ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ މިނިސްޓްރީން، ކުރިއަށް އޮތް ރަމަޟާން މަހަށް އަމާޒުކޮށްގެން ހާއްސަ ކެއްކުމުގެ މުބާރާތެއް ބޭއްވުމަށް ނިންމައި އެކަން އިއުލާންކޮށްފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު އެ މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައިވަނީ، ދިވެހި ސަގާފީ ކާބޯތަކެތި ތައްޔާރުކުރުމަށް ބާއްވާ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އަންނަ ބުދަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ. ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ފަސޭހައިން ނަން ހުށަހެޅޭނެ ގޮތް ހެދުމުގެ ގޮތުން މިނިސްޓްރީން ވަނީ ހާއްސަ ޕޯޓަލެއް ވެސް ތައާރަފްކޮށްފައެވެ.

މި މުބާރާތަށް ހުށަހަޅާ ތަކެތި އިންސާފުކުރުން އޮންނާނީ އަންނަ ހޮނިހިރު ދުވަހު ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ. މި މުބާރާތުގައި ބައިވެރިކުރެވޭނެ ބާވަތްތަކުގެ ތެރޭގައި ހަވާދުގެ ބާވަތްތަކާއި، އެކި ކަހަލަ އަސާރަ އާއި މުރުއްބާ ހިމެނެއެވެ. މީގެ އިތުރުން ކެއްކި ފަންޏާއި ކަނދީގެ ބާވަތްތަކާއި، ސަޓަނި، މަސްހުނި އަދި ބޮނޑިބަތުގެ އިތުރުން ތަފާތު ވައްތަރުގެ ހެދިކާ ވެސް މި މުބާރާތަށް ހުށަހެޅޭނެ ކަމަށް މިނިސްޓްރީގެ ލިސްޓުގައި ބަޔާންކޮށްފައިވެއެވެ.

މި މުބާރާތާ ގުޅޭގޮތުން އިތުރު ތަފްސީލު ހޯދަން ބޭނުންވާ ފަރާތްތަކުން އެ މިނިސްޓްރީގެ އިވެންޓްސް އެންޑް އައުޓްރީޗް ސެކްޝަނަށް ގުޅައިގެން މައުލޫމާތު ސާފުކުރެވޭނެއެވެ. އެގޮތުން އެ ސެކްޝަންގެ ނަމްބަރު 7699595 އަށް ގުޅުމަށް މިނިސްޓްރީން ވަނީ އެދިފައެވެ. މި މުބާރާތަކީ ރޯދަ މަހާ ދިމާކޮށް ދިވެހި ކާބޯތަކެތީގެ ސަގާފަތް ދިރުވައި އާލާކުރުމުގެ މަގްސަދުގައި ކުރިއަށްގެންދާ ހަރަކާތެކެވެ.



ކިޔުންތެރިންގެ ހިޔާލު