އިސްރަށްވެހިންނަށް ކުރާ އެކި ބާވަތުގެ އަނިޔާގެ މައްސަލަތައް ރިޕޯޓުކުރާ މިންވަރު ކަންބޮޑުވާ ދަރަޖައަކަށް އުފުލިފައިވާ ކަމަށް މިނިސްޓްރީ އޮފް ހެލްތު އެންޑް ފެމިލީ ސޯޝަލް ސާވިސަސްއިން ހާމަކޮށްފިއެވެ.

އުމުރުން ދުވަސްވީ މީހުންނަށް ކުރާ އަނިޔާއާ ދެކޮޅަށް ބައިނަލްއަޤުވާމީ ފެންވަރުގައި ފާހަގަކުރާ ދުވަހާ ގުޅިގެން އެ މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، 2025 ވަނަ އަހަރުގެ ތެރޭގައި އެހީތެރިކަމާއި ރައްކާތެރިކަމަށް އެދި ޖުމުލަ 34 މައްސަލައެއް ވަނީ ހުށަހަޅާފައެވެ. މީގެ އިތުރުން، އެކި ބާވަތުގެ އަނިޔާގެ ޖުމުލަ 58 މައްސަލައެއް އެ އަހަރުގެ ތެރޭގައި ރިޕޯޓުކޮށްފައިވާ ކަމަށްވެސް އެ މިނިސްޓްރީން ފާހަގަކުރެއެވެ.

މިނިސްޓްރީން ހާމަކުރި ގޮތުގައި، އިސްރަށްވެހިންނަށް ކުރާ އަނިޔާތަކުގެ ތެރޭގައި ޖިސްމާނީ އަދި ނަފްސާނީ އަނިޔާގެ އިތުރުން، މާލީ ގޮތުން ކުރާ އަނިޔާ އާއި ޖިންސީ ގޯނާ ފަދަ ކަންކަން ހިމެނެއެވެ. އަދި ހަމައެހެންމެ، އާއިލާތަކުގެ

ތެރޭގައި އިސްރަށްވެހިންނަށް އިހުމާލުވުމާއި، މުޖުތަމަޢުން ބާކީކޮށްލުމަކީވެސް މިހާރު އާންމުވަމުންދާ ހިތާމަވެރި މައްސަލަތަކެއްގެ ގޮތުގައި މިނިސްޓްރީން ފާހަގަކުރެއެވެ.

މި މައްސަލާގައި އޮތް އެންމެ ބޮޑު ގޮންޖެހުމެއްގެ ގޮތުގައި މިނިސްޓްރީން ފާހަގަކުރަނީ، މިފަދަ ގިނަ މައްސަލަތައް މުޖުތަމަޢުގެ ތެރޭގައި ސިއްރުވެފައި އޮތުމެވެ. އާއިލާގެ އަބުރަށްޓަކައި ނުވަތަ ބިރުވެރިކަމެއްގެ ސަބަބުން ގިނަ އަނިޔާތަކެއް ރިޕޯޓު ނުކުރެވި ހުރުމަކީ އިސްރަށްވެހިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އޮތް ހުރަހެކެވެ.

މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި، މިނިސްޓްރީން އަންނަނީ މުހިންމު ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން، ޤާނޫނީ ރައްކާތެރިކަން މިހާރަށްވުރެ ވަރުގަދަކުރުމާއި، އަނިޔާގެ މައްސަލަތައް ފަސޭހައިން ރިޕޯޓުކުރެވޭނެ ނިޒާމުތައް ޤާއިމުކުރުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން، އިސްރަށްވެހިންނަށް އަޅާލާ މީހުންނާއި ޞިއްޙީ ދާއިރާގެ ޚިދުމަތްތެރިންނަށް ޚާއްޞަ ފަންނީ ތަމްރީނުތައް ދިނުމަކީ މި ދާއިރާގެ ތަރައްޤީއަށް ކޮންމެހެން ބޭނުންތެރި ކަމެއްގެ ގޮތުގައި މިނިސްޓްރީން ފާހަގަކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު