޒުވާން އީވާން ނަސީމު، އޭގެ 3 އަހަރު ފަހުން މާފުށީ ޖަލުގައި މަރާލީ ސިފައިން އޭނާގެ ގައިގާ ތަޅައި ލާއިންސާނީ އަނިޔާކުރުމަށް ފަހުގައި ކަމަށެވެ. އަދި އާއިލާއަށް ސިއްރުން އޭނާގެ ހަށިގަނޑު ވަޅުލަން މަސައްކަތްކޮށްފައިވާ ކަމަށްވެސް އެމްޑީޕީން ވަނީ ބުނެފައެވެ.

އެމްޑީޕީގެ ބަޔާނުގައި ވަނީ 2003 ވަނަ އަހަރުގެ ސެޕްޓެމްބަރ 19 ވަނަ ދުވަހު ހިންގި އެ ބޮޑު ޖަރީމާއާ ދެކޮޅަށް ޖެހިގެން އައިދުވަހު ޖަލުގައި އިޙްތިޖާޖުކުރި އެތަކެއް އިތުރު ގައިދީން ތަކެއްގެ ގަޔަށް ބަޑިޖަހައި މަރާލައި އަދި ގައިދީންތަކެއް ޒަހަމް ކޮށްފައި ވާކަމަށެވެ.

އޭރު ޖަލުގައި ހިންގި މި ޖަރީމާ ވެގެން ގޮސްފައިވަނީ ރާއްޖޭގެ ޖަލުތަކުގައި އޭރު ރައީސް މައުމޫނު ޢަބްދުލްޤައްޔޫމުގެ ސަރުކާރުން ސިސްޓަމެޓިކް ގޮތަކަށް ބޮޑެތި އަނިޔާތައް ދެމުންދިޔަކަމާއި، އެފަދަ އަނިޔާތަކުގެ ޝިކާރަކަށްވެ އެތައް ބަޔަކު، ދުނިޔެދޫކޮށްފައިވާކަމުގައި އޭރު ވެސް ތުންތުންމަތިން ދެކެވެމުން ދިއަ ވާހަކަތަކުގެ ޙަޤީޤަތް އެންމެހައި ރައްޔިތުންނަށާއި މުޅި ދުނިޔެއަށް ޤަބޫލުކުރެވޭމިންވަރަށް ތިލަވެގެންދިއަ ޖަރީމާއަކަށް ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ. އަދި ރާއްޖެއަށް ސިޔާސީ އިސްލާހީ ބޮޑެތި ބަދަލުތަކެއް ގެންނަން އޭރުގެ ސަރުކާރަށް މަޖުބޫރުވެގެން ދިޔައީ އީވާންގެ މަރުގެ ސަބަބުން ކަމަށް އެމްޑީޕީން ބުނެފައިވެއެވެ.

އެމްޑީޕީގެ ބަޔާނުގައި ބުނެފައިވަނީ، ރައީސް މައުމޫނު ޢަބްދުލްޤައްޔޫމުގެ ސަރުކާރުގެ މި އަނިޔާވެރި ޖަރީމާއަށްފަހު ވެސް، ޖަލުގައި މީހުންގެ ގަޔަށް ބަޑިޖަހާފައިވާ ގޮތުގެ ޙަޤީޤަތް ހޯދިފައި ނުވާކަމަށާއި، މިގޮތުން ބަޑިޖަހާފައި ވަނީ ސިފައިންގެ ޤާނޫނުގައިވާ ގޮތުގެ މަތިން އޯޑަރު ކުރަން ތިބި ފަރާތްތަކެއްގެ އޯޑަރަށް ކަމަށްވާނަމަ، އޯޑަރުކުރި ފަރާތްތަކުގެ މައްސަލަތައް ބަލާފައި ނުވުމާއި، ބަޑިޖަހާފައިވަނީ އޯޑަރުގެ މަތިން ނޫންކަމަށްވާނަމަ ސިފައިންގެ ޤާނޫނުގެ ދަށުން އޯޑަރެއް ނެތި ބަޑިޖެހި ކަމުގެ ތަޙްޤީޤެއް ހިންގައި އެކަމަށް ޝަރީއަތްކޮށްފައި ނުވާތީ، އެކަމުގެ ޙަޤީޤަތް އަދިވެސް ދިވެހި ރައްޔިތުންނަށް ސާފުވާންޖެހިފައިވާކަން ފާހަގަ ކޮށްފައިވެއެވެ.

އެމްޑީޕީން ރައީސް މައުމޫނުގެ ސަރުކާރަށް މިފަދަ ތުހުމަތުތަކެއްކޮށް އީވާންގެ މަރަށް 17 އަހަރު ފުރުން ފާހަގަ ކޮށްފައިވާއިރު، އޭގެ ފަހުން އެމްޑީޕީން ވަނީ ރާއްޖޭގައި ދެފަހަރު ވެރިކަން ކޮށްފައެވެ. އެގޮތުން ރައީސް މައުމޫންގެ ވެރިކަން ނިންމައި ރައީސް ނަޝީދުގެ ވެރިކަމުގައި "ކާމިޔާބުގައި ހިތްތިރިކުރުމަށް" ކަމަށް ބުނެ ރައީސް މައުމޫންގެ ސަރުކާރުގެ އެބުނާ އަނިޔާވެރި އެއްވެސް މައްސަލައެއް ބަލާފައެއް ނުވެއެވެ.

ރައީސް މައުމޫންގެ ސަރުކާރުގެ އަނިޔާވެރިކަމުގެ ވާހަކަ ރައީސް ނަޝީދު މިއަދު ދައްކަވަން ފަށާފައިވާއިރު ރައީސް ނަޝީދުގެ ވެރިކަމުގައި އެ އަނިޔާތަކަށް އިންސާފުހޯދައިދީފައި ނުވާތީ ގިނަ ބައެއްގެ ނުރުހުން ރައީސް ނަޝީދަށް ވަނީ އަމާޒުވެފައެވެ. މީގެއިތުރުން މިއަދު ރައީސް މައުމޫނުގެ ސަރުކާރުގެ އަނިޔާވެރި ކަމުގެ ވާހަކައާއި އެ އަނިޔާތަކަށް އިންސާފު ނުލިބޭ ވާހަކަ ރައީސް ނަޝީދާއި އެމްޑީޕީން ދައްކާއިރު އެމްޑީޕީ އިސްވެ އޮވެ މިހާރު އެކުލަވާލާފައިވާ ކޯލިޝަން ސަރުކާރުން ރައީސް މައުމޫނަށް ބައި އަޅައިގެން ވެރިކަން ކުރުމަކީ ވެސް ގިނަބައެއްގެ ފާޑުކިއުން އަމާޒުވެފައިވާ ކަމެކެވެ.


ކިޔުންތެރިންގެ ހިޔާލު


11

ފެޅަފި

22-Sep-2020

ނަޝީދު (އެމްޑީޕީ ން) ވެރިކަމުގައި ތިކަހަލަ ޖަރީމާތައް ނުހިންގިޔަސް ޕާޓީތަކުގެ ވެރިން ގުޅިލާމެހިފައި ތިއްބަވާތީ މައްސަލަ ބެލޭކަށްނޯވޭ. ސިޔާސީގޮތުން ޕާޓީ ބަދަލުވިޔަސް ޢިއްޒަތްތެރިން ތިއްބަވަނީ ޝަރަފުވެރިންގެ ގޮތުގައި. މަޑުކުރައްވާ އިންސާފުގެ ދުވަހެއް އެބައޮތް.


-2

ފެޅަފި

22-Sep-2020

ނަޝީދު (އެމްޑީޕީ ން) ވެރިކަމުގައި ތިކަހަލަ ޖަރީމާތައް ނުހިންގިޔަސް ޕާޓީތަކުގެ ވެރިން ގުޅިލާމެހިފައި ތިއްބަވާތީ މައްސަލަ ބެލޭކަށްނޯވޭ. ސިޔާސީގޮތުން ޕާޓީ ބަދަލުވިޔަސް ޢިއްޒަތްތެރިން ތިއްބަވަނީ ޝަރަފުވެރިންގެ ގޮތުގައި. މަޑުކުރައްވާ އިންސާފުގެ ދުވަހެއް އެބައޮތް.


5

ފެޅަފި

22-Sep-2020

ނަޝީދު (އެމްޑީޕީ ން) ވެރިކަމުގައި ތިކަހަލަ ޖަރީމާތައް ނުހިންގިޔަސް ޕާޓީތަކުގެ ވެރިން ގުޅިލާމެހިފައި ތިއްބަވާތީ މައްސަލަ ބެލޭކަށްނޯވޭ. ސިޔާސީގޮތުން ޕާޓީ ބަދަލުވިޔަސް ޢިއްޒަތްތެރިން ތިއްބަވަނީ ޝަރަފުވެރިންގެ ގޮތުގައި. މަޑުކުރައްވާ އިންސާފުގެ ދުވަހެއް އެބައޮތް.



ޓްރެންޑިން