ފަޅުވެރިންނާއެކު ރަހީނު ކުރި ކަމަށް ބުނާ ފަސްކުރި ދޯނި
ފަޅުވެރިންނާއެކު ރަހީނު ކުރި ކަމަށް ބުނާ ފަސްކުރި ދޯނި
"ފަސްކުރި" ދޯންޏަށް އަރައި ފަޅުވެރިންނަށް ބިރު ދެއްކުމުގައި އިސްކޮށްހުރީ ލ.ގަން / ތުނޑި، އިހްރާމްގޭ އިދުރީސް ހުސައިން ކަމަށް ދޯނީގެ ފަޅުވެރިން ބުނެފިއެވެ.

ލ. ވަޑިނޮޅި ކައިރީގައި އެންދަމަން އޮއްވާ ފަސްކުރި ދޯންޏަށް އެރި ބަޔަކު އެދޯނި ހައިޖެކް ކޮށް ދޯނީގެ ފަޅުވެރިންނަށް ބިރުދެއްކި ކަމަށް ބުނާ މައްސަލާގައި ފަޅުވެރިން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ، ހަތިޔާރާއެކު ދޯންޏަށް އަރާ ހަމަނުޖެހުން ހިންގީ އިދުރީސްގެ އަމުރަށް ކަމަށެވެ. އަދި އެ ދޯންޏަށް 27 މީހުން އެރި އިރު އެމީހުން ތިބީ މަސްތުގެ ހާލަތުގައި ކަމަށާ އަދި ދޯންޏަށް އަރައި ކެޕްޓަން ވީލް ހައުސްގައި ނިދާފައި އޮއްވާ ހޭލައްވައި، ދޯނި ސްޓާޓްކޮށް ދުއްވަން އަމުރު ކުރީ ވަޅި އާއެކު ތިބި ތިން މީހުން ކަމަށް އެބަޔާނުގައި ވެއެވެ.

އަދި އެމީހުން އެ ގޮތަށް އެންގި އިރު އިދުރީސް ހުސެއިން ވެސް ދޯނީގެ ވީލް ހައުސް ބޭރުގައި މަޑުކޮށްލައިގެން ހުރިކަމަށާއި، ދޯންޏަށް އެރި މީހުން އޭރު ދިޔައީ ބިރު ދައްކައި ބައެއް ފަޅުވެރިންގެ ގައިގައި ވަޅި ޖައްސައި އެކި ކަންކަން ކުރުމަށް އަމުރު ކުރަމުންކަމަށް ބަޔާނުގައި ވެއެވެ.

މީގެ އިތުރުން ދޯނީގެ އިންޖީނު ސްޓާޓު ކުރުމަށް ދިޔަ ފަޅުވެރިއާ އަށް ބިރު ދައްކައި، ވަޅިން ޙަމަލާދޭނެ ކަމަށް ބުނެ އިންޒާރު ދިން ކަމަށާ އަދި ދޯނީގެ ނަގިލި ނެގުން ލަސްވުމުން ނަގިލި ނަގަން ދިޔަ ފަޅުވެރިޔާގެ މޫނަށް ވަޅި ދިށްކޮށް އަވަސް ކުރުމަށް އެންގުމުގެ އިތުރުން ދޯނީގައި ހުރި ހާއްސަ އެހީއަށް ބޭނުންވާ މީހެއްގެ ގަޔަށް އެ ތަނުން މީހަކު ހޫނު ފެން އަޅާފައިވާ ކަމަށް އެ ބަޔާނުގައިވެއެވެ.

ދޯނި ލ. ގަމު ފަޅަށް ވައްދާފައި ވަނީ އެރޭ ދަންވަރު 3:00 ހާއިރު ކަމަށާއި، ދޯނި ބަނދަރަށް ވަނުމުގެ ކުރިން ރަހީނު ކުރަން ދޯންޏަށް އެރި މީހުން ގެންދިޔަ ބައެއް ސާމާން ކަނޑަށް އުކާލާފައިވާ ކަމަށް ބަޔާނުގައި ވެއެވެ. އަދި ދޯނި ގަމު ބަނދަރަށް ކައިރި ކުރިއިރު ފުލުހުންގެ ބަޔަކު ބަނދަރުގައި ތިބި ކަމަށާ ދޯނި ބަނދަރު ކުރުމުން ދޯންޏަށް އެރި 27 މީހުންގެ ނަން ނޯޓު ކުރުމަށްފަހު ފުލުހުން އެމީހުން ދޫކޮށްލާފައިވާ ކަމަށް ބަޔާނުގައި ވެއެވެ.

މި މައްސަލާގައި ފުލުހުން މިހާތަނަށް ގިނަ ޢަދަދެއްގެ ބަޔަކު ވަނީ ހައްޔަރުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން