ކުރީގެ ރައީސް މުޙައްމަދު ނަޝީދު
ކުރީގެ ރައީސް މުޙައްމަދު ނަޝީދު
މިއަދު ތަސްދީޤުކުރި ފުލުހުންގެ ބިލާއެކު، ފުލުހުންނަށް އޮތީ އުންމީދީ ކުރިމަގެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިއަދު ވަނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ބިލު ތަޞްދީޤުކުރައްވައިފައެވެ. މި ބިލަކީ، 6 ޑިސެންބަރު 2020 ވި އާދީއްތަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2020 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 27 ވަނަ ޖަލްސާގައި ފާސްކުރެއްވި ބިލެކެވެ.

މިބިލް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ތަސްދީގު ކޮށްދެއްވުމުން ރައީސް އަށް ޝުކުރު ދަންނަވާ ކުރެއްވި ޓްވީޓުގައި ރައީސް ނަޝީދު ވިދާޅުވީ މި ބިލަށް ގެނެވުނު އިސްލާހު ތަކަކީ ދިވެހި ފުލުހުންގެ މުއައްސަސާގެ އެތައް ބަޔަކާއި، އެތައް ދިވެހި ރައްޔިތުންނެއް ނުހަނު އެދި އެދި ތިބި އިސްލާހުތަކެއް ކަމަށެވެ.

"މިކަމުން ދިވެހި ފުލުހުންނަށް އޮތީ އުންމީދީ ކުރިމަގެއް." ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.



މިބިލު ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ތަސްދީޤު ކުރެއްވުމާއެކު ފުލުހުންގެ ޤާނޫނު ގެ ދަށުން ޤާއިމުކުރެވިފައިވާ "މޯލްޑިވްސް ޕޮލިސް ސަރވިސް" މި ޤާނޫނުގެ ދަށުން އުފައްދާ "ދިވެހި ފުލުހުންގެ ޚިދުމަތް" ގެ ގޮތުގައި ބަދަލުވާނެއެވެ.

އަދި ޕޮލިސް ބޯޑް އެކުލަވާލާތާ ހަތަރު މަސް ދުވަހުގެ ތެރޭގައި ޕޮލިސް ކޮމިޝަނަރު ފިޔަވާ ސުޕްރިޓެންޓެންޑުން ފެށިގެން މަތީގެ ރޭންކުތަކުގައި ތިއްބެވި ފުލުހުން ޢައްޔަންކުރާ ގޮތަށް ބަދަލުވެގެންދާނެއެވެ. މީގެ އިތުރުން ދިވެހި ފުލުހުންގެ ޚިދުމަތަކީ ލާމަރުކަޒީ އުސޫލުން ފޯރުކޮށްދޭ ޚިދުމަތަކަށް ހެދުންވެސް މި ބިލްގެ މަޤްސަދުތަކުގެ ތެރޭގައި ހިމެނެއެވެ.

ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަޞްދީޤުކުރެއްވުމާއި ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރައްވާފައެވެ. މި ޤާނޫނަށް ޢަމަލުކުރަން ފެށުމަށް ހަމަޖެހިފައި ވަނީ މި ޤާނޫނު ތަޞްދީޤުކޮށް، ގެޒެޓުގައި ޝާއިޢުކުރައްވާތާ ތިން މަސްދުވަސް ހަމަވާ ތާރީޚުން ފެށިގެންނެވެ. މި ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، ފުލުހުންގެ ޤާނޫނު އުވުނީއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން