އުމުރުން 24 އަހަރުގެ ސޮލައިމާން އާމިރު
އުމުރުން 24 އަހަރުގެ ސޮލައިމާން އާމިރު
ފޭކް ޓްރާންސްފާ ސްލިޕެއް ފޮނުވައިގެން މަކަރާއި ހީލަތުން ސައިކަލެއް ނެގި މައްސަލައެއްގައި ހައްޔަރުކުރި ބަންގްލަދޭޝް މީހެއްގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން އިތުރުކޮށްފިއެވެ.

މި މައްސަލައިގައި ފުލުހުން ހައްޔަރު ކޮށްފައިވަނީ ބަންގްލަދޭޝަށް ނިސްބަތްވާ އުމުރުން 24 އަހަރުގެ ސޮލައިމާން އާމިރު އެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާ ބަންދުގައި ބެހެއްޓުމަށް އިތުރު 15 ދުވަހުގެ މުއްދަތެއް ދީފައެވެ.

ސޮލައިމާން އާމިރުގެ މައްޗަށް ތުހުމަތު ކުރެވެނީ 92،000 ރުފިޔާގެ ސައްހަ ނޫން ޓްރާންސްފާ ސްލިޕެއް ފޮނުވައިގެން ސައިކަލެއް ގަނެފައިވާ ކަމަށެވެ. ކޯޓުން ނެރުނު ބަންދު އަމުރުގައިވާ ގޮތުން، އޭނާއާ ދެކޮޅަށް ތުހުމަތު ކުރެވޭ އެކަށީގެންވާ މިންވަރުގެ ހެކި ފުލުހުން ވަނީ ހުށަހަޅާފައެވެ.

މި މައްސަލައިގެ ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ތަކެތީގެ ތެރޭގައި، ސޮލައިމާން އާއި އިތުރު މީހަކު ހުޅުމާލެ ޝީޝާ ސާވިސް ސެންޓަރަށް ގޮސް ސައިކަލާ ހަވާލުވާ މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖާއި، އެނަލިސިސް ފޮޓޯ ރިޕޯޓާއި، ސައިކަލާ ހަވާލުވި ކަމުގެ ޑެލިވަރީ ނޯޓްގެ ފޮޓޯ އާއި، މައްސަލަ ހުށަހެޅި ފަރާތުގެ ސިޓީ އާއި، ފޮނުވާފައިވާ ފޭކް ސްލިޕްގެ ފޮޓޯ އާއި، ވައިބާ މެދުވެރިކޮށް ކޮށްފައިވާ މުއާމަލާތްތަކުގެ ސްކްރީންޝޮޓްތަކާއި އެހެނިހެން މާއްދީ ހެކިތައް ހިމެނެއެވެ.

މި މައްސަލަ ފެންމަތިވެފައިވާއިރު، މި ފަހަކަށް އައިސް ފޭކް ސްލިޕް ފޮނުވައިގެން މުދާ ހޯދާ މައްސަލަތައް އިތުރުވަމުންދާތީ، ވިޔަފާރިކުރާ ފަރާތްތަކުން މިފަދަ ކަންކަމަށް ސަމާލުވުމަށް ފުލުހުން އިލްތިމާސް ކުރެއެވެ. ސޮލައިމާން އާމިރުގެ މައްޗަށް ތުހުމަތު ކުރެވެނީ މަކަރާއި ހީލަތް ހެދުމާއި ޓެކުމުގެ ކުށެވެ.



ކިޔުންތެރިންގެ ހިޔާލު