ބޭންކް އޮފް މޯލްޑިވްސްގެ ނަމުގައި ފޭކް ލިޔުމެއް ދައުރުވަމުން ދާތީ އެ ބޭންކްގެ ކަސްޓަމަރުން ސަމާލުވުމަށް ބޭންކުން އިލްތިމާސް ކޮށްފިއެވެ.

ބޭންކުން ބުނީ، ބޭންކް އޮފް މޯލްޑިވްސް ޑެބިޓް އަދި ކްރެޑިޓް ކާޑުން ރާއްޖޭން ބޭރުގެ މުއާމަލާތް ކުރެވޭނެ އާ އަދަދުތަކެއް ކަނޑައަޅައި ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތައް ކުރެވޭނެ އަދަދުތައް މިއަދު ދަށް ކޮށްފައިވާ ކަމަށް ބުނެ ފޭކް ލިއުމެއް ދައުރުވާން ފަށައިފައިވާ ކަމަށެވެ.

އެހެން ނަމަވެސް ބޭންކް އޮފް މޯލްޑިވްސް އިން ދޫކޮށްފައިވާ ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްކުރެވޭނެ އަދަދަށް ބަދަލު ގެނައުމާ ގުޅޭ ގޮތުން ރަސްމީކޮށް އެއްވެސް މައުލޫމާތެއް ހާމަކޮށްފައި ނުވާނެކަމަށް ބޭންކުން ވަނީ ބުނެފައެވެ. އަދި ބޭންކުން ނިންމާ ނިންމުންތަކާ ގުޅޭ މައުލޫމާތު އަބަދުވެސް ކަސްޓަމަރުންނާ ހިއްސާކުރަމުންދާނެ ކަމަށް ބޭންކުން ބުނެފައިވެއެވެ.

ބީއެމްއެލްގެ ލެޓަރހެޑްގައި ލިޔެފައިވާ ފޭކް ބަޔާނުގައި ބުނެފައިވަނީ، ޖެނުއަރީ 17 ވަނަ ދުވަހުން ފެށިގެން އެ ބޭންކުގެ ކޮންމެ ކާޑެއްގެ ވެސް ކްރެޑިޓް ލިމިޓަކީ 150 ޑޮލަރު ކަމަށެވެ. އަދި ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް ވެސް ބީއެމްއެލް ކާޑަކުން ކެނޑޭނީ 150 ޑޮލަރު ކަމަށެވެ.

ކޯވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން ބީއެމްއެލް ކާޑުތަކުން މަހެއްގެ މައްޗަށް ރާއްޖެއިން ބޭރުން މުއާމަލާތު ކުރެވޭ އަދަދު އެންމެ ފުރަތަމަ ދަށްކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ފަހުކޮޅު އެވެ. އޭރު ލިމިޓަކީ މަހަކަށް 250 އެމެރިކާ ޑޮލަރެވެ. ބީއެމްއެލްގެ އިތުރުން ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިން ވެސް މިހާރު ވަނީ ރާއްޖޭގެ ބްރާންޗުތަކުގެ ކާޑުތަކުން ބޭރުގައި މުއާމަލާތް ކުރެވޭ ލިމިޓް ދުވާލަކަށް 100 ޑޮލަރަށް ދަށްކޮށްފަ އެވެ.



ކިޔުންތެރިންގެ ހިޔާލު