ތަޢުލީމާބެހޭ ވަޒީރު ޑރ. ޢާއިޝަތު ޢަލީ
ތަޢުލީމާބެހޭ ވަޒީރު ޑރ. ޢާއިޝަތު ޢަލީ
2021 ވަނަ އަހަރުގެ ބަޖެޓުގައި ތައުލީމީ ދާއިރާއަށް 4 ބިލިއަން ރުފިޔާ ކަނޑައަޅައި 105 ރަށެއްގައި މަޝްރޫޢުތައް ހިންގުމަށް ހިމަނައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ބަޖެޓް ހުށައަޅުއްވަމުން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ، 2021 ވަނަ އަހަރުގެ ބަޖެޓުގައި ތައުލީމީ ދާއިރާއަށް 4 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާ ކަމަށާއި، ތައުލީމީ ދާއިރާއަކީ އެއްދާއިރާއަކުން އެންމެ ގިނަ އަދަދަކަށް މަޝްރޫއުތައް ރޭވިފައިވާ އެއް ދާއިރާ ކަމަށެވެ. މިނިސްޓަރ ވިދާޅުވީ މިއީ އިޤްތިސާދީ ހަރަކާތްތައް ފުޅާވެ، އަލުން ތަރުތީބުވެ، އާރާސްތުކުރަމުންދާ ދަނޑިވަޅެއްގައި ބޭނުންވާ ވޯރކްފޯސް ބިނާކުރުމަށާއި، ތައުލީމަށްޓަކައި ހިޖުރަކުރަން ޖެހޭ މިންވަރު ކުޑަކުރުމަށް އިސްކަންދީގެން ކަނޑައެޅިފައިވާ ބަޖެޓެއް ކަމަށެވެ.

"ތައުލީމީ ދާއިރާއަކީ އެއްދާއިރާއަކުން އެންމެ ގިނަ އަދަދަކަށް މަޝްރޫއުތައް ރޭވިފައިވާ އެއް ދާއިރާ. މިގޮތުން 105 ރަށެއްގައި މަޝްރޫއުތައް ހިންގުމަށް ރޭވިފައިވޭ. މީގެ ތެރޭގައި ސްކޫލު ތަކާއި، ކްލާސްރޫމްތަކާއި، ތައުލީމީ ވަސީލަތްތައް ބިނާ ކުރުމަށް ޚަރަދު ކުރެވޭނެ. އަދި ތައުލީމީ ދާއިރާއަށް ކުރެވޭ ހޭދައިން ދަރިވަރުންނަށް ދެވޭ ތައުލީމުގެ ފެންވަރު މަތިކުރުމަކީ މިސަރުކާރުގެ އަމާޒެއް." މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

މިނިސްޓަރ އަމީރު ވިދާޅުވީ ސަރަޙައްދީ ތަރައްޤީގެ ތަޞައްވުރުގެ ތެރެއިން، ޚާއްޞަ އިސްކަމެއްދީގެން ރާއްޖޭގެ 5 ސަރަހައްދެއްގައި ފެންވަރު ރަނގަޅު، ވަށާޖެހޭ ތަޢުލީމީ ނިޒާމަކަށް ވާޞިލްވުމަށް ބޭނުންވާ ވަޞީލަތްތައް ޤާއިމްކުރުމަށް ބަޖެޓުގައި ހިމަނާފައިވާ ކަމަށެވެ. އެގޮތުން ސަރުކާރުގެ އަމާޒަކީ، ފެންވަރު ރަނގަޅު ތަޢުލީމެއް އަތޮޅުތެރެއިންލިބޭނެ މަގު ފަހިކޮށްދިނުން ކަމަށާއި، މި ސަރުކާރުން ކާމިޔާބުކަމާއެކު ފެށި ހެނދުނުގެ ނާސްތާ ޕްރޮގްރާމް، ބަދަލުތަކަކާއެކު އިތުރަށް ހަރުދަނާކޮށް، އެފިޝަންޓްކޮށް 2021 ވަނަ އަހަރުވެސް ކުރިއަށް ގެންދިއުމަށް ބަޖެޓްކޮށްފައިވާ ކަމަށެވެ.

މިއަދުގެ ޖަލްސާގައި މިނިސްޓަރ އަމީރު ވިދާޅުވީ، 2021 ވަނަ އަހަރުގެ ބަޖެޓު އެކުލަވާލެވިފައިވަނީ ރާއްޖޭގެ އިޤްތިސާދު އަލުން އާރާސްތުކުރުމުގެ ތަސައްވުރަކާއެކު، އިޤްތިސާދުގެ ވިލުންވެރިކަން އިތުރުކޮށް ސިންދަފާތުކުރުމުގެ ޕްލޭންތަކާއެކުގައި ކަމަށެވެ. އަދި ހަމައެއާއެކު، މި ވަގުތަކީ ރައްޔިތުންނާއި ވިޔަފާރިތަކަށް ސަރުކާރުން ސަޕޯޓް ކޮށްދޭންވީ ވަގުތު ކަމަށް ވުމުން އިޤްތިސާދީ ހަރަކާތްތައް އަލުން އަނބުރާ އެންމެ މަތީ ގިޔަރަށް ދީލާލުމަށް ކުރަން ޖެހޭ ކަންކަމަށް މި ބަޖެޓުން ޖާގަ ދީފައިވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ސަރުކާރުގެ އެންމެ މުހިއްމު އަމާޒުތައް ހާސިލުކުރުމަށް ބަޖެޓުގައި ހިމެނިފައިވާ ކަންތައްތައް ތަރުތީބުކުރެވިފައިވާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން