އެމްޑީޕީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު
އެމްޑީޕީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު
ރާއްޖެއިން ޗައިނާއަށް ދަރާފައިވާ ދަރަނި ފަސްކޮށްދިނުމަށާއި، މި ދަނޑިވަޅުގައި ފަށްޓަރުބައި ވިއްކާފައި ފައިސާ ދޭން ނުބުނުމަށް އެދި ރައީސް ނަޝީދު ޗައިނާ ސަރުކާރަށް އާދޭސް ދަންނަވައިފިއެވެ.

ސަރުކާރަށް ދެ އަހަރު ފުރުމާ ގުޅިގެން އެމްޑީޕީގެ ހަރުގޭގައި މިއަދު ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ދިވެހި ރައްޔިތުން އެންމެ ނިކަމެތިވި ވަގުތު ދިވެހިން ޗައިނާއަށް ދައްކަންޖެހޭ ދަރަނީގެ ފައިސާ ހޯދަން ޗައިނާ އިން އުޅުމަކީ މުޅި ދުނިޔެވެސް ދަންނަ އިންސާފެއް ނޫން ކަމަށާއި، އެކަން އެގޮތަށް މެދުވެރިވީ، ކުރީގެ ސަރުކާރުން އަމަލުކުރި ގޮތުން ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ، މުޅި ދުނިޔެ އޮތީ ބަންދުވެފައި ކަމަށާއި، ލާރިއެއް ފޮނުވާލެވޭނެ މިންވަރުވެސް ނެތް ކަމަށެވެ. އެހެން ނަމަވެސް ޗައިނާގެ އެއްވެސް ލުޔެއް ނެތް ކަމަށާއި، އެކަމުގައި އެއްވެސް އިންސާފެއް ވެސް ނެތް ކަމަށެވެ.

"ޗައިނާގެ ރައީސަށާއި ޗައިނާގެ ސަރުކާރަށް އަޅުގަނޑު ފަށްފަށުން ދަންނަވަން ބޭނުން މި ރާއްޖެއަށް ތިހެން ނުހައްދަވާށޭ. އާދޭހޭ، އާދޭހޭ." ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ، މިއަދު ބަޖެޓު ފެންނާންއޮތް ގޮތް ކިތަންމެހާވެސް ހުތުރު ކަމަށާއި، އެހެން ނަމަވެސް، އެ ހުތުރު ކަމަކީ މި ސަރުކާރުން ގެނައި ހަޑި ހުތުރުކަމެއް ނޫން ކަމަށެވެ.

"އެހެން ބައެއްގެ ދަރަނި ދައްކާންވެގެން އަޅުގަނޑުމެންގެ އަމިއްލަ ފަށްޓަރުބައި މި ވިއްކާލަންޖެހެނީ." ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ، އަންނަ އަހަރުގެ ބަޖެޓުގައި ގާތްގަނޑަކަށް 4.9 ބިލިއަން ރުފިޔާ ލޯނު އަނބުރާ ދެއްކުމަށް ހިމެނިފައިވާއިރު، އޭގެ 80 ޕަސަންޓަށް ވުރެ ގިނަ ފައިސާއަކީ ޗައިނާއަށް ދޭން ޖެހޭ ފައިސާ ކަމަށެވެ. އެހެން ނަމަވެސް، އެ ހުރިހާ ދަތިކަމެއްގެ ތެރެއިންވެސް ރާއްޖޭގެ މާލިއްޔަތަށް އެމްޑީޕީ ސަރުކާރެއްގައި ގެއްލުމެއް ނުލިބޭނެ ކަމަށާއި، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ނެގި ހުރިހާ ލޯނުތަކެއް، ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ ސަރުކާރުން އަނބުރާ ދައްކާނެކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ޗައިނާ އިން ނަގާފައިވާ ލޯނުތަކަށް ލުޔެއް ނުލިބޭ ކަމަށް ވިދާޅުވެ ލޯނުތަކަށް ލުއި ދިނުމަށް އެދި ޗައިނާ ސަރުކާރަށާއި ޗައިނާގެ ރައީސަށް ރައީސް ނަޝީދު އާދޭސް ދެންނެވިއިރު ޖީ 20 ގެ އިއްތިހާދުގެ ސިޔާސަތުގެ ތެރޭގައި ހިމެނިގެން ޗައިނާއިން ނަގާފައިވާ ލޯނުތައް ލުއިކޮށްދޭނެކަން ވަނީ ހާމަކޮށްފައެވެ. އަދި ޗައިނާ ސަރުކާރުން ރާއްޖެއަށް ދީފައިވާ ލޯނުތައް ދެއްކުމުގައި ލުއިދިންކަން ދެގައުމުގެ ސަރުކާރުން ވެސް ވަނީ އިޢުލާން ކޮށްފައެވެ. އެގޮތުން ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރުވަނީ ޗައިނާ ސަރުކާރުގެ ފަރާތުން އެކަން އިޢުލާން ކުރަށްވައި ޗައިނާގެ މާލީ އިދާރާތަކުން ދީފައިވާ ކޮމާޝަަލް ލޯނުތައް ދެއްކުމުގައި ލުއި ދިނުމާމެދު ވެސް މަޝްވަރާ ކުރެވެމުންދާ ކަމަށާއި އެމަޝްވަރާތަކުގެ ނަތީޖާވެސް ކާމިޔާބު ކަމަށް ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން