ދަޢުލަތުގެ މާލީ ވަޒީރު އިބްރާހިމް އަމީރު
ދަޢުލަތުގެ މާލީ ވަޒީރު އިބްރާހިމް އަމީރު
އަންނަ އަހަރު 300 މިލިއަން އެމެރިކާ ޑޮލަރުގެ ސުކޫކެއް ވިއްކުމަށް ރޭވިފައިވާ ކަމަށް މާލީ ވަޒީރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ބަޖެޓް ހުށައަޅުއްވަމުން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ، އަންނަ އަހަރު 300 މިލިއަން އެމެރިކާ ޑޮލަރުގެ ސުކޫކެއް ވިއްކުމަށް ވަނީ ރޭވިފައި ކަމަށާއި، މިއީ އިސްލާމިކް ކޯޕަރޭޝަން ފޮރ ދަ ޑިވެލޮޕްމަންޓް އޮފް ދަ ޕްރައިވެޓް ސެކްޓަރ (އައި.ސީ.ޑީ) އާ ގުޅިގެން ވިއްކުމަށް ހަމަޖެހިފައިވާ ސުކޫކެއް ކަމަށެވެ.

"މި ކަމުގެ އެގްރީމަންޓެއް މިހާރުވެސް އެފަރާތާއެކު ވަނީ ހެދިފައި. މީގެ އިތުރުން އިނޮވެޓިވް ފައިނޭންސިންގ ގެ ގޮތުގައި ގްރީން ބޮންޑެއް ނުވަތަ ބްލޫ ބޮންޑެއް ވިއްކުމަށް މަސައްކަތްކުރެވޭނެ. މި ބޮންޑުން 100 މިލިއަން އެމެރިކާ ޑޮލަރު ހޯދޭތޯ މަަސައްކަތްކުރެވޭނެ. އަދި ދޭދޭ ޤައުމުތަކުންނާއި ބައިނަލްއަގުވާމީ ޖަމިއްޔާތައް މެދުވެރިކޮށް 150 މިލިއަން އެމެރިކާ ޑޮލަރު ހޯދުމަށް ރޭވިފައިވޭ. އަދި މިނޫނަސް ބައިނަލްއަޤްވާމީ ޖަމިއްޔާތަކާއި ރަހުމަތްތެރި ޤައުމުތަކާއެކު ފައިނޭންސް ހޯދުމުގެ މަސައްކަތްތަކެއް ވަނީ ކުރެވިފައި. މި މަސައްކަތްތައް މި ވަގުތަށް މަޑުޖައްސާލެވިފައިވަނީ ދުނިޔޭގެ މާކެޓުތައް ރަނގަޅު ވަންދެން. މިގޮތުން ޖަޕާނާއެކު މިދިޔަ އަހަރުގެ ބަޖެޓުގެ ތެރެއިން މަސައްކަތްފެށި ސަމުރާއީ ބޮންޑު ފާހަގަކޮށްލަން." މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ، ސަރުކާރަކީ އިޤްތިސާދުގައި މި ހާލަތުގައި ހަރަކާތްތެރިވާ މައިގަނޑު ހަމައެކަނި ފަރާތަށްވުމުން، ރާއްޖޭގެ އިޤްތިސާދުގެ މައި އިންޖީނުކަމަށްވާ ޕްރައިވެޓް ސެކްޓަރު އަނބުރާ ހިނގައިގަންނަންދެން ކައުންޓަރސިކްލިކަލް ފިސްކަލް ޕޮލިސީއެއް ހިންގަންޖެހޭ ކަމަށެވެ. މިގޮތުން ވިޔަފާރިތަކަށް އެހީތެރިވެ، ވިޔަފާރިތައް ކުރިއަރާނެ މަގު ހޯދައިދޭންޖެހޭ ކަމަށާއި، ގޭބިސީތަކަށް އެހީތެރިވެ، ހާލުގައި ޖެހުނަ ނުދީ ހިފެހެއްޓޭނެ ގޮތްތައް ހޯދަންޖެހޭ ކަމަށެވެ. މިހާ ބޮޑު ޑެފިސިޓް ބަޖެޓެއް ހިންގަން ޖެހިފައިވަނީ ރާއްޖޭގެ އިޤްތިސާދު އިތުރަށް ގޯސްވިޔަ ނުދީ މި އަޑިގަނޑުން މައްޗަށް އެރޭތޯ މަސައްކަތްކުރުމަށް ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

"މި ބަޖެޓު ތަންފީޒުކުރެވޭނެތޯ ކުރެވޭ ސުވާލުގެ ޖަވާބު އައިސް ހުއްޓެނީ ފައިނޭންސް ލިބޭނެތޯ ކުރެވޭ ސުވާލުގައި. މި ބަޖެޓާއި ފައިނޭންސިންގ ޕްލޭން އެކުލަވާލާފައިވަނީ ސަރުކާރުގެ މައިގަނޑު ސިޔާސަތުތަކާއި ފައިނޭންސިންގ ހޯދުމަށް މިހާތަނަށް ކުރެވިފައިވާ މަސައްކަތްތަކުގެ މައްޗަށް. ބަޖެޓަށް ހޯދާ ފައިނޭންސްގެ ބޮޑުބައެއް ހޯދުމަށް ރޭވިފައިވަނީ ރާއްޖެއިން ބޭރުން. މީގެ ބޭނުމަކީ ބޭރު ފައިސާ ވަންނަ މިންވަރު މަދުވެފައިވާތީ، މި އަޑިގަނޑުގެ ތެރޭގައިވެސް ރާއްޖޭގެ ރަސްމީ ރިޒާވް ހިފެހެއްޓުމަށް އެހީތެރިވުމާއި، ދިވެހި ރުފިޔާގެ އަގުހިފެހެއްޓުމަށް އެހީތެރިވުން." މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

މީގެ އިތުރުން ރާއްޖޭގެ އެތެރޭގެ މާކެޓަށް ޓްރެޜަރީ ބިލާއި ބޮންޑު ވިއްކައިގެން ނެޓް ފައިނޭންސިންގ ގޮތުގައި 3.7 ބިލިއަން ރުފިޔާގެ ފައިސާ އިތުރަށް ހޯދުމަށް ރޭވިފައިވާ ކަމަށާއި، މިއީ ކުރީ އަހަރު ތަކުގެ ޑޮމެސްޓިކް މާކެޓުގެ ނެޓް ފައިނޭންސިންގ ގޮތުގައި ހޯދި އަދަދަށްވުރެ ކުޑަ އަދަދެއް ކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ހަމައެއާއެކު ވިޔަފާރިތަކުގައި ސަރުކާރުގެ ހިއްސާކުޑަކޮށް ޕްރައިވެޓައިޒްކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށާއި، މީގެ ބޭނުމަކީ ކުންފުނިތަކަކީ ހިންގުން ރަނގަޅު އަދި ފައިދާ ނެރޭ ކުންފުނިތަކަކަށް ހެދުން ކަމަށް އަމީރު ވިދާޅުވިއެވެ. ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން ދައުލަތަށް އެންމެ ބޮޑު ޑިވިޑެންޑެއް ދައްކަމުން އަންނަނީވެސް ޕްރައިވެޓް ސެކްޓަރުގެ ހިއްސާ އޮންނަ ކުންފުނިތަކާއި ސްޓޮކް މާކެޓުގައި ލިސްޓުކުރެވިފައިވާ ކުންފުނިތައްކަން އެމަނިކްފާން ފާހަގަކުރެއްވިއެވެ.

އެހެންކަމުން ކުންފުނިތައް ލިސްޓުކުރުމާއި، ސްޓްރެޓިޖިކް ޕާޓްނަރުން ހޯދުމާއި، ޕްރައިވެޓައިޒްކުރުމުގެ މަސައްކަތް ފަށައިގަތުމުގެ ޕްލޭންތައް ބަޖެޓުގައި ހިމެނޭ ކަމަށާއި، މިގޮތުން އެދާއިރާއިން 462.6 މިލިއަން ރުފިޔާ 2021 ވަނަ އަހަރު ލިބޭނެކަމަށް ބަޖެޓްގައި ވަނީ ލަފާކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން