ޒިޔަތު މިއަދު ކްރިމިނަލް ކޯޓުގައި ޖަވާބުދާރީ ވަނީ
ޒިޔަތު މިއަދު ކްރިމިނަލް ކޯޓުގައި ޖަވާބުދާރީ ވަނީ
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)އިން ދިވެހި ދައުލަތައް ލިބެން ޖެހޭ ފައިސާގެ ތެރެއިން 781 މިލިއަން ރުފިޔާއަށް ޚިޔާނާތްތެރިވި ކަމަށް އަމިއްލައަށް ޝަރީޢަތުގައި އިއުތިރާފުވި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ މައްޗަށް ދައުލަތުން އެދުނު ގޮތަށް ކުޑަ ޙުކުމެއް އިއްވުން މާދަމާއަށް ކްރިމިނަލް ކޯޓުން ތާވަލުކޮށްފިއެވެ.

ޒިޔަތުގެ މައްޗަށް ޙުކުމް ކުރާ ޝަރީޢަތުގެ މަޖިލިސް ބޭއްވުމަށް ތާވަލުކޮށްފައި ވަނީ މާދަމާ ހެނދުނު 10:30ށެވެ.

ޒިޔަތުގެ މައްޗަށް ދައުލަތުން ޚިޔާނާތުގެ 32 ދައުވާއެއް ކްރިމިނަލް ކޯޓުގައި ވަނީ އުފުލާފައެވެ. އެހުރިހާ ދައުވާތަކަކަށް ވެސް ޒިޔަތު ވަނީ މިދިޔަ ހަފްތާގައި ކްރިމިނަލް ކޯޓުގައި އިއުތިރާފު ވެފައެވެ. އެ ދައުވާތަކުގައި ޒިޔަތު ޚިޔާނާތްތެރިވި ކަމަށް ތުހުމަތުކުރާ ޖުމްލަ އަދަދު، 50.7 މިލިއަން ޑޮލަރު (781 މިލިއަން ރުފިޔާ) އަށް އަރަ އެވެ.

ހުރިހާ ދައުވާތަކަކަށް ޒިޔަތު އިއުތިރާފުވި ނަމަވެސް ދައުލަތުން ޝަރީޢަތުގައި އެދުނީ އެންމެ 11 އަހަރުގެ ޖަލު ޙުކުމެއް އިއްވައި ދިނުމަށެވެ.

ޒިޔަތުގެ މައްޗަށް އުފުލާފައިވާ ދައުވާތަކަށް އޭނާ ކްރިމިނަލް ކޯޓުގައި އެއްބަސްވީ ދައުލަތާއި އޭނާއާ އެކު ހަދާފައިވާ އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ޒިޔަތުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ހުރިހާ ދައުވާއެއް ވަކިވަކިން އިއްވުމުން ޒިޔަތު ވަނީ އެ ދައުވާތަކަށް އިއުތިރާފްވާ ކަމަށް ބުނެފަ އެވެ. އެ ފައިސާގެ ޗެކްތަކާ އަމިއްލައަށް ހަވާލުވުމަށް ފަހު އެމްއެމްޕީއާރުސީއާ ހަވާލު ކުރުމުގެ ބަދަލުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ނުވަތަ އޭނާ އެންގެވި ފަރާތްތަކާ އެ ޗެކްތައް ހަވާލު ކޮށްފައިވާނެ ކަމަށް ވެސް ޒިޔަތު ވިދާޅުވި އެވެ.

ޒިޔަތު ވިދާޅުވި ގޮތުގައި އެ ޗެކްތަކުން ލިބުނު އެއްވެސް ފައިސާއެއް އޭނާއަށް ލިބިފައެއް ނުވެ އެވެ. އެ ފައިސާ އަދީބު އެންގެވި ފަރާތްތަކާ ހަވާލުކުރަމުން ދިޔައީ ސަރުކާރުގެ އެކި ކަންކަމަށް އެ ފައިސާ ޚަރަދު ކުރާ ކަމަށް އަދީބު ވިދާޅުވެފައިވާތީ ކަމަށް ޒިޔަތު ވިދާޅުވި އެވެ.

ޒިޔަތު އެއިން ކޮންމެ ދައުވާއަކަށް އެއްބަސްވަނީ އެއްވެސް މަޖުބޫރު ކަމެއް އޮވެގެންތޯ އާއި އިއުތިރާފްވަނީ އަމިއްލަ އިހްތިޔާރުގައި ތޯ ވަކިވަކިން ގާޒީ ސުުވާލު ކުރެއްވި އެވެ. ޒިޔަތު ބުނީ އޭނާއަށް އެއްވެސް މަޖުބޫރު ކަމެއް ނެތް ކަމަށާއި ދައުވާތަކަށް އެއްބަސްވަނީ އަމިއްލަ އިހްތިޔާރުގައި ކަމަށެވެ.

އެމްއެމްޕީއާރްސީގެ ޚިޔާނާތުގައި ބައިވެރިވެ ނުވަތަ އެޚިޔާނާތުން މަންފާ ލިބުނު ފަރާތްތަކުގެ ލިސްޓް 200 އާ ގާތް ކުރާ ކަމަށް ރަސްމީ މަސްދަރުތަކުން ބުނާއިރު މަައްސަލައިގެ ތަހުގީގެއް ހިންގައި ހުކުމަކާއި ހިސާބަށް ގޮސްފައިވަނީ ކުރީގެ ރައީސް، ރައީސް ޔާމީނާއި ކުރީގެ ނާއިބުރައީސް އަދީބާއި ޒިޔަތުގެ މައްސަލަތައް އެކަންޏެވެ. މީގެތެރެއިން ވެސް ޖަލުގައި ހުކުމް ތަންފީޒު ކުރައްވަނީ ރައީސް ޔާމީން އެކަންޏެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން