ތިލަމާލެ ބްރިޖް ސަރވޭ ކުރިއަށް ދަނީ
ތިލަމާލެ ބްރިޖް ސަރވޭ ކުރިއަށް ދަނީ
2021 ވަނަ އަހަރަށް ލަފާކުރާ ދަޢުލަތުގެ ބަޖެޓްގައި ރާއްޖޭގެ އިންޓަނޭޝަނަލް ކޮމާޝަލް ޕޯޓުގެ މަޝްރޫއާ އެކުއެކީގައި މާލެ އާއި ވިލިނގިއްޔާއި ގުޅީފަޅު އަދި ތިލަފުށި ގުޅާލާ ބްރިޖުގެ މަސައްކަތް ވެސް ކުރިއަށް ގެންދިއުމަށް ސަރުކާރުން ނިންމަވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ބަޖެޓް ހުށައަޅުއްވަމުން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ، ރާއްޖޭގެ އިންޓަނޭޝަނަލް ކޮމާޝަލް ޕޯޓުގެ މަޝްރޫއާ އެކުއެކީގައި މާލެ އާއި ވިލިނގިއްޔާއި ގުޅީފަޅު އަދި ތިލަފުށި ގުޅާލާ ބްރިޖުގެ މަސައްކަތަށް ބޭނުންވާ ފައިނޭންސް މިހާރު ވަނީ ހަމަޖެހިފައި ކަމަށެވެ. އެގޮތުން 2021 ވަނަ އަހަރުގެ ބަޖެޓުގައި ބްރިޖްގެ މަޝްރޫޢަށް ވަނީ 469 މިލިއަން ރުފިޔާ ބަޖެޓުކޮށްފައެވެ.

"ފެންވަރު ރަނގަޅު، ޖާގައިގެ ގޮތުން ތަނަވަސް، ޒަމާނީ އިންޓަނޭޝަނަލް ޕޯޓެއް ތަރައްގީކުރުމަކީ މިސަރުކާރުގެ އެންމެ މުހިންމު އެއް ސްޓްރެޓެޖިކް މަޝްރޫއު. ރާއްޖޭގެ އިންޓަނޭޝަނަލް ކޮމާޝަލް ޕޯޓު މަޝްރޫއަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތުގެ ބޮޑުބައެއް މިހާރު ވަނީ ނިމިފައި. އަދި 2021 ވަނަ އަހަރުގެ ތެރޭގައި ޕޯޓް ތަރައްޤީކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތްތައް ފެށިގެންދާނެ. މި ކަމަށް ވާނީ 476 މިލިއަން ރުފިޔާ ބަޖެޓު ކޮށްފައި. މި ޕޯޓަކީ އަޅުގަނޑުމެން އެންމެންގެ އުންމީދާގުޅިފައިވާ ކަމެއް. މީގެ އިތުރުން ރާއްޖޭގެ އުތުރާ ދެކުނުގައި ސަރަހައްދީ ޕޯޓުތައް ތަރައްގީކުރުމާއި ހިދުމަތްތައް ފުޅާކުރުމަށް މި ބަޖެޓުން އިސްކަންދީފައިވާނެ." މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖެއަކީ އިމްޕޯޓަށް ބަރޯސާވާ ގައުމެއް ކަން ފާހަގަކޮށް މިނިސްޓަރ އަމީރު ވިދާޅުވީ، މާލޭ ކޮމާރޝަލް ހާބަރަކީ ރާއްޖެއަށް އެތެރެކުރެވޭ ގިނަ މުދަލުގެ މައި ދޮރާށި ކަމަށާއި، ރާއްޖޭގެ އިޤްތިސާދު އަހަރުން އަހަރަށް ކުރިއަރައި އިމްޕޯޓް ކުރާ މުދަލުގެ އަދަދު އެތައް ގުނައަކުން އިތުރުވަމުން ދިޔަނަމަވެސް، މާލޭ ވިޔަފާރީ ބަނދަރަށް ބޮޑު ބަދަލެއް ނާންނަތާ އެތައް އަހަރެއް ވެއްޖެ ކަމަށެވެ.

އެހެންކަމުން 2021 ވަނަ އަހަރު ރާއްޖޭގެ އިޤްތިޞާދަށް ބޭނުންވާ މައި އިންފްރާސްޓްރަކްޗަރތައް ޤާއިމް ކުރެވިގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން