ކުރީގެ ރައީސް އަބުދު ﷲ ޔާމިންގެ ވެރިކަމުގައި ވަޒީފާގެ ބާޒާރަށް ދިވެހިން ނެރުމަށް އާ ހަރުކަށި ސިޔާސަތުތަކެއް ތަންފީޒުކުރަން ފެށިއެވެ. ރާއްޖޭގައި އުޅޭ ބިދޭސީ ފޮޓޯ ގުރާފަރުންނަށް އެފުރުސަތު ނުދިނުމަށާއި ބިދޭސީ ކޭޝިއަރުން ފިހަރަތަކާއި ހޮޓާތަކާއި ރެސްޓޯރަންޓް ތަކުގެ ކޮށިގަނޑުތަކުގައި ނުތިބެވޭ ގޮތަށް ގަވާޢިދު ހަދައިގެން ސަރުކާރުން ހަމަޖެއްސިއެވެ. އެގޮތުން ސައި ހޮޓާ، ކެފޭ އަދި ރެސްޓޯރެންޓް ފަދަ ތަންތަނުގައި ކޭޝިއަރުންގެ ގޮތުގައި ހަމައެކަނި ދިވެހިން ތިބޭގޮތަށް ހަމަޖައްސައި މާލޭގައި ވިޔަފާރިކުރެވޭނެ ވަކި ގަޑިއެއް ކަނޑައަޅައި އެ ނޫން ގަޑިތަކުގައި ވިޔަފާރިކުރުން ސަރުކާރުން މަނާކުރިއެވެ.

ކޭޝިއަރުންގެ ގޮތުގައި ކޮށިގަނޑު ތަކުގައި ދިވެހީންނަށް އެކަނި ތިބެވޭ ގޮތަށް، އެއީ ލާޒިމު ކަމަކަށް ހެދިއެވެ. އޭގެއިތުރުން ރޭގަނޑު 10ގެ ފަހުން ވިޔަފާރި ކުރާ ފަރާތްތައް ޖޫރިމަނާކޮށް ހުއްދަ ބާތިލު ކުރުން ފަދަ ހަރުކަށި ފިޔަވަޅުތަކެއް ސަރުކާރުން ތަންފީޒުކުރިއެވެ. މާލޭގެ ފިހާރަތަކުން ފިޔަވަޅުތައް ތަންފީޒުކުރޭތޯ ބަލައި އިންޕެކްޝަންތައް ކުރިއަށް ގެންދިޔައިރު އަތޮޅު ތެރޭގެ ފިހާރަތަކާއި ރެސްޓޯރެންޓް ކެފޭ ފަދަ ތަންތަން ސަރުކާރުގެ ނިއްމުން ތަންފީޒުކުރޭތޯ ރަށްރަށުގެ ކައުންސިލްތައް މެދުވެރިކޮށްދިޔައީ ވަރަށް ކައިރިން ބަލަމުންނެވެ.

އޭރުގައި ސަރުކާރުން ހެދި ގަވާއިދުގައިވާގޮތުން ބިދޭސީ ސޭޓުން ބައިތިއްބާނަމަ 10،000 ރުފިޔާ އާއި 50،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. ބިދޭސީން ސޭޓުންގެގޮތުގައި ގެންގުޅުން މަނާކޮށް ގަވާއިދު ނެރެފައި ވަނީ ރައީސް ޔާމިންގެ ސަރުކާރުގައި 2015 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ފުރަތަމަ ދުވަހުއެވެ. މީގެ އިތުރުން ސޭޓުންގެ ގޮތުގައި އުޅުނު ގިނަ އަދަދެއްގެ ބިދޭސީން ވެސް އޭރުގެ ސަރުކާރުން ވަނީ އަނބުރާ ގައުމަށް ފޮނުވާލާފައެވެ. ނޫނީ އެމީހުން އެނބުރިގަތީ އެހެން ކޮންމެވެސް ދިމާއަކަށެވެ. އެއްގޮތަކަށް ވެސް ދަންނަވަން މިއުޅެނީ ރައީސް ޔާމިންގެ ސަރުކާރުން ރާއްޖޭގައި އޮތް ބިދޭސީންގެ މައްސަލައަށް ހައްލެއް ހޯދި ވާހަކައެއް ނޫނެވެ. އަދި ގަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރި ވާހަކައެއްވެސް ނޫނެވެ. އަދި ގަވާޢިދާ ޚިލާފަށް ބިދޭސީން ރާއްޖޭގެ ވަޒީފާގެ ބާޒާރަށް އެތެރެ ނުކުރާ ވާހަކައެއްވެސް ނުމެނޫންމެއެވެ.

އޭރުވެސް އިމިގްރޭޝަންގައި ތިއްބެވި އިސްވެރިން ނުވަތަ އެވެރިންނާ ގުޅިގެން ބިދޭސީން އެތެރެ ކުރުމުގެ ވިޔަފާރި ހިންގިއެވެ. އޭރު ސަރުކާރުގެ ޕްރޮޖެކްޓްތައް ނަގައިގެން އެއަރޕޯރޓް ތަކާއި އެހެނިހެން މަޝްރޫޢުތައް ހިންގި ފަރާތްތަކަށް ދެ ހާސް ތިން ހާހުން ކޯޓަށް ދީގެން އެމީހުން އެވިޔަފާރިވެސް ކުރިއެވެ. ކޯޓާ ގަނެގެން އެ ކޯޓާއަށް މީހުންގެ ގެނަސް ބޮޑު ފައިދާ ހަދަމުން ގެންދިޔައީ ރޯމާ ދުވާލު އެންމެނަށް ވެސް އެނގިގެންނެވެ.

ފާޑުކިޔުންތަކާއެކު ވެސް ރައީސް ޔާމިންގެ ސަރުކާރުގައި ހަރުކަށި ފިޔަވަަޅު ތަންފީޒުކުރަމުންގެންދިޔައީ ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ތަނަވަސްކޮށްދިނުމާއި ވީހާ ވެސް ގިނަ ދިވެހިން ވަޒީފާގެ ބާޒާރަށް ނެރުމުގެ މަގުސަދުގައެވެ. އެފިޔަވަޅުތަކުގެ ނަތީޖާވެސް އޭރު ފެނުނެވެ. ބިދޭސީންގެ ގޮތުގައި ތިބި ކޭޝިއަރުންގެ މަގާމަށް ދިވެހިން ނެގުމަށް ވަޒީފާ ދޭ ފަަރާތަށް މަޖުބޫރުވުމުގެ ނަތީޖާ އަކަށް ވެގެންދިޔައީ ގިނަ ދިވެހިންނަށް ވަޒީފާގެ ފުރުސަތުތައް ހުޅުވިގެންދިޔުމެވެ. އޭރުގައި ކޭޝިއަރުންގެ ގޮތުގައި ވަޒީފާ އަދާކުރާނެ ދިވެހިން ނުލިބިގެން ކަމަށްބުނެ ގިނަ ވިޔަފާރިވެރިން ޝަކުވާކުރިއެވެ.

މަދު ފައިސާކޮޅަކަށް ބިދޭސީން ދުވާލުދާ ހަތަރު ދަމު މަސައްކަތް ކުރި ނަމަވެސް ވަޒީފާ އިން ލިބޭ މުސާރައިން ދެކޮޅު ނުޖެހުމާއި ވަޒީފާގައި ހޭދަކުރަން ޖެހޭ ވަގުތު އިތުރުވުމުން ވަޒީފާ އަދާކުރާނެ ދިވެހި ޒުވާނުން ނުލިބުމުގެ ސަބަބުން ކުދި ވިޔަފާރިތަކަށް އޭރު ދަތިތަކެއް ދިމާވިއެވެ. އެންމެ ފަހުުން އެތަން ފޫބައްދަންޖެހުނީ ވިޔަފާރީގެ އޯނަރު ކޭޝިއަރު ކަމުގެ މަގާމާއި ހަވާލުވެގެންނެވެ.

ރޭގަނޑު 10ގެ ފަހުން ވިޔަފާރިކުރުން މަނާކުރުމުން ދިވެހިން ލިބުމުގެ ތާށިކަމަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބުނެވެ. ދިވެހިންނަކީ ހަމައެކަނި ވަޒީފާ އަށް ހުސްވެގެން ތިބޭނެ ބައެއް ނޫނެވެ. އަނބިދަރީންނާއި އާއިލާ އާއި އެކީގައި ވަގުތު ހޭދަކުރަން ބެސް ބޭނުންވާ ބައެކެވެ. އަނބިދަރިންނާއި ބައްދަލުވާ ވަގުތުކޮޅަކީ ހަމައެކަނި މަސައްކަތް ނިއްމާލާފައި ގެއަށް ނިދާލަންދާ ވަގުތު ނުވަތަ ސަޔަށް އިންސާފުކުރާ ވަގުތު އެކަނި ކަމަށްވުމަކީ އެއްވެސް ޒުވާނަކު ބޭނުންވާނެ ގޮތެއް ނޫނެވެ.

އަނބިދަރިންނަށް ލޯތްބާއި އަޅާލުމާއި އޯގާތެރިކަން ދޭން ދިވެހި ޒުވާނުންވެސް ބޭނުންވާނެއެވެ. ބިޓް ގޮވައިގެން ދުއްވާލަން ދިޔުމާއި ރަށްޓެހިންނާއި އެކުގައި ކޮފީތަކަށް އަރައި މަޖާކޮށްލައި ހެދުމާއި ދަތުރުދިޔުމާއި މުނިފޫހި ފިލުވާލައި ހިތްހަމަ ޖައްސާލުމަށް ތަފާތު އެކި ކުޅިވަރު ކުޅެލާ ހެދުމަކީ ދިވެހި ޒުވާނުންވެސް ޝައުގުވެރިވާ، ކަށީގައި ހިފާފައިވާ އާދަތަކެކެވެ. އަދި އެއީ އިންސާނުންނަށް އެއާއި ނުލައި ނޫޅެވޭނެ ކަންކަމެވެ.

އެ އެދުންތައް ހާސިލްކުރުމަށް ކޮންމެ ފަދަ ހާލެއްގައި ނަމަވެސް ޒުވާނުން ވަގުތު ހޯދާނެއެވެ. އެމީހުން ކޮންމެ ކަމެއްވެސް އެކަމަށްޓަކާ ގުރުބާން ކޮށްފާނެއެވެ. އެކަމަކީ ދެބަސްވެވެން ނެތް ހަގީގަތެކެވެ. އެއީ މުޅި ދުނިޔެ ގަބޫލުކުރާ، ބަލައިގަންނަ ހައްޤެކެވެ. ރާއްޖޭގެ ގާނޫނު އަސާސީ ވެސް ދަންނަނީ އެގޮތެވެ.

ކޮންމެ އަކަސް ހުރިހާ ކަމަކީ އަބަދަކު އެއްގޮތަށް ހިނގާނެ ކަން ކަމެއް ނޫނެވެ. މިއަދު ސަރުކާރު ބަދަލުވެއްޖެއެވެ. ގައުމު ހިންގަން ހަވާލުވެ މިއަދު ތިބީ އާ މާލިމީން ތަކެކެވެ. ގައުމުގެ ހުންގާނުގައި ހިތްޕަވައިގެން ހުންނެވީ ރައީސް އިބްރާހިމް މުހަންމަދު ސޯލިހެވެ. އެމަނިކުފާނު ތަންފީޒުކުރައްވަނީ ކޯލިޝަން ސަރުކާރުގެ މުޅިން އާ ސިޔާސަތުތަކެކެވެ. އާ ސަރުކާރާއެކު ކުރީގެ ސަރުކާރުން ތަންފީޒުކުރި ސިޔާސަތުތައް އެފުށް މިފުށަށް ޖެހި ނިމުނީއެވެ. އެކަމުން ނުކުމެދާނެ ނަތީޖާ އަކަށް ބެލުމެއް ނެތިއެވެ.

ކޮންމެ ސަރުކާރެއް ވެސް ވެރިކަމަށް އަންނަނީ ރައްޔިތުންނަށް ހެއު ބަދަލުތަކެއް ގެނެސް ރައްޔިތުންގެ ހާލަތު ރަނގަޅު ކޮށްދިނުމަށް ވަޢުދުވެގެންނެވެ. ކޮންމެ ސަރުކާރެއް ވެސް ވެރިކަމަށް އައިސް ކުރީގެ ސަރުކާރުން ކޮށްފައި ހުންނަ ކަންތައްކަށް ފާޑުކިޔައި ހަޖޫޖަހައި ހެދުމަކީ އާދައެކެވެ. މަލްޓި ޕާޓީ ޑިމޮކްރަސީ އާއެކު ކުރީގެ ސަރުކާރުން ރައްޔިތުންގެ ލާބަޔާއި މަންފާ އަށް ކިތަންމެ ރަނގަޅަކަށް ކަމެއް ކޮށްފައި ހުރިނަމަވެސް އެކަމެއް ބަލައެއް ނުގަނެއެވެ. ވާނީވެސް އެހެންތާއެވެ. ޕާޓީ ސިސްޓަމްގައި މި އޮންނަނީ އެއް ބަޔަކަށް ވުރެ އަނެއްބަޔަކު ކުރިއަރައި މޮޅުވުމުގެ ރޫހެއް އުފެދިފައެވެ.

މަޖީދީމަގާއި ޗާނދަނީމަގުގައި އެހުންނަ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބަލާއިރު އެ ފިހާރަތަކުގައި ބިދޭސީންގެ ނިސްބަތް 90 އިންސައްތަ އަށްވުރެ މަތިވާނެ ކަމަށް ބެލެވެއެވެ. އެ ވިޔަފާރިތަކުގައި ދިވެހިން ފެންނަނީ އިނގިލިން ގުނާލެވޭހާ މަދު އަދަދެކެވެ. ސަބަބުތައް ބައިވަރެވެ. ކޮވިޑާއެކު ރާއްޖެއަށް ކުރިމަތިވި އިގްތިސާދީ ހީނަރުކަމާއި ގުޅިގެން ވިޔަފާރިތަކަށް އައި ލޮޅުމާއެކު އެތައް ބަޔެއްގެ ވަޒީފާތައް ގެއްލި އަތްމަތި ހުސްވެ ގިނަ ބަޔަކު ތިބީ ގޮތް ހުސްވެފައެވެ. ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް ސަރުކާރުން އެޅި ފިޔަވަޅުތަކާއި އެކު ވިޔަފާރިތައް ހުޅުވާފައި ބެހެއްޓޭ ވަގުތުތަށް އެކި ފަހަރުމަތިން އިތުރުކޮށްފިއެވެ.

މިހާރު ހެނދުނު 6 ޖަހާއިރު ވިޔަފާރިތައް ހުޅުވައިގެން 11:30 އާއި ހަމައަށް ވިޔަފާރި ކުރުމަށް ހުއްދަ ދީފައިވާއިރު މިއީ ކުދި ވިޔަފާރިތަކުގައި ވަޒީފާ އަދާކުރާ ދިވެހިންނަށް އުފުލަންޖެހޭ ވަރަށް ބޮޑުތަކުލީފެކެވެ. ބޮޑު ބުރައެކެވެ. ސަރުކާރުން އެންމެ ފަހުން ފިހާރަތަށް ބަންދުކުރާ ގަޑިއަކަށް ހަމަޖެއްސީ ރޭގަނޑު 11:30 އެވެ. މިހާރުގެ ހާލަތަށް ބަލާއިރު ރޭގަނޑު 10 ޖަހަންދެން ވިޔަފާރިތައް ހުޅުވާގޮތަށް ހަމަޖައްސައިފިނަމަ އެތަންތަނުގައި ވަޒީފާ އަދާކުރާ ފަރާތްތަކަށް އިތުރު ކަންކަން ކުރުމަށް ލިބޭނެ ލުޔަކަށްވާނެއެވެ. މަސައްކަތް ކުރާ ވަގުތު ވަކި ލިމިޓެއް ނެތި އިތުރުވުން މިއީ ޒުވާނުން ވަޒީފާގެ މަތިން ފޫހިވެ ވަޒީފާއަށް ދިއުމަށް ހުރަސްއަޅާނެ ބަދަލެއް ކަމަށް ބެލެވެއެވެ. ނަތީޖާ އަކަށް ވެގެންދާނީ ދިވެހިން އަދާކުރާ އެވަޒީފާތަކަށް ބިދޭސީން ގެންނަންޖެހުމެވެ.

ދިވެހި ގިނަ ޒުވާނުންނަކީ ރޭގަނޑުގެ ކޮންމެވެސް ދަމެއްގައި ރަހުމަތްތެރިންނާއެކު ނުވަތަ "ބިޓާ" އެކު ކޮފީއަށް އަރާލުމަށް އާދަވެފައިވާ ބައެކެވެ. ގާތްގަނޑަކަށް ރާއްޖޭގެ "ނައިޓް ލައިފް" އަކީ އެއީއެވެ. 10 ޖަހާއިރު ވިޔަފާރިތައް ބަންދު ކޮށްލުމަކީ މިދެންނެވި ޒުވާނުންގެ "ނައިޓް ލައިފް" އަށް ފުރުސަތު ލިބިދޭނެ އަދި އާންމުކޮށްކުރާ މަސައްކަތްތައް ހުއްޓާލައި ރޭގަނޑުގެ ބައެއްގައި އަރާމުކޮށްލައި ނިދާލަން ވެސް ވަގުތު ހުސްކޮށްލެވޭނެ ކެމެކެވެ. މިއީ ދިވެހި ޒުވާނުން ފަޒީފާތަކަށް ނުކުތުމަށް ހިތްވަރު ލިބޭނެ އަދި ހިތްވަރަކަށް ވާނެ ކަމެކެވެ. މިއީ ކޯވިޑް ރިލީފް ޕެކޭޖަކަށްވުރެ ވަކި ދެރަ ޕެކޭޖެއް ނޫނެވެ.

ކަންމަތީ ފިހާރަ ހަދައިގެން ބިދޭސީން ވިޔަފާރިތަކުގެ ކޮންޓްރޯލް ނަގައިފިވެ. ދިވެއްސެއްގެ ނަމުގައި ވިޔަފާރި ރަޖިސްޓްރީ ކޮށްގެން ދިވެއްސެއްގެ ހިޔަނީގައި ހުރެ ބިދޭސީން ކުރާ ވިޔަފާރިތައް ހުއްޓުވުމަށް ސަރުކާރު ވަނީ ނުކުޅެދިފައެވެ. ދައްކަނީ އެކި ބަހަނާ އާއި އެކި އުޒުރުތަކެވެ. ވާކަމެއް ހަތް ހަރާމުން ހަރާމެވެ. ފިހާރަތަކުގައި ބިދޭސީ ސޭޓުން ތިބުން ރައީސް ޔާމިންގެ ސަރުކާރުން މަނާކުރި ނަމަވެސް މި ސަރުކާރުގެ ވިސްނުން އެކަމާ މުޅިން ދެކޮޅެވެ. އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް  ވިދާޅުވީ، އެ ނިންމެވުމުގެ ސަބަބުން އެތައް ވިޔަފާރިތަކެއް ހުއްޓާލަން ޖެހި، އެތައް ފިހާރަތަކެއް ބަންދުކުރަން ޖެހުނު ކަމަށެވެ. އެހެންވީމާ ކަންމަތީ ފިހާރަތަކާއި ކަންމަތީ ސައިހޮޓާތައް ހިންގުމުގައި އަވަދިނެތި އެއުޅޭ ބިދޭސީންގެ އެމަސައްކަތް ހުއްޓޭވޭން ނެތީއެވެ. ކޮންމެވެސް ނަމެއްގައި ވޯކް ވީޒާއެއް ހޯދައިގެން އައިސް ރާއްޖޭގައި އުޅޭ ބިދޭސީންނާއި ރާއްޖެއަށް އެތެރެވެފައި ޕާސްޕޯޓާއި އެހެންވެސް ކާކުކަން އަންގައިދޭ ލިޔެކިޔުންތައް އަތުކޮޅަށް ހޫރާލާއި ގެއްލުވާލާފައި ނުކުމެ ގަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީންނަށް އެއީ ރަނުގެ ފުރުސަތެއްތާއެވެ. މިހާރުދެން އެކަން ވެސް އެވަނީ ބިދޭސީންގެ ހައްގަކަށް ވެފައެވެ. އެކަން ހުއްޓުވައިފި ނަމަ ވާނީ ނޫރުލް އިސްލާމާއި މަކްތަބުލް ހައްގާއި ފައިޒަލް ހޮސައިނާއި މުބާރިކް މިއާގެ ހައްގަކަށް އަރައިގެން ކަމަށެވެ.

"އަޅުގަނޑު އެއް ގޮތަކަށް ވެސް ތާއީދެއް ނުކުރަން، މީ ވަރަށް ގިނަ ބޭފުޅުން އަޅުގަނޑު ދެކެ ހިތްހަމަނުޖެހި ރުޅި އަންނާނެ ވާހަކައެއް. އެހެން ނަމަވެސް އަޅުގަނޑަކަށް އެއްވެސް ޒާތެއްގައި ނުފެނޭ، ކޭޝިއަރުން (ބިދޭސީ) ކޮންމެހެން ނުބަހައްޓަން ޖެހޭ ސަބަބަކީ ކޮބައިތޯ." މިނިސްޓަރ ފައްޔާޒު ވިދާޅުވެގައިވެއެވެ.

މިނިސްޓަރު ވިދާޅުވީ ބޭރު މީހުން ވިޔަފާރި ކުރާއިރު ވިޔަފާރިކުރަނީ ކައުންޓަރުގައި ކޭޝިއަރެއްގެ ގޮތުގައި ތިބެގެން ނޫން ކަމަށެވެ. އަދި އެކަމުގެ ފަހަތުގައި ތިބެނީ ދިވެހީން ކަމަށާއި، ވިޔަފާރިކުރަނީ ބިދޭސީއެއްކަން އެނގުނު ނަމަވެސް ކޯޓެއްގައި އެކަން ސާބިތުކޮށްނުދެވޭނެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

ކޮންމެ އަކަސް ވިޔަފާރިތަކާއި ގުޅިގެން ސަރުކާރުން ނިއްމާ ނިއްމުންތަކަކީ ވިސްނުންތެރިކަމާއި ހިކުމަތްތެރިކަމާއި ހަރުދަނާގޮތެއްގައި ދިރާސާކޮށްގެން ނިންމާ ނިންމުން ތަކަކަށް ވާންޖެހެއެވެ. އެއީ އެތައް ބައެއްގެ ވަޒީފާ އާއި ގުޅި ލާމެހިފައިވާ އަދި ގައުމުގެ ކުރިމަގާއި ތަރައްގީއާއި ވެސް ގުޅިފައިވާ ކަންކަމަށް ވާތީ އެކަމުގެ އަސަރު ސީދާގޮތުންނާއި ނުސީދާ ގޮތުން ގިނަ ބަޔަކަށް ކުރާނެތީއެވެ. ގިނަބަޔެއްގެ ލާބަޔާއި މަންފާ އަށް ވިސްނައި ކޮންމެ ސަރުކާރަކުން ނިއްމުމެއް ނިންމާފައި އޮތަސް އެނިންމުމަކީ ފައިދާހުރި ރަނގަޅު ނިންމުމަކަށް ވާނަމަ ވެެރިކަމާއި ހަވާލުވާ އާ ސަރުކާރުން އެ ނިންމުމަށް އިހުތިރާމްކޮށް އެކަން ދަމަހައްޓަންޖެހެއެވެ. އެއީ ޑިމޮކްރަސީގައި ސަރުކާރު ބަލިވުން ނުވަތަ ބައެއްގެ ފައިބުޑަށް ވެއްޓުމެއް ނޫނެވެ. އޭގެ ބަދަލުގައި ވަކިބަޔަކާމެދު އޮންނަ ހަސަދަ ފިލުވާލައި ދެކޮޅުވެރިކަމުގެ ގޮތުން އެފަދަ ނިންމުންތަކަކީ ކުޅޭ "ކުޅިވަރަކަށް" ހަދައިފިނަމަ އެކަމުން ގޯސް ނަތީޖާތަކެއް ނިކުމެ އާޚިރުގައި ހުރިހާ ގެއްލުމަކާއި ބުރަ އާއި ތަކުލީފް އުފުލަންޖެހޭނީ ދިވެހި ރައްޔިތުންނަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން