ސުޕްރީމް ކޯޓު
ސުޕްރީމް ކޯޓު
"ވާނުވާ" ބަންދު ނުވަތަ ޝަރީޢަތް ނިމެންދެން ބަންދު ކޮށްފައިތިބޭ މީހުންގެ ބަންދު، ކޮންމެ 30 ދުވަހަކުން މުރާޖައާ ނުކުރެވުނު ނަމަވެސް އެފަދަ މީހުން ބަންދުން ދޫކުރަން ނުޖެހޭނެ ކަމަށް ސުޕްރީމް ކޯޓުން މިއަދު ކަނޑައަޅައިފި އެވެ.

ސުޕްރީމް ކޯޓުން މިއަދު ނިންމާފައިވަނީ، ބަންދުގައި ބޭތިއްބެނީ ގާނޫނު އަސާސީން ބަޔާންކުރާ ހަތަރު ހާލަތުން ކުރެ ހާލަތެއް މެދުވެރިވެގެން ކަމަށް ވާއިރު، ބަންދު މުރާޖަޢާ ނުކުރާ ކަމަށް ބުނެ ބަންދުން ދޫކުރަން ޖެހުމަކީ ގާނޫނުގެ މަގްސަދު ނޫން ކަމަށާއި، ޝަރީއަތް ނިމެންދެން ބަންދު ކުރަން ފަނޑިޔާރަކު ނެރޭ އަމުރު ބާތިލު ކުރުމުގެ ކުރިން، ކޯޓު އަމުރަކުން ބަންދުކޮށްފައިވާ މީހަކު ދޫވާނެ ކަމަށް ޖިިނާއީ އިޖުރައާތުގެ ގާނޫނު މާނަ ނުކުރެވޭނެ ކަމަށެވެ.

މިހާރު ޢަމަލުކުރަމުންދާ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބުނާ ގޮތުން ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ތިބޭމީހުންގެ ބަންދު ކޮންމެ 30 ދުވަހަކުން މުރާޖަޢާ ކުރަން ޖެހެއެވެ. އެކަމާ ގުޅިގެން ސުޕްރީމްކޯޓުން މިއަދު ނިންމާފައިވަނީ ގާނޫނުގައި ކަނޑައަޅާފައި އޮތް ނަަމަވެސް، އެ މުއްދަތުގައި ބަންދު މުރާޖަޢާ ނުކުރުމުން ބަންދުގައި ތިބި މީހުން ދޫކޮށް ނުލެވޭނެ ކަމަށެވެ. އަދި ގާނޫނުގައި ބުނާ އިޖްރާއަތާ ހިލާފްވާ ކޮންމެ ފަހަރަކީ، މުޅި މައްސަލަ ބާތިލްވެ، ބަންދުގައި ހުންނަ މީހާ ދޫކޮށްލަން ޖެހޭނެ ހާލަތެއް ނޫން ކަމަށާއި ބައެއް އިޖްރައާތުތައް ރަނގަޅު ކުރުމުގެ ފުރުސަތު އޮންނަ ކަމަށެވެ.

އަދި ބަންދު މުރާޖަޢާ ކުރުމުގެ އިޖުރާޢަތަކީ މުޅި މައްސަލައަށް އޭގެ ސަބަބުން އަސަރެއް ކުރާނެ ކަމެއް ނޫން ކަމަށާއި، ނަމަވެސް ޤާނޫނުގައި ބުނާ މުއްދަތުގައި އެކަން ކުރުމަށް އިހުމާލުވާ ފަރާތްތަކާމެދު ފިޔަވަޅު އަޅައި އެ އިޖުރާޢަތު ރަނގަޅު ކުރެވޭނެ ކަމަށެވެ.

ދާދި ފަހުން ހައިކޯޓުން ވަނީ ބަންދުގެ މައްސަލާގައި ދެ ގޮތަކަށް ޙުކުމް ކޮށްފައެވެ. އެގޮތުން ތިން މީހެއްގެ ބަންދު މުރާޖައާ ނުކުރި ނަމަވެސް، ބަންދުން ދޫކުރަން ނުޖެހޭނެ ކަމަށް ނިންމާފައިވާއިރު، އެކަކުގެ ބަންދު ރިވިއު ނުކުރުމުން ވަނީ ދޫކޮށްލާފައެވެ. އެ މައްސަލަ ސުޕްރީމްކޯޓުގައި އިސްތިއުނާފް ކުރީ އަނެއް ތިން މީހުންގެ ފަރާތުންނެވެ.

މި މައްސަލަ ސުޕްރީމް ކޯޓުން މިއަދު ނިންމެވީ، ފަނޑިޔާރު ހުސްނުއް ސުއޫދާއި ފަނޑިޔާރު އަލީ ރަޝީދު ހުސައިނާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން