އިޤްތިޞާދީ ވަޒީރު ފައްޔާޒް އިސްމާޢީލް (ވ) އާއި ކުރީގެ އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު (ކ)
އިޤްތިޞާދީ ވަޒީރު ފައްޔާޒް އިސްމާޢީލް (ވ) އާއި ކުރީގެ އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު (ކ)
ޗައިނާ އާއެކު ރާއްޖެއިން ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް ޢަމަލު ނުކޮށްފިނަމަ އެ ގެއްލުވާލެވެނީ ރީ އެކްސްޕޯޓްގެ ހަބަކަށް ރާއްޖެ ހެދުމަށް ލިބުނު ފުރުސަތެއް ކަމަށް ވިދާޅުވެ އެ އެއްބަސްވުން އެކުލަވާލިއިރު އިކޮނޮމިކް މިނިސްޓަރަކަށް ހުންނެވި މުޙައްމަދު ސައީދު މިހާރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

ކުރީ ސަރުކާރުން ޗައިނާއާއެކު ޤާއިމްކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަކީ އޭގެ ސަބަބުން އެހެން ޤައުމުތަކާއެކު އޮންނަ ވިޔަފާރީގެ ގުޅުމަށް ހީނަރުކަމެއް އަންނާނެ އެއްބަސްވުމެއްކަމަށް ރޭ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާޢީލް ވަނީ ވިދާޅުވެފައެވެ.

އެކަމަށް ރައްދުދެއްވާ މާވަށު ދާއިރާގެ މެންބަރު އަދި ކުރީ ސަރުކާރުގެ އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ވާހަކަ ސަރުކާރުން ދައްކަނީ އެއްވެސް ޒިންމާދާރުކަމެއް ނެތިކަމަށެވެ. އަދި އެ އެއްބަސްވުމަކީ ރާއްޖެ ރީ އެކްސްޕޯޓްގެ މައި ހަބަކަށް ހެދުމަށް ލިބޭ ފުރުސަތެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"ހުސްވާހަކަ ނުުދައްކަވާ، އޮއްޓަރު ހުރި އެންމެ މިސާލެއް ދެއްވާ. އެ ހިތްވަރު ސަރުކާރުގައި ހުންނަންވާނެ. އެފްޓީއޭގެ ސަބަބުން ރާއްޖެ އަކީ ސީފުޑް އަދި އަގުބޮޑު މުދަލުގެ ރީ-އެކްސްޕޯޓް ހަބަކަށް ހެދޭނެ" ސަޢީދު ވިދާޅުވިއެވެ.

ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވީ، ޗައިނާއާއެކު ކުރީ ސަރުކާރުން ޤާއިމްކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަކީ އޭގެ ސަބަބުން އެހެން ޤައުމުތަކާއެކު އޮންނަ ވިޔަފާރިގެ ގުޅުމަށް ހީނަރުކަމެއް އަންނާނެ އެއްބަސްވުމެއްކަމަށެވެ. އޭރުގެ ރައްޔިތުންގެ މަޖިލީހަށް 1000 ޞަފްޙާގެ އެ އެއްބަސްވުން ބަލާލަން ލިބުނީވެސް ގަޑިއެއްއާއިރު ކަމަށާއި، ނަމަވެސް އެ އެއްބަސްވުމުގައި ހުރި ކަންތައްތަކުގެ ސަބަބުން ވަރަށް ގިނަ ގެއްލުންތަކެއް ރާއްޖޭގެ އިޤްތިޞާދަށް ކުރާނެކަމަށް ފައްޔާޒު ވިދާޅުވިއެވެ.

މިނިސްޓަރ ފައްޔާޒު ވިދާޅުވީ އޭނާ އިޤްތިޞާދާބެހޭ ވަޒީރަކަށް ހުންނަވައިގެން އެފަދަ އެއްބަސްވުމެއް އެކުލަވާނުލައްވާނެކަމަށާއި، ނަމަވެސް މިނިވަން ވިޔަފާރީގެ ކަންކަމާ ވާހަކަ ދައްކާ އިތުރަށް ކަންކަން ރަނގަޅުކުރެވިދާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން