އިޤްތިޞާދީ ވަޒީރު ފައްޔާޒް އިސްމާޢީލް
އިޤްތިޞާދީ ވަޒީރު ފައްޔާޒް އިސްމާޢީލް
ދައުލަތުގެ ކުންފުންޏެއް ވިއްޔާ އެކުންފުންޏަކަށް "ބަސް ކިޔާނެ" ކަމަށް ވިދާޅުވެ އިޤްތިޞާދީ ވަޒީރު ފައްޔާޒް އިސްމާޢީލް، އެމްޑީޕީގެ ޕީޖީ ލީޑަރ އަލީ އާޒިމަށް ރައްދު ދެއްވައިފިއެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގެ ބަހުސްގައި މެދުހެންވޭރު ދާއިރާގެ މެމްބަރު އާޒިމް ވަނީ، މިސަރުކާރުގެ ދެއަހަރު ދުވަހުގެ ތެރޭގައި 10 ވަަރަކަށް ކުންފުނި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްގެ ފައިދާއަށް އުފައްދާފައިވާ ކަމަށާއި، ސަރުކާރުން އާއްމު ވިޔަފާރިތަކުގެ ތެރެއަށް ނުވަނުމަކީ އެމްޑީޕީގެ އެއް ސިޔާސަތު ކަމަށެވެ.

އާޒިމްގެ ވާހަކަތަކާ ގުޅިގެން ސަންގު ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ފައްޔާޒް ވިދާޅުވީ، ދަޢުލަތުން ކުންފުނިތައް އުފައްދަނީ އޭނާ ބޭނުންވެގެން އެކަނި ނޫން ކަމަށާއި، އެއީ ސަރުކާރުގެ ވުޒާރާތަކުން ބޭނުންވެގެން އުފައްދާ ކުންފުނިތައް ކަމަށެވެ. އެގޮތުން އެގްރޯނެޓްވެސް އުފެއްދީ އެގްރިކަލްޗަރ މިނިސްޓްރީން ބޭނުންވެގެން ކަމަށެވެ.

"ސަރުކާރު ހިއްސާވާ ހުރިހާ ކުންފުންޏެއްގެ މައްޗަށް އަޅުގަނޑު ބަސް ކިޔާނެ. އޭގެ މާނައަކީ އަޅުގަނޑު ބުނާގޮތް އެމީހުން ހަދަނީއެކޭ ނޫން. ސިޔާސަތު ކަނޑައެޅުމުގައި އަޅުގަނޑަށް ބަސް ކިޔޭނެ. އެހެންކަމުން ވަރަށް ރަނގަޅު ވާހަކަފުޅެއް އެއީ. އަދި އެގްރޯ ނެޓަސް، އެހެން އެއްޗެއް ވިޔަސް، ދައުލަތުގެ ކުންފުންޏެއް ވިއްޔާ އަޅުގަނޑު ބަސް ކިޔާނެ. ދެން އެބޭފުޅާއަށް ރަނގަޅަށް ފަހުމްވެ ވަޑައިނުގެންނެވީ ކަންނޭނގެ މިކަންކަން ހިނގާ ގޮތް." އަލީ އާޒިމަށް ރައްދު ދެއްވަމުން ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވީ ދަޢުލަތުގެ ކުންފުނި ތަކުގައި އޭނާގެ ދައުރު އޮންނަނީ ސިޔާސަތު ކަނޑައެޅުމުގެ ހިސާބުން ކަމަށާއި، ދަޢުލަތުގެ އިޤްތިޞާދީ ނިންމުންތައް ނިންމުމުގައި އޭނާ ބަސް ވިދާޅުވާނެ ކަމަށެވެ.

އިއްޔެގެ މަޖިލީހުގެ ޖަލްސާގައި އާޒިމް ވަނީ، ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގަން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) މަސައްކަތް ކޮށްކޮށް އޮއްވާ އަނެއްކާ "ފަހި ދިރިއުޅުން" ކިޔާ ކުންފުންޏެއް ވެސް ސަރުކާރުން އުފައްދާފައިވާ ކަމަށާއި، އަދި ދަނޑުވެރިކަމަށް ޚާއްސަ ކޮށްގެން އެގްރޯ ކުންފުނީގެ ނަމުގައި ވެސް ކުންފުންޏެއް ހަދާފައިވާ ކަމަށެވެ. އަދި މިފަދަ ކުންފުނިތައް ހަދަނީ އަމިއްލަަ އަށް ބާރުތައް ނަގަން ވެގެން ކަމަށް ވެސް އާޒިމް ވަނީ ތުހުމަތު ކުރައްވާފައެވެ.

މީގެ އިތުރުން ކުންފުނިތައް މެދުވެރިކޮށް ފައްޔާޒު ކޮރަޕްޝަން ހިންގާ ކަމަށް ވެސް ނުސީދާ ގޮތެއްގަައި އާޒިމްް ވަނީ ތުހުމަތު ކުރައްވާފައެވެ.

އަލީ އާޒމަކީ މިހާރު ދެކަފިވެފައިވާ ކަމަށްބުނާ އެމްޑީޕީގެ ދެ ފިކުރުގެ ތެރެއިން ރައީސް ނަޝީދުގެ ފިކުރުގެ ބޭފުޅެއް ކަމަށް ގިނަ ބަޔަކު ސިފަކުރެއެވެ. އެހެން ކަމުން މިނިސްޓަރ ފައްޔާޒަށް އާޒިމުގެ ބަހުގެ ހަމަލާތައް އައީ ވެސް ރައީސް ނަޝީދުގެ ރުހުން އޮންނަ ވަޒީރަކަށް ނުވާތީ ކަމަށް ގަބޫލުކުރެވެއެވެ. ރައީސް ނަޝީދު ވަނީ ފައްޔާޒު ވަޒީރުކަމުން ވަކިކުރަން ވެސް މަސައްކަތް ކުރަށްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން