އދގެ ހިއުމަން ރައިޓްސް ތަރުޖަމާން
އދގެ ހިއުމަން ރައިޓްސް ތަރުޖަމާން
މިދިޔަ ހޮނިހިރު ދުވަހުގެ ފަތިހު އެމެރިކާގެ އަސްކަރިއްޔާއިން ވެނެޒުއޭލާގައި ހިންގި ވަރުގަދަ އޮޕަރޭޝަނާ މެދު އދ. އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އދ. ގެ ހިއުމަން ރައިޓްސް އޮފީހުގެ ތަރުޖަމާނު ރަވީނާ ޝަމްދަސާނީ ޖެނީވާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ، އެމެރިކާގެ މި އަމަލަކީ ބައިނަލްއަގުވާމީ ގާނޫނުތަކުގެ އަސާސީ އުސޫލުތަކާ ސީދާ ޚިލާފު ކަމެއް ކަމަށާއި، އެއްވެސް ގައުމަކުން އަނެއް ގައުމެއްގެ އިސްތިގުލާލަށް ނުވަތަ ސިޔާސީ މިނިވަންކަމަށް ބާރުގެ ބޭނުންކޮށްގެން ނުވާނެ ކަމަށެވެ.

މި އޮޕަރޭޝަން ހިންގާފައިވަނީ އެމެރިކާގެ މަތިންދާބޯޓުތަކާއި ކަނޑުގެ ސިފައިންގެ އެހީތެރިކަމާ އެކު ވެނެޒުއޭލާގެ ވެރިރަށް ކަރަކާސްއަށް ވައިގެ މަގުން ހަމަލާތައް ދެމުންނެވެ. މި ހަމަލާތަކުގެ ތެރޭގައި އެމެރިކާގެ ކޮމާންޑޯ އިން ވަނީ ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަދޫރޯ އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސީލިއާ ފްލޯރެސް ބާރުގެ ބޭނުންކޮށްގެން ހައްޔަރުކޮށްގެން ގެންގޮސްފައެވެ.

ވެނެޒުއޭލާ ސަރުކާރުން ހިންގަމުންދާ އިންސާނީ ހައްގުތަކާ ޚިލާފު އަމަލުތަކަށް ރައްދު ދިނުމުގެ ގޮތުން ހިންގި އޮޕަރޭޝަނެއް ކަމަށް ބުނެ އެމެރިކާއިން ދައްކާ އުޒުރުތައް ބަލައި ނުގަންނާނެ ކަމަށް ޝަމްދަސާނީ ވިދާޅުވި,އެވެ.

އޭނާ ވިދާޅުވީ އިންސާނީ ހައްގުތަކުގެ މައްސަލަތަކުގައި ޖަވާބުދާރީ ކުރުވުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފަށް އެއްފަރާތަކުން އަސްކަރީ ހަމަލާތައް ދީގެން ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ވެނެޒުއޭލާގެ ހާލަތު ގޯސްވަމުންދާތާ ދިހަ އަހަރު ވެފައިވާކަން ފާހަގަކުރައްވައި، އެމެރިކާގެ މި އަސްކަރީ ވަދެގަތުމުގެ ސަބަބުން ގައުމުގެ ހަމަޖެހުން އިތުރަށް ގެއްލި، ހާލަތު މިހާރަށްވުރެ ބޮޑަށް ގޯސްވެގެންދާނެތީ އދ. އިން ބިރުގަންނަ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު