ދަޢުލަތުގެ މާލީ ވަޒީރު އިބްރާހިމް އަމީރު
ދަޢުލަތުގެ މާލީ ވަޒީރު އިބްރާހިމް އަމީރު
ސަރުކާރުން ދަރަނި މެނޭޖްކޮށް ދަރަނި އަދާކުރާނެ ކަމުގެ ޔަޤީންކަން މާލީ ވަޒީރު އިބްރާހިމް އަމީރު ދެއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ބަޖެޓް ހުށައަޅުއްވަމުން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ، 2021 ވަނަ އަހަރުގެ ބަޖެޓު، 15.5 ބިލިއަން ރުފިޔާ އިން ޑެފިސިޓް ވާނެ ކަމަށެވެ. އަދި ދައުލަތުގެ ދަރަނި 2020 ވަނަ އަހަރު ނިމޭއިރު ހުންނާނެކަމަށް ބެލެވެނީ 70.4 ބިލިއަން ރުފިޔާގައި ކަމަށާއި، 2021 ވަނަ އަހަރު ނިމޭއިރު ރާއްޖޭގެ ދަރަނި 82.8 ބިލިއަން ރުފިޔާއަށް އަރާނެކަމަށް ބެލެވޭ ކަމަށެވެ.

ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްކޮށްފައިވުމާއެކު އެކަމަށް އިޝާރާތް ކުރަށްވައި އަމީރު ވިދާޅުވީ، ކޯވިޑް-19 އާ އެކު ދިމާވި އިޤްތިސާދީ ޝޮކާއެކު، ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގެ ކްރެޑިޓް ރޭޓިންގ ވަނީ ދަށްކޮށްފައި ކަމަށާއި، އެގޮތުން، ކްރެޑިޓް ރޭޓިންގ އެޖެންސީތަކުން ވަނީ މި އަހަރުގެ ތެރޭގައި ރާއްޖޭގެ ކްރެޑިޓް ރޭޓިންގ ވެސް ޑައުންގްރޭޑްކޮށްފައި ކަމަށެވެ.

"ކޯވިޑް-19ގެ ހާލަތާ ގުޅިގެން ރާއްޖޭގެ އިޤްތިސާދަށް ކޮށްފައިވާ އަސަރު ބޮޑު. އެހެންކަމާއެކު ރާއްޖޭގެ އުފެއްދުންތެރިކަމާއި ނޮމިނަލް ޖީޑީޕީ ވަނީ ދަށްވެފައި. އިޤްތިސާދު ނެގެހެއްޓުމަށް ކުރާ މަސައްކަތުގައި ދަރަނި ވަނީ ބޮޑުވެފައި. ނަމަވެސް، ދިވެހި ސަރުކާރުން ދަރަނި އަދާކުރާނެ. ދަރަނި އަދާކުރުމަށްޓަކައި ކުރަން ޖެހޭ ޕްލޭންތައް ވަނީ ކޮށްފައި. އަދި ދަރަނި މެނޭޖްކުރެވޭނެކަމުގެ އިތުބާރުވެސް އެބައޮތް. އެހެންނަމަވެސް، ދަރަންނާއި ދަރަނި އަދާކުރުމުގެ ޤާބިލުކަމާމެދު އެކި ފަރާތްތަކަށް މި ހާލަތުގައި ސުވާލު އުފެދޭނެ. އެ ފަދަ ކަންބޮޑުވުންތަކަށް އަޅުގަނޑުމެން އެޑްރެސްކުރާނީ ހާލަތު އިތުރަށް ގޯސްނުވާނޭހެން ވިސްނުންތެރިކަމާއެކުގައިކަން ޔަޤީންކޮށް އަރުވަން. މި ހާލަތުން އަރައިގަތުމަށް އެންމެންގެ އެއްބާރުލުން ބޭނުންވާކަން މި ފުރުސަތުގައި ފާހަގަކުރަން." މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

ސަރުކާރުގެ އަމާޒަކީ ލޯނު ނެގުމުގައި ކޮންސެޝަނަލް ލޯނު ނެގުން ކަމަށާއި އަދި އެކަމަށް ފޯކަސްކޮށް، ކްރެޑިޓަރސް ކޮންފަރެންސެއް ބޭއްވުމުގެ މަސައްކަތްތައް ދަނީކުރަމުން ކަމަށް އަމީރު ވިދާޅުވިއެވެ. އެގޮތުން ޖީ-20 ޑެޓް ސަސްޕެންޝަން އިނިޝިއޭޓިވްގައި ދިވެހިރާއްޖެ މިހާރު ވަނީ ބައިވެރިވެފައި ކަމަށާއި، މި ސަސްޕެންޝަން 2021 ވަނައަހަރު އިތުރަށް ކުރިއަށް ގެންދާނެ ކަމަށް އަމީރު ވިދާޅުވިއެވެ.

ރާއްޖޭގެ ދަރަނި މައްޗަށް ދިއުމާއި އިޤްތިސާދީ ކުރިމަގާމެދު ހިރާސްތަކެއް ހުރިކަން އެއީ ދެބަސްވެވޭކަމެއް ނޫން ކަމަށާއި، ނަމަވެސް މިއީ ރާއްޖެއަށް އެކަނި ދިމާވި ކަމެއް ނޫންކަން އަމީރު ފާހަގަކުރެއްވިއެވެ.

"މިއީ ސިޔާސަތުގައި ހުރި ގޯހެއް ނޫން. ކޯވިޑް-19ގެ ކުރިން 2020 ވަނައަހަރު ފާސްކުރި ބަޖެޓްގައި މެދު ރާސްތާގައި އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނި ކުޑަކުރުމުގެ ޕްލޭން ފާހަގަކޮށްފައިވާނެ. އަދި ހަމައެއާއެކު ދަރަނި ރިކޯޑްކުރުމާއި އަދި ޓްރާންސްޕޭރަންސީގައި ފާހަގަކޮށްލެވޭ ކުރިއެރުންތައް މި ސަރުކާރުން ހޯދާފައިވާކަން ރާއްޖޭގެ އިގްތިސާދާ ބެހޭގޮތުން އެކި ފަރާތްތަކުން ނެރޭ ރިޕޯޓްތަކުގައި ފާހަގަކުރަމުންދޭ. މިއިން ރަނގަޅަށް އެބައެނގޭ އަޅުގަނޑުމެންގެ ސިޔާސަތުތައް ހުރީ ރަނގަޅު މަގުގައިކަން." އަމީރު ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ ކޯވިޑް-19 އާ ގުޅިގެން އިޤްތިސާދު ނެގެހެއްޓުމަށް ކައުންޓަރސިކްލިކަލް ފިސްކަލް ސިޔާސަތެއް ގެންގުޅުމަކީވެސް އިޤްތިސާދަށް އެންމެ ފައިދާހުރި ގޮތް ކަމަށާއި ސަރުކާރުން އެމަގަށް މަސައްކަތްކުރަމުން ގެންދާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން