އަހުމަދު ޔާމިން   18 އޮކްޓޯބަރު 2020 - 18:27
އެމްޑީޕީގެ ޕީޖީ ލީޑަރ، މެދުހެންވޭރު ދާއިރާގެ މެމްބަރު ޢަލީ އާޒިމް (ވ). އާއި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް (ކ)
އެމްޑީޕީގެ ޕީޖީ ލީޑަރ، މެދުހެންވޭރު ދާއިރާގެ މެމްބަރު ޢަލީ އާޒިމް (ވ). އާއި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް (ކ)
އިންޑިއާ އަކީ އަބަދުވެސް ދިވެހިންނަށާއި ދިވެހި ސަރުކާރަށް ފަހި ސިޔާސަތުތަކެއް ގެންގުޅެމުންދާ ޤައުމެއްކަން ދިވެހިންނަށް އެނގޭނެ ކަމަށާއި، އިދިކޮޅު ފަރާތްތަކުން ކިޔަމުން އަންނަ "އިންޑިއާ އައުޓް" ފަރިހި ބާވެއްޖެ ކަމަށް އެމްޑީޕީގެ ޕީޖީ ލީޑަރ ޢަލީ އާޒިމް ވިދާޅުވެއްޖެއެވެ.

އެމްޑީޕީން ނެރޭ ޚަބަރު ސިޓީގެ 8 ވަނަ ޢަދަދުގައި ޢަލީ އާޒިމް ލިޔުއްވާފައިވާ ލިޔުއްވުމެއްގައި ވަނީ ދިވެހިންނަށް ބޮޑުކަމެއް ދިމާވާ ކޮންމެ ފަހަރަކު އެހީތެރިކަން ފޯރުކޮށްދޭން އިންޑިއާ އަބަދުވެސް އޮންނަނީ ތައްޔާރަށް ކަމަށާއި، ރާއްޖެއާއި އިންޑިއާގެ ގުޅުން ހީނަރުވެގެން ދިޔައީ މިއަދު "އިންޑިއާ އައުޓް" ގޮވާ ފަރާތްތައް ސަރުކާރުގައި ތިބެ ވަކި ޤައުމަކަށް ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބަރޯސާކުރި ހިސާބުން ކަމަށެވެ.

އާޒިމް ވިދާޅުވީ އިންޑިއާއިން ރާއްޖޭގައި މިލިޓަރީ ބޭސްއެއް ހަދަން ނޫޅޭ ކަމަށާއި، ރާއްޖެ ހިފަންވެސް އިންޑިއާ ނޫޅޭ ކަމަށެވެ. އަދި އިންޑިއާއިން އެފަދަ ކަމެއް ކުރަން އުޅޭނަމަ އެފުރުސަތު ދީގެން މަންޒަރު ބަލަން ދުނިޔޭގެ އެއްވެސް ޤައުމެއް ނޯންނާނެ ކަމަށް އާޒިމް ވިދާޅުވިއެވެ. އަދި އިންޑިއާއިން ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް އަބަދުވެސް ބަލާނޭ ކަމީ ކަށަވަރު ކަމެއް ކަމަށް އާޒިމް ވިދާޅުވިއެވެ.

ސަރުކާރުގެ ޚާރިޖީ ސިޔާސަތަށް މި ލިޔުމުގައި އަލި އަޅުއްވާލައްވަމުން އާޒިމް ވިދާޅުވެފައި ވަނީ، މިއަދު ސަރުކާރުގެ ޚާރިޖީ ސިޔާސަތު ވަރަށް ހަރުދަނާ ކަމަށާއި، އިންޑިއާ އާއި އޮތް ގާތް ގުޅުމާއެކު ޗައިނާއާ އެކުވެސް ގާތް ގުޅުމެއް އުފެދިފައިވާ ކަމަށެވެ. އަދި މެދުއިރުމަތީގެ ޤައުމުތަކާއި މެދުވެސް އޮތީ ބަދަހި ގުޅުމެއް ކަމަށް އޭނާ ވިދާޅުވިއެވެ. އާޒިމް ވިދާޅުވީ މިއަދު މުޅި ދުނިޔެ ރާއްޖެ ބަލައިގެންފައިވާ ކަމަށާއި، ބޭރު ޤައުމުތަކަށް ދަތުރު ކުރުމަށް ރައީސަށް ދަޢުވަތުތައް އޮހެން ފަށާފައިވާ ކަމަށެވެ.

އާޒިމް ވިދާޅުވީ އިދިކޮޅުން ގެންގުޅޭ "އިންޑިއާ އައުޓް" ޝިޢާރަކީ އެ ޕާޓީގެ މެމްބަރުން ގުނބޯ ހެއްދުމަށް ގެންގުޅޭ ޝިޢާރެއް ކަމަށާއި، މިއީ ކުރީސަރުކާރުގައި ކޮރަޕްޝަން ހިންގި ފަރާތްތަކުގެ މައްޗަށް ކުށް ސާބިތުވެ ޖަލަށްދާން ޖެހިދާނެތީ ކިޔަމުންދާ ފަރިއްސެއްކަމަށެވެ. އަދި ދިވެހިން މިހާރު ވަނީ އެ ފަރިއްސަށް ހޭނިފައި ކަމަށް އާޒިމް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން