އެމްޑީޕީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު
އެމްޑީޕީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު
ރާއްޖޭގެ ކުރީގެ ރައީސަކު ޖަލުގައި އޮންނެވުމަށް އެމަނިކުފާނު އެދިވަޑައިނުގަންނަވާ ކަމަށް އެމްޑީޕީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީ ހަރުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ރާއްޖޭގެ ޝަރުޢީ ނިޒާމަށް އިތުބާރު އޮތްކަމަށް ރައްޔިތުން މިހާރު ޤަބޫލުކުރާކަމަށާއި، ރައީސް ޔާމީނަށްވެސް އިސްތިއުނާފްގެ ހުރިހާ ފުރުސަތެއް ލިބިވަޑައިގަންނަވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑު މިކަމުގައި ދެކޭގޮތް ސާފު ކޮށްދީފިން. އަޅުގަނޑު ނޭދެން ރާއްޖޭގެ ކުރީގެ ރައީސަކު އެންމެ މިނެޓަކަށްވެސް ޖަލުގައި އޮންނާކަށް. އެހެން ނަމަވެސް ދިވެހިރާއްޖޭގެ ޢާއްމު ޤާނޫނުތައް، ޢާއްމު ހަމަތައް، ޢާއްމު އުސޫލްތައް އެބަ ހިފަހައްޓާން ޖެހޭ، ދަމަހައްޓާންޖެހޭ. ދިވެހިރާއްޖޭގެ ވެރިންނަށް، އަދި އަޅުގަނޑަށްވެސް އެބަ ސާފުވާންޖެހޭ ހިތަކަށް ލިބޭ އެއްޗެއް ނޫންކަން ވެރިކަމަކީ." ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ، ސިޔާސީ ޕާޓީއެއްގެ ލީޑަރެއްގެ ޙައިސިއްޔަތުން ރައީސް ޔާމީނާއި ދައްކަވަން ބޭނުންވާ ވަރަށް ބައިވަރު ވާހަކަ އެބަހުރި ކަމަށެވެ. އަދި ރައީސް ޔާމީން ޖަލުގައި އޮންނެވުމަކީ، އުފާފާޅުކުރަމުން ހަވާއަރުވަމުން ދުވާކަމެއް ނޫން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"ތިބޭފުޅުންނަށް ފަހަރެއްގައި ފާހަގަވެފައި އޮވެދާނެ އަޅުގަނޑު ޖަލަށްލާފައި ހަވާއެރުއްވުމާއި، ލަނގިރިޖެހުމާއި، ލަވަކިޔުމާ، މާބެހުމާ މިހުރިހާކަމެއް. ނަމަވެސް އަޅުގަނޑު ރައީސް ޔާމީން ޖަލަށްލީ ދުވަހު ވީ ދެރަ. އަޅުގަނޑަށް ރޮވުނު. އަޅުގަނޑު އެދޭގޮތެއް ނޫން އެއީކީއެއް." ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ޕީޖީ އަކީ ކުޅަދާނަ ބޭފުޅެއް ކަމަށާއި، އެމަނިކުފާނަށް އެމްއެމްޕީއާރުސީގެ މައްސަލާގައި ކުރިއަށްދާންވީގޮތް އެނގިވަޑައިގަންނަވާނެ ކަމަށެވެ. އަދި އެޓަރނީ ޖެނެރަލަށްވެސް ސަރުކާރަށް ބޭނުންވާ ޤާނޫނީ ލަފާދެއްވަން އެނގިވަޑައިގަންނަވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. މީގެއިތުރުން މަޖިލީހުގެ މެމްބަރުންނަކީވެސް މާ ދުރުވިސްނޭ ބައެއް ކަަމަށާއި، އެބޭފުޅުންނަށް ރަނގަޅު ޤާނޫނުތައް ހައްދަވަން އެނގިވަޑައިގަންނަވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އަދި އެމްއެމްޕީއާރުސީ މައްސަލާގައި މޫނަކަށް ބެލުމެއްނެތި އިންސާފު ޤާއިމްކުރާނެ ކަމަށާއި، ރާއްޖޭގެ ރައްޔިތުންނަށް އެމްޑީޕީ ނޫން ގޮތެއް ނެތްކަމަށް ރައީސް ނަޝީދު ވިދާޅުވަމުން ގެންދަވާ ވާހަކަފުޅު މިއަދުވެސް ވަނީ ތަކުރާރު ކުރަށްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން