އަހުމަދު ޝާހް   18 ޑިސެމްބަރު 2020 - 22:54
އެމްޑީޕީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު
އެމްޑީޕީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު
ފަނޑިޔާރުގެއިން މިހާރު ޙުކުމް ނުވިއްކޭނެ ކަމަށް އެމްޑީޕީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެޖެންޑާ 19 ގައި ހިމެނޭ އެމްޑީޕީގެ ވަޢުދުތަކުގެ ތެރެއިން އިންތިޤާލީ އިންސާފުގެ ބިލް ތަސްދީޤުވުމާ ގުޅިގެން އެމްޑީޕީ ހަރުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނަޝީދު ވިދާޅުވީ، އެމްޑީޕީގެ އިންސާފުގެ ވަޢުދު ފުއްދާފައިވާ މިންވަރު ވަޒަން ކުރަށްވާނީ ދިވެހި ރައްޔިތުން ކަމަށެވެ. އެހެން ނަމަވެސް ރައްޔިތުންގެ ވަރަށްބޮޑު ޝަކުވާއެއް އޮތްކަން އެނގިވަޑައިގަންނަވާ ކަމަށާއި، އެއީ މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންނަށް ވީގޮތް އަދި ހޯދިފައި ނެތުން ކަން އެމަނިކުފާން ވިދާޅުވިއެވެ. އަދި ބޮޑު ޚިޔާނާތުގެ މައްސަލައަށްވެސް ޙައްލެއް ނުލިބޭކަމަށް ރައީސް ނަޝީދު އެއްބަސްވެ ވަޑައިގެންނެވިއެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ، ސުޕްރީމް ކޯޓަކީ ދެފުށްފެންނަ ގޮތަށް ޝަރީޢަތްކުރާ ތަނަކަށް ބަދަލުކުރެވިއްޖެ ކަމަށާއި، ފަނޑިޔާރުންގެ ޝަކުވާތައް ބަލައިގަނެ އެކަންތައްތަކާމެދު ފިޔަވަޅުއަޅަން ފެށިފައިވާ ކަމަށެވެ. އަދި ޝަރުޢީ ނިޒާމަކީ ރައްޔިތުން އިތުބާރުކުރާ ނިޒާމަކަށް ހެދުމުގެ މަސައްކަތް ކުރެވެމުންދާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"ޙުކުމެއް ނުވިއްކޭނެ މިހާރަކު. ނުވިއްކޭނެ ޙުކުމެއް. ވިއްކައިފިއްޔާ އަޅުގަނޑުމެންނަށް އިނގޭނެ. ބަލާނަން، ހޯދާނަން. ފިޔަވަޅު އަޅާނަން، ޖުޑީޝަލް ސަރވިސަސް ކޮމިޝަނުންވެސް، ރައްޔިތުންގެ މަޖިލީހުންވެސް." ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ، އިންތިޤާލީ އިންސާފުގެ އޮމްބަރޑްސްމަންގެ އޮފީހުން ހޯދޭ ޙައްލުތަކުގެ ތެރޭގައި ތެދު ހާމަ ކުރުމާއި މާފް ކުރުން ހިމެނޭ ކަމަށާއި، އަދި ބަދަލު ދިނުންވެސް ހިމެނޭ ކަމަށެވެ. އަދި އަނިޔާ ލިބިފައިވާ މީހުންގެ ޑާޓާބޭސްއެއް އެކުލަވާލެވޭނެ ކަމަށާއި، ތެދުހާމަކޮށް މާފް ކުރުމަށް ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމެއް މުޅިރާއްޖެއަށް ހިންގޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ މި ޤާނޫނުގެ މަޤްސަދަކީ މާފަށް އެދުމާއި، މާފް ކުރުން ކަމަށާއި، އެކަމުގެ ސަބަބުން ރާއްޖޭގައި ސުލްޙަ މަސަލަސްކަން ޤާއިމްކުރުންކަމަށެވެ. އަދި ރުޅިވެރިކަން ނައްތާލައި ހަސަދަވެރިކަން ފިލުވާލުންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެއިތުރުން ޙައްލު ނުލިބޭ މައްސަލަތަކުގައި ޖިނާޢީ ދަޢުވާކުރުމުގެ ފުރުސަތު މި ޤާނޫނުން ލިބިދޭކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން