ފުލުހުންގެ އޮޕަރޭޝަނެއްގެ ތެރެއިން
ފުލުހުންގެ އޮޕަރޭޝަނެއްގެ ތެރެއިން
އައްޑޫ ސިޓީގައި ފުލުހުންތަކެއް، މީހަކަށް އަނިޔާކުރި ކަމަށް ތުހުމަތުކޮށް އޭނާގެ ޢާއިލާއިން ރައްޔިތުންގެ މަޖިލީހަށް އެ މައްސަލަ ހުށައަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދަށް އެޑްރެސްކޮށް އަނިޔާ ލިބުނުކަމަށް ބުނާ މީހާގެ ޢާއިލާއިން ފޮނުވި ސިޓީގައި ބުނެފައިވަނީ، މިދިޔަ ހޯމަ ދުވަހުގެ ރޭ ރޭގަނޑު 11:00 އެހާކަންހާއިރު، އައްޑޫ ސިޓީ ހިތަދޫ މަގެއްގެ މަތީގައި ހުރި މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް އޭނާއަށް އަނިޔާ ކޮށްފައިވާ ކަމަށެވެ. އެގޮތުން އޭނާގެ ކަންފަތް މަތީ އެތައް ފަހަރަކު ޖަހާފައިވާ ކަމަށާއި، އަދިވެސް އިތުރު އަނިޔާތަކެއް ކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން ބެޑްޝީޓެއްގައި އައްސައި، އެކޮޅުކޮޅުން ބާއްވައި އަނިޔާ ކުރާނެ ކަމުގެ ބިރު ދައްކާފައިވާ ކަމަށާއި، އަދި އަނިޔާކުރިކަން އެއްވެސް މީހެއް ގާތުގައި ބުނެފި ނަމަ "ހޭއަރުވާލާނެ ކަމަށް" ފުލުހުން ބުނި ކަމަށްވެސް ސިޓީގައިވެއެވެ.

ފުލުހުން އަނިޔާ ކުރީ ފުލުހުންގެ ތެރެއިން މީހެއްގެ "އެނާޖީ ވޭސްޓްވާތީ" ކަމަށް ފުލުހުން ބުނި ކަމަށް ސިޓީގައި ވަނީ ބުނެފައެވެ.



ފުލުހުންގެ ބެލުމުގެ ދަށުން ދޫކޮށްލި އިރު އަނިޔާ ލިބިފައި ހުރިކަން ފާހަގަ ކުރެވިގެން ޑޮކްޓަރަށް ދެއްކުމުން، ވާތު ކަންފަތުގެ ތޫރި އިރައިގެން ގޮސްފައިވާ ކަމާއި، އަނިޔާގެ އަސަރު ހަށިގަނޑުން ފެންނަން ހުރިކަމަށް ޑޮކްޓަރުގެ ލިޔުންތަކުންވެސް އެނގޭ ކަމަށް ބުނެފައިވެ މައްސަލަ ހުށައެޅި ފަރާތުން ބުނެފައިވެއެވެ.

އެހެންކަމުން އެ މައްސަލަ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއިން ބަލައިދިނުމަށާއި، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށާއި، ހިއުމަން ރައިޓްސް ކޮމިޝަނަށް ސިޓީ ފޮނުވައި މައްސަލަ ބަލައިދިނުމަށް އެދިފައިވާ ކަމަށް އެ ސިޓީ ޢާއްމު ކުރެއްވި ފަރާތުން ވަނީ ބުނެފައެވެ.

އެސިޓީއަށް ޖަވާބު ދެއްވަމުން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މިރޭ ޓްވިޓަރގައި ވިދާޅުވީ، އެ މައްސަލައިގައި ފުލުހުންގެ މުއައްސަސާގެ އެތެރޭގެ ފުރިހަމަ ތަހުގީގެއް ހިންގަވާނެ ކަމަށެވެ. އަދި އެހެން މުއައްސަސާއަކުން ހިންގާ ތަހުގީގަކަށް ފުލުހުންގެ މުއައްސަސާއިން ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ވެސް އެމް ސީ ޙަމީދު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން