ދަނޑުވެރިކަމާ މަސްވެރިކަމާބެހޭ ވަޒީރު ޒަހާ ވަހީދު
ދަނޑުވެރިކަމާ މަސްވެރިކަމާބެހޭ ވަޒީރު ޒަހާ ވަހީދު
އެގްރޯ ނެޝަނަލް ކޯޕަރޭޝަންގެ މަސައްކަތް ފުޅާކުރުމަށް ކެޕިޓަލް ކޮންޓްރިބިއުޝަންގެ ގޮތުގައި 84 މިލިއަން ރުފިޔާ ދޫކުރުމަށް 2021 ވަނަ އަހަރު ބަޖެޓުގައި ހިމަނާފައިވާނެ ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ބަޖެޓް ހުށައަޅުއްވަމުން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ، ދަނޑުވެރިކަމުގެ ސިނާއަތް ތަރައްގީ ކުރުމުގެ މަސައްކަތުގެ ފަހަތުގައި އެންމެ ބޮޑު ރޯލެއް ކުޅޭނީ ސަރުކާރުން މިއަހަރު އެކުލަވާލި އެގްރޯ ނެޝަނަލް ކޯޕަރޭޝަން ކަމަށާއި، މި ކުންފުނީގެ މަސައްކަތް ފުޅާކުރުމަށް ކެޕިޓަލް ކޮންޓްރިބިއުޝަންގެ ގޮތުގައި 84 މިލިއަން ރުފިޔާ ދޫކުރުމަށް 2021 ވަނަ އަހަރު ބަޖެޓުގައި ހިމަނާފައިވާނެ ކަމަށެވެ.

"ރާއްޖޭގައި އުފައްދާ ކާބޯތަކެތީގެ މިންވަރު އިތުރުކުރުމަކީ އިމްޕޯޓު މަދުކޮށް، ބޭރު ފައިސާ ރާއްޖޭގައި ހިފެހެއްޓުމަށްވެސް މުހިންމު ކަމެއް. މިގޮތުން ދަނޑުވެރިކަމުގެ ސިނާއަތް ތަރައްގީ ކުރުމުގެ މަސައްކަތުގެ ފަހަތުގައި އެންމެ ބޮޑު ރޯލެއް ކުޅޭނީ ސަރުކާރުން މިއަހަރު އެކުލަވާލި އެގްރޯ ނެޝަނަލް ކޯޕަރޭޝަން. މި ކުންފުނީގެ މަސައްކަތް ފުޅާކުރުމަށް ކެޕިޓަލް ކޮންޓްރިބިއުޝަން ގޮތުގައި 84 މިލިއަން ރުފިޔާ ދޫކުރުމަށް 2021 ވަނަ އަހަރު ބަޖެޓުގައި ހިމަނާފައިވާނެ." މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، ރާއްޖޭގައި ދަނޑުވެރިކަން ފުޅާކުރުމާއެކު ކޮންޓްރެކްޓް ފާމިން ފަދަ އާ ކަންކަން އެ ސިނާޢަތަށް ތަޢާރަފްކުރުމާއި، ހަރުދަނާ ނިޒާމެއްގެ ތެރެއިން ދަނޑުވެރިން އުފައްދާތަކެތި ރަނގަޅު ފެންވަރެއްގައި ބެހެއްޓުމާއެކު އެތަކެތި މާކެޓްކޮށް ވިއްކުމަށް މަގުފަހިކޮށްދިނުމުގެ ޕްރޮގްރާމްތައް ހިންގުމަށް 2021 ވަނަ އަހަރުގެ ބަޖެޓުން އެހީތެރިކަން ލިބިގެންދާނެ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ އިޤްތިސާދު ކުރިއެރުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރަނީ ޕްރައިވެޓް ސެކްޓަރ ކަމަށާއި، ހަރަކާތްތެރި ޕްރައިވެޓް ސެކްޓަރ އެއް އުފެއްދުމަށްޓަކައި ކުދި އަދި މެދު ފަންތީގެ ވިޔަފާރީތައް އުފެދި ފުޅާވާންޖެހޭ ކަމަށެވެ.

"މިގޮތުން އެސްޑީއެފްސީ މެދުވެރިކޮށް ލޯނު ދޫކުރަމުންދާނެ. އެސްޑީއެފްސީއަށް ސީޑް ކެޕިޓަލްގެ ގޮތުގައި 400 މިލިއަން ރުފިޔާ 2021 ވަނަ އަހަރު ދޫކުރާނެ. އަދި އެސް.އެމް.އީ ޤާނޫނުގައިވާ ގޮތުގެ މަތިން އިތުރު 50 މިލިއަން ރުފިޔާ އިންވެސްޓް ކުރެވޭނެ. ކޯވިޑް-19 ރިލީފް ލޯނު ފޯރުކޮށްދިނުމުގައި ވެސް އެސްޑީއެފްސީއިން ވަނީ މުހިންމު ރޯލެއް ކުޅެދީފައި. މިހާތަނަށް އެސް.ޑީ.އެފް.ސީން ވަނީ 547 ވިޔަފާރީ ތަރައްގީ ކުރުމަށް 708 މިލިއަން ރުފިޔާގެ ލޯނު އެޕްރޫވްކޮށްފައި. އަދި ކޯވިޑް-19ގެ ރިލީފް ލޯނުގެ ގޮތުގައި 2,100 އެއްހާ ވިޔަފާރިއަށް 364 މިލިއަން ރުފިޔާގެ ލޯނުވަނީ ދޫކޮށްފައި." މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

މީގެ އިތުރުން އިގުތިސާދު ސިންދަފާތު ކުރެވެން ހުރި ދިމާތަކަށް އިގުތިސާދީ ހަރަކާތްތައް އިތުރުކުރުމަށް މަގު ފަހިކޮށްދިނުމަކީ މިސަރުކާރުގެ އަމާޒެއް ކަމަށާއި، މަސްވެރިކަމުގެ ސިނާއަތުގެ ނަފާ އިތުރު ކުރެވިދާނެ ގިނަ ގޮތްތަކެއް އަދިވެސް އެބަހުރި ކަމަށެވެ. މިގޮތުން ހާއްސަ ސަމާލުކަމެއް ދެވިގެން 2021 ވަނަ އަހަރުގެ ބަޖެޓުގައިވެސް ވެލިއު އެޑިޝަންއަށް ކުރަން ޖެހޭ އިންވެސްޓްމަންޓް ތައް ކުރެވިގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"މިގޮތުން ބަޖެޓުގައި ވާނީ މިފްކޯގެ ކޫއްޑޫ އަދި ކަނޑުއޮތްގިރީގައި ޚިދުމަތް ފުޅާކޮށް ވަސީލަތްތައް ތަރައްޤީކުރަން ހިމެނިފައި. އަދި ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ވެލިއު އެޑްކުރުމަށް އައްޑޫ ސިޓީގެ ހަތަރު ރަށެއްގައި ގޭދޮށު މަސްފެކްޓްރީ އެޅުމުގެ މަސައްކަތް ކުރިއަށް ގެންދަންވެސް ހަމަޖެހިފައިވޭ. ރާއްޖޭގެ އެކި ހިސާބުތަކުގައި ވެލިއު އެޑިޝަންއަށް ބޭނުންވާ ވަސީލަތްތަކާއި، ސްޓޯރޭޖާއި، މަސްފިނި ކުރުމުގެ ނިޒާމްތައް ޤާއިމްކުރުމަށް ބަޖެޓުގައި ރާވާފައިވާނެ." އަމީރު ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، ބާނާ މަހުގެ އިތުރުން އާލާކުރާ މަސްވެރިކަން ވެސް ތަރައްގީ ކުރުމަކީ މިސަރުކާރުގެ އަމާޒެއް ކަމަށާއި، ރާއްޖޭގެ ކަނޑުފަޅުގައި މަސްއާލާކޮށް މަސްވެރިކަމުގެ ސިނާޢަތު ތަރައްގީ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށް 2021 ވަނަ އަހަރުވެސް ރޭވިފައިވާ ކަމަށެވެ. ރާއްޖޭގެ މަސްވެރިންނަށް ލިބޭ ނަފާ އިތުރުކޮށް، މަސްވެރިކަމުގެ އެކްސްޕޯޓް އިތުރުކުރުމަށް، ރާއްޖޭގެ މަސްވެރިކަމާއި މަހުގެ އުފެއްދުންތައް ބޭރު ދުނިޔޭގައި މާކެޓު ކުރުމަށް 2021 ވަނަ އަހަރުގެ ބަޖެޓުގައި ޚާއްޞަ އިސްކަމެއްދީފައިވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން